ކުރީގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށްޓަކައި އެ ދަރަނި ރަނގަޅަށް މެނޭޖްކުރެވޭނެ ގޮތްތައް ހޯދުމަށް އެމެރިކާގެ އިތުރުން ޖަޕާނު ސަރުކާރުގެ ލަފާވެސް ހޯދަމުން އަންނަ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ދެއްވި އިންޓަވިއުއެއްގެ ތެރެއިން، ޗައިނާއަށް އޮތް ދަރަންޏާ ގުޅިގެން ކުރެވުނު ސުވަލާކަށް ޖަވާބު ދެއްވަމުން، ޝާހިދު ވިދާޅުވީ ޗައިނާއިން ދީފައިވާ ބައެއް ލޯނުތައް ނަގާފައިވަނީ ވަރަށް ބޮޑު އިންޓަރެސްޓް ރޭޓުތަކުގައި ކަމަށެވެ.
"މި މައްސަލަ ކުރިމަތިވެފައިވާ އެހެން ގައުމުތަކެކޭ އެއް ގޮތަށް ރާއްޖެވެސް އެބަޖެހޭ އެ ދަރަނި އަނބުރާ ދެއްކޭނެ ތަންކޮޅެއް ލުއި ގޮތްތަކެއް ހޯދަން،" ޝާހިދު ވިދާޅުވި އެވެ.
"ރާއްޖޭން އެ ދަރަނި ރަނގަޅަށް މެނޭޖުކުރުމަށްޓަކައި، އެމެރިކާގެ ޓްރެޜަރީއާ ޖަޕާނު ސަރުކާރުގެ ލަފާވެސް ހޯދަމުން މިދަނީ."
ޝާހިދު އިތުރަށް ވިދާޅުވިގޮތުގައި. އެކަމުގައި އިންޑިއާ އާއެކު ވެސް ވަރަށް ގާތުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި ޗައިނާއަށް ދަރަނި ދެއްކުމުގެ ތަޖުރިބާހުރި ސްރީލަންކާ އަދި މެލޭޝިއާ ފަދަ ގައުމުތަކުގެ އެހީތެރިކަމާ ލަފާ ވެސް ހޯދާނެ ކަމަށެވެ.
"އަޅުގަނޑުމެން ނުޖެހޭ ހައްލެއް އީޖާދުކުރާކަށް. މި މައްސަލަ ތަޖުރިބާކޮށްފައިތިބި ބައިވަރު ގައުމުތައް އެބަހުރި. އެހެންވީމަ އެ ގައުމުތަކުގެ ތަޖުރިބާތަކުން ރާއްޖެއަށް ދަސްކުރެވޭނެ ފިލާވަޅުތަކެއް ހުންނާނެ،" ޝާހިދު އިތުރަށް ވިދާޅުވި އެވެ.
ޗައިނާއިން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގިނަ ލޯނުތަކެއް ނަގާފައިވާއިރު އެ ގައުމަށް އޮތް ދަރަނީގެ އަދަދު 1.4 ބިލިއަން ޑޮލަރަށް ވަނީ އަރާފަ އެވެ. އެ ލޯނުތަކަކީ އިންޓްރެސްޓް ރޭޓް ބޮޑުކޮށް، ރާއްޖެއަށް ގެއްލުންވާ ގޮތަށް ނަގާފައިވާ ލޯނުތަކެއްކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ. އަދި ޗައިނާއާއެކު ވެފައިވާ ބައެއް އެއްބަސްވުންތަކުގެ ތަފްސީލުތައް ފެންނަންނެތް ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެގޮތުން ކުރީގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތައް ވަރަށް ތަފްސީލުކޮށް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.