ވިޔަފާރި

އެސްޓީއޯ އިން ޝިޕިން ވިޔަފާރިއަށް ނުކުންނަނީ

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ޝިޕިން ވިޔަފާރިއަށް ނުކުންނަން މަސައްކަތް ކުރަން ވިސްނާ ކަމަށް ބުނެފި އެވެ.

އެސްޓީއޯ އިން ދަރުބާރުގޭގައި މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ހިއްސާދާރުންނަށް ރަނގަޅު ފައިދާއެއް ހޯދައިދޭން ކަމަށާ، ކުންފުނީގެ އަމާޒަކީ ވެސް އެއީ ކަމަށެވެ. މިގޮތުން ކުންފުނީގެ ހަރަދު ކުޑަކޮށް އެފިޝެންސީ އިތުރު ކުރަން މަސައްކަތް ކުރައްވާ ކަމަށް މިރޭ އަމްރު ވިދާޅުވި އެވެ.

"އަހަރަކު ރާއްޖެ އަށް 70،000 ކޮންޓެއިނަރު އެތެރެކުރޭ. މިއީ ދުވާލަކު 190 ކޮންޓެއިނަރު. އެސްޓީއޯއަށް ގެނޭ މަހަކު 200 ކޮންޓެއިނަރު. އެހެންވެ އަޅުގަނޑުމެން ގަބޫލު ކުރަނީ މިއީ ނުވަދެ ތިބުމަށްވުރެ އެސްޓީއޯ ވަންނަންޖެހޭ ވިޔަފާރިއެއް ކަމަށް. މީގެ ސަބަބުން ހަރަދު ކުޑަވެގެންދާނެ. މިއާއެކު ފައިދާ ވެސް ބޮޑުވާނެ،" އަމްރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ އެ ކުންފުންޏަށް 54 އަހަރުވެފައިވާއިރު އެސްޓީއޯ އުފެދިގެން އައީ ފުޑް ސެކިއުރިޓީ ޔަގީން ކޮށްދޭން ކަމަށާ، އެހެންވެ ފުޑް ޕްރޮސެސިންގެ ވިޔަފާރިއަށް ނުކުންނަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާލަން ޖެހޭ، އަޅުގަނޑުމެން ކައި ބޮއި އުޅޭ ހުރިހާ ސާމާނެއް މި ގެންނަނީ ބޭރުން. ރާއްޖޭގައި ދަނޑުވެރިކަން ފުޅާކޮށް، އެސްޓީއޯއިން އެ ޑިސްރިބިއުޝަންގެ ތެރެއަށް ވަދެ. އެހެވެއްޖެނަމަ އެ ވާނީ އެސްޓީއޯއަށްވެސް ލިބޭ ފައިދާ އަކަށް އަދި މުޅި ރާއްޖެ އަށް ވެސް ލިބޭ ފައިދާ އަކަށް. އެއީ އެސްޓީއޯއަކީ، މިއީ އެންމެންގެ އެސްޓީއޯއަކީ،" އަމްރު ވިދާޅުވި އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ ކުންފުނި، އެސްޓީއޯއަށް މިދިޔަ އަހަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ 9.4 ބިލިއަން ރުފިޔާ އެވެ. މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 1.9 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިއީ ޕަސެންޓޭޖުން ބަލާނަމަ 25 ޕަސެންޓުގެ އިތުރު ވުމެކެވެ.