ރޯދަ މަހާ ރޯއްޖާ

ހުރިހާ ހާލަތެއްގައި ކެތްތެރިވާން ދަސްކުރުން!

ކެތްތެރިކަމަކީ އެންމެ މުހިންމު އެއް ސިފަ އެވެ. ކެތްތެރިކަން މާނަ ކުރެވިދާނެ ތަފާތު ގިނަ ގޮތް ތަކެއް ވެއެވެ. ޝަކުވާކުރުމެއްނެތި ކަމެއް ތަހައްމަލްކުރުން ނުވަތަ ކަމަކަށް އިންތިޒާރު ކުރުމުގެ މާނައިގައި ކެތްތެރިކަން ބެލެވިދާނެ އެވެ.

ހަޔާތުގައި ކެތްތެރިވާންޖެހޭ ވަރަށް ގިނަ ހާލަތްތައް މެދުވެރިވެއެވެ. މިސާލަކަށް ޑޮކްޓަރަށް ގޮސް ނަމްބަރާ ޖެހެން ދެން މަޑުކޮށްލައިގެން އިންނަންޖެހުމާއި ދޮށި އެއްލުމަށްފަހު މަސް ގަނޭތޯ އިންނަ އިނުމާއި ކެފޭއަކަށް ގޮސް މީރު ކާއެއްޗަކަށް އޯޑަރު ދީ ކެއުން ތައްޔާރުވަންދެން މަޑުކުރަންޖެހުން މިއީ ހައްތަހާވެސް އާއްމު ދިރިއުޅުމުގައި ކެތްތެރިވާންޖެހޭ ބައެއް ހާލަތްތަކެވެ.

ކެތްތެރިކަމުގެ އުކުޅު ދަސްވެފައިވާ މީހުން މިގޮތަށް ދިމާވާ ހާލަތްތަކާއި ކުރިމަތިލަނީ ވަރަށް ހަމަޖެހިލައިގެން، މަޑުމައިތިރިކަމާއެކުގަ އެވެ. ދަރީންނަށް މި އުކުޅު ދަސްކޮށް ދިނުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ. އެހެނީ އޭގެ ސަބަބުން ކުދިންގެ ދިރިއުޅުމަށް ހަމަޖެހުން ގެނެސްދީ، މައިންބަފައިންގެ ހައިސިއްޔަތުން ކުދިންގެ ކެތްތެރިކަމުގެ ސަބަބުން ފަސޭހަތަކެއް ވެސް ވާނެތީ އެވެ.

ވަށައިގެންވާ މާހައުލުން މިސާލު ނަގައިފި ނަމަ ކުދިންނަށް ތަންކޮޅެއް ފަސޭހައިން މި ވާހަކަތައް ފަޚުމްވާނެ އެވެ.

ކުޑަ ދޫނި ދުނިޔެއަށް އުފަންވަންދެން މަންމަ ދޫނި އޭނާގެ ބިސް ބަނޑުދަށުލައިގެން ކެތްތެރިކަމާއެކު އިންނަ ގޮތް ކިޔައި ދޭށެވެ. ހަމަ އެގޮތަށް ކޮކާފަނި ރީތި ކޮކާލަކަށް ބަދަލުވުމުގެ ކުރިން "ކޮކޫން" ތެރޭގައި ވޭތުވާ ދެ ހަފުތާގައި ކަން ހިނގާ ގޮތުގެ މައްޗަށް އަލި އަޅުވައިލާށެވެ. ނިރުގައިވާ ކެޔޮގަނޑު ދޮންވުމުން އެއިން ދެން ކެޔޮވަކެއް ކާލުމުގެ ކުރިން ހެޔޮވަރަށް ދޮންވެ ފައްކާ ވަންދެން ބައިންދަން ޖެހެނީ ކީއްވެކަން ބުނެދޭށެވެ.

މީގެ މުހިއްމުކަން ކުދިންނަށް ދައްކާލައި ދިނުމުގެ ގޮތުން ރޯދަ ވީއްލާ ގަޑިއަށް މީރު ޗޮކްލެޓް ކޭކެއް ތައްޔާރުކޮށްލަމާ ހިނގާށެވެ.

ކުދިން ބައިވެރިކޮށް ކޭކު ފުށްގަނޑު ގިރާލާ ތައްޔާރުކޮށް އަވަނަށްް ލާށެވެ. އެއަށްފަހު ކުދިންނާއި ވާހަކަ ދައްކާލާށެވެ. ކޭކު ތައްޔާރު ކުރުމަށް މަންމަ ކުރަންޖެހޭ ހުރިހާ މަސައްކަތެއް މިވަނީ ކޮށް ނިމިފައެވެ. ނަމަވެސް އަދިވެސް ކޭކް ކާލެވޭ ވަރެއް ނުވެއެެވެ. ކޭކު ރަނގަޅަށް ފިހެވެން ދެން ވަގުތު ކޮޅަކަށް އަވަނުގައި ބާއްވާލަން ޖެހެ އެވެ. ކޭކަށް އަންނަންޖެހޭ ފުރިހަމަކަން ނާންނަނީސް އެ ނަގައިފިނަމަ ވާނޭ ގޮތް ކިޔާލައިދޭށެވެ. ރަނގަޅަށް ނުފިހެވެނީސް އަވަނުން ނަގާ ދައްކާ ވެސް ލެވިދާނެ އެވެ. މީގެ ބޭނުމަކީ ކެތްތެރިކަމުގެ ނަތީޖާ ފޮނި ވާނެ ކަން ކުދިންނަށް ބުނެދިނުމެވެ. އަދި އަވަސް އަރުވާލައިގެން ކެތްތެރިކަމެއް ނެތި ކަންކަން ކުރަން އުޅުމުން ގިނަ ފަހަަރަށް ބޭނުންވާ ނަތީޖާއާއި ހަމައަށް ވާސިލް ނުވެވޭކަން ބުނެދިނުމެވެ.

ކުދިން ލައްވާ ކޮށްލެވިދާނެ އެހެން މަސައްކަތެއްވެސް އެބައޮތެވެ. އަހަރެމެން ބޮޑެތި މީހުންނަށް ވެސް ތިނޯހަކަށް ރޮދިލެއްވުމަކީ އުނގަދޫ ކަމެކެވެ. އެތައް ފަހަރަކު މަސައްކަތްކޮށްގެން، ވަރަށް ކެތްތެރިވެގެން ނޫނީ ގިނަ ފަހަރަށް ކާމިޔާބެއް ނުވެއެވެ. އަހަރެމެންގެ ދަރިންނަށް އެ ކުދިންގެ ފެންވަރުން މި މަސައްކަތް ޖައްސަމާ ހިނގާށެވެ. ކުދިން ލައްވާ "ލޭސިން ކާޑް"އަކަށް ނާޑުވާ ފުރާލަން ދޭށެވެ. މިއީ ކެތްތެރިވްންޖެހޭ ވަގުތު އަމަލު ކުރަންވީ ގޮތް ކިޔާލައިދޭން ލިބިގެންދާނެ ރަނގަޅު ފުރުސަތެކެވެ.

ކެތްތެރިވާންޖެހޭ ވަގުތު ކަންތައް ކުރަންވީ ކިހިނެތް ހެއްޔެވެ؟

ނަބީ ބޭކަލުންގެ ވާހަކަތަކުން ވެސް ކުދިންނަށް ކަންކުރަންވީ ގޮތުގެ މިސާލު ދެއްކިދާނެ އެވެ. ބޮޑުމަހުގެ ބަނޑުތެރޭގައި ޔޫނުސްގެފާނު އިންނެވީ އެކަލޭގެފާނަށް މެދުވެރިވި ހާލަތު ފުރިހަމައަށް ބަލައިގަންނަވައިގެންނެވެ. މަހުގެ ބަނޑުތެރޭގައި އިންނަވަން ޖެހިވަޑައިގަތް ވަގުތު، ލިބިވަޑައިގެންނެވި ވަގުތުގެ ބޭނުން ފުރިހަމައަށް ހިއްޕަވާ ﷲ އަށް ދުޢާ ދެންނެވުމުގައި އިންނެވި އެވެ. ޔައުޤޫބު އަލައިހިއްސަލާމަށް އެކަލޭގެފާނުގެ ދަރިކަލުން ޔޫސުފްގެފާުނު ގެއްލިވަޑައިގަތުމުން ޝަކުވާ ކުރެއްވުމެއް ނެތި، ހިތްވަރު އެލުވައި ނުލާ ޔޫސުފްގެފާނަށް އެތައް އަހަރެއްވަންދެން ކެތްތެރިކަމާއިއެކު އިންތިޒާރު ކުރެއްވި ކުރެއްވުން ކުދިންނަށް ހަނދުމަކޮށް ދޭށެވެ.

މިވާހަކަތަކުން ކެތްތެރިވާންޖެހޭ ހާލަތްތަކުގައި އަމަލު ކުރަންވީ ގޮތް އެނގިގެންދެ އެވެ .ފުރަތަމަ ކަމަކީ ހާލަތު ބަލައިގަތުމެވެ. ޝަކުވާ ނުކުރުމެވެ. އިތުރަށް މަޑުކުރަންޖެހޭ ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމެވެ. ހިތްވަރު އެލުވާނުލާ ހާސިލް ކުރަން ބޭނުންވާ ކަންތައް ކާމިޔާބުވަން ދެން ގަދައަޅާ މަސައްކަތް ކުރުމެވެ.

ޕާކަށް ގޮސް އުނދޯއްޔަށް އެރުމަށް ބުރު ނުޖެހިގެން ކެތްމަދުވެފައި ހުންނަ ވަގުތު ދަރިފުޅު ބައެއް ފަހަރު ބުނެއެވެ. މަންމާއެވެ! ދެން ކެތެއް ނުކުރެވޭނެ އެވެ. އެވަގުތު އަޅުގަނޑުމެންގެ ރަސޫލާގެ މިހަދީޘް ދަރިފުޅަށް ހަނދާންކޮށްލަދެމެވެ. "ކެތްތެރިވާ މީހުންނަށް ﷲ ކެތްތެރިކަން ދެއްވަ އެވެ". އެއީ މިހަދީޘުން ކެތްތެރިވާން މަސައްކަތް ކުރާ ކުއްޖަކަށް ކެތްތެރިވުމުގައި ﷲގެ މަދަދު ލިބިގެންވާކަމުގެ ޔަޤީންކަންލިބި ހިތްހަމަޖެހުން ގެނެސްްދޭނެތީއެވެ.