އެސްޓީއޯއަށް އަބަދު ވެސް ދިމާވާ ދައްޗަކީ ބޭރު ފައިދާ ހޯދުމެވެ. ރާއްޖެއަށް ބޭނުންވާ ބޭހާއި ތެޔޮ އެތެރެކުރާ މައި މި ކުންފުނީގައި އަބަދު ވެސް މި ނުތަނަވަސްކަން އޮވެ އެވެ. އެހެންވެ އެކި މެނޭޖުމަންޓުތަކުން މިކަން ހައްލު ކުރާނެ އުކުޅުތައް ބަލަ އެވެ. އެގޮތުން 2007 ވަނަ އަހަރު މިކަން ހައްލު ކުރުމަށްޓަކައި އޭރުގެ މެނޭޖުމަންޓުން ނިންމީ ޓޫރިޒަމްގެ ވިޔަފާރީގެ ތެރެއަށް ނުކުތުމަށެވެ. އާ ވިޔަފާރިއެއްގައި އާ އުންމީދަކާއެކު ފެށި މި ދަތުރުގެ ފުރަތަމަ މަންޒިލަކަށް ހެދީ ހުޅުމާލޭގެ އެންމެ ޕްރިމިއަމް ލޮކޭޝަންގައި އޭރު ހުޅުމާލޭގައި ހުރި އެންމެ އުސް އިމާރާތް ހެދުމެވެ. އެކަމަށްޓަކައި އެމެރިކާގެ ކާލްސަން ގްރޫޕާއެކު "ރެޑިސަން ބްލޫ" ގެ ނަމުގައި ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި އެވެ. ހޮޓަލުގެ މަސައްކަތް ހަލުވިކޮށް ހުޅުވާނެ ތާރީހު ވެސް ފައިނަލް ކުރި އެވެ. އެކަމަކު މި އެއްބަސްވުމަށް 12 އަހަރުވެގެން ދާއިރު އަދި ވެސް މި ހޮޓާ ހުޅުވޭ ގޮތެއް އެ ކުންފުންޏަކަށް ނުވެ އެވެ. އެހެންވެ މިހާރު އެންމެ ފަހުން މި ހޮޓާ ވެފައި ވަނީ އެސްޓީއޯގެ ބޮލުގައި އެޅިފައިވާ މާލީ ބޮލުގެ ރިހުމަކަށެވެ.
ރާއްޖޭގައި ކާމިޔާބުކަމާއެކު ޓޫރިޒަމް ޕްރޮޕަޓީތައް ތަރައްގީކޮށް ހުޅުވާއިރު، އެސްޓީއޯއަށް މިކަން ނުވީ ކީއްވެގެން ހެއްޔެވެ؟ އިންވެސްޓަރެއް ނުވީ ހެއްޔެވެ؟
އެސްޓީއޯ އިން ޓޫރިޒަމަށް ނުކުނަން ބޭނުންވެ ހުޅުމާލޭގައި ހޮޓަލެއް ހަދަން ބިން ނެގީ 25 އަހަރަށެވެ. އަދި އެތަން ނަގާފައިވަނީ 2033 ވަނަ އަހަރާ ހަމައަށެވެ. ފުރަތަމަ އެއްބަސްވުމުގެ ދަށުން އެޗްޑީސީއަށް އަހަރަކު އެނދަކަށް 15،000 ޑޮލަރު ދައްކާ ގޮތަށެވެ. މި އަދަދަކީ އަހަރަށް ބަލާނަމަ އެއީ ގާތްގަނޑަކަށް 4.5 މިލިއަން ޑޮލަރެވެ.
އެސްޓީއޯ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި ފުރަތަމަ ކުލީގެ ގޮތުގައި ދައްކަން އެއްބަސްވެފައިވަނީ ބޮޑު އަދަދު ބޮޑުކަން ރިއަލައިޒްވެ، އެ އަދަދު ދަށްކުރި ކަމަށެވެ.
"އެ އަދަދު [އެޗްޑީސީ އަށް ދައްކަން ޖެހުނު] އަދަދަކީ ފީސިބަލް އަދަދަކަށް ނުވާތީ، 2014 ވަނަ އަހަރު އެއްބަސްވި އެނދަކަށް 2400 ޑޮލަރު، އަހަރު 1.2 މިލިއަން ޑޮލަރު ދައްކަން. ކުޑަކުރީ،" އަމްރު ވިދާޅުވި އެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 250 ކޮޓަރީގެ ހޮޓަލަށް ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. މި ހޮޓަލުގެ މަޝްރޫއު ފަށައިގެންފައިވަނީ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. އެގޮތުން އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ފެށީ، 2011 ވަނަ އަހަރު އެވެ. އަދި ޖެހިގެން އައި އަހަރު ތައި އެގްޒިމް ބޭންކާއެކު ލޯނު އެގްރީމެންޓުގައި ސޮއިކުރި އެވެ. އަދި 2013 ގައި ކޮންޓްރެކްޓަރުން އައްޔަން ކޮށް މަސައްކަތް ބާރަށް ކުރިދިޔަ އެވެ.
މި ދުވަސްތަކުގައި ތައި އެގްޒިމް ބޭންކުން ނެގި ލޯނުގެ ތެރެއިން 10 މިލިއަން ޑޮލަރުވަނީ ހަރަދުކޮށްފައިވެ އެވެ. އަދި ހޮޓާ ނިންމުމަށް ގިނަ ތާރީހުތަކެއް ވެސް ވަނީ ދީފަ އެވެ. ފުރަތަމަ ހޮޓާ ނިމޭނެ ކަމަށް ބުނީ ފުރަތަމަ 2010 ވަނަ އަހަރު އެވެ. އަދި އޭގެފަހުން ބުނީ 2013 އެވެ. އަދި 2015 ގައި ވެސް މި ހޮޓާ ހުޅުވަން ކިއެވެ. ނަމަވެސް ހޮޓާ ނުހުޅުވި ގެއްލުންވެ، ހަމައެކަނި ބިމު ކުލީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް އެޗްޑީސީ އަށް ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ދައްކަން ޖެހިފަ އެވެ.
މައްސަލައަކީ ސަރުކާރުން ވަނުން
އެމެރިކާގެ ކާލްސަން ކުންފުންޏާއެކު 2008 ވަނައަހަރު ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. މިގޮތުން އެއް އެއްބަސްވުމަކީ ހޮޓާ ނިންމައި، ހޮޓާ ހިންގަން ވެވުނު އެއްބަސްވުމެކެވެ. އަނެއް އެއްބަސްވުމަކީ ސާވިސް އެގްރީމެންޓަކާއި ކޮންސެލްޓެންސީ ދޭންވެފައިވާ އެއްބަސްވުމެކެވެ. އެހެންވެ އެސްޓީއޯގެ މެނޭޖުމަންޓުން ބެލީ ވީ އެންމެ އަވަހަށް ހޮޓާ ނިންމުމަށެވެ. އެގޮތުން ހޮޓަލުގެ މަސައްކަތް ހަލުވިކޮށް ކުރިއަށް ގޮސް 55 ޕަސެންޓް މަސައްކަތް ނިންމައިލި އެވެ. ނަމަވެސް 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުން އަންގައިގެން މަސައްކަތް ހުއްޓާލި އެވެ. ދެން ރައީސް އޮފީހުން 2015 ވަނަ އަހަރު ސިޓީއެއް އައީ ހޮޓާ ވިއްކާލާށެވެ.
އެމްޑީ އަމްރު ވިދާޅުވި ގޮތުގައި ހޮޓަލާ ވިއްކަންލަން ރައީސް އޮފީހުން ސިޓީ އައުމާ ހަމަށް ބޮޑު ހޭދައެއް ކޮށްފައި ވެއެވެ.
"މިހާތަނަށް 42.9 މިލިއަން ޑޮލަރު ހަރަދު ކުރެވިފައިވޭ. 23.6 މިލިއަން ޑޮލަރު ކޮންސްޓްރަކްޝަންއަށް ހޭދަކުރި. ބިޑް ކާމިޔާބު ކުރަން އެޗްޑީސީ އަށް 4.5 މިލިއަން ޑޮލަރު ދެއްކި. އެކި ގޮތް ގޮތަށް ކޮންޓްރެކްޓަރުންނަށް ދެވިފައިވޭ 3.6 މިލިއަން ޑޮލަރު. މަޝްރޫއު ޑިލޭވުމުން ލޯނަށާއެކު 11.6 މިލިއަން ޑޮލަރު ދައްކާފައިވޭ،" އެސްޓީއޯއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މާލީ ބުރައާ ބެހޭ ގޮތުން އަމްރު ވިދާޅުވި އެވެ.
އޯޑަރުދިން ސާމާނު "މުސްކުޅި" ވެއްޖެ!
މީގެ 12 އަހަރު ކުރިން އޯޑަރު ދިން އެއްޗެއް، ގެނެސް މިއަދު ބޭނުން ކުރެވޭނެ ހަމައެއްގޮތެއް ވެސް ނޯންނާނެ އެވެ. އެސްޓީއޯ ހޮޓަލަށް ޖެހިފައިވާ އަނެއް މައްސަލައަކީ މި އެވެ.
އަމްރު ވިދާޅުވި ގޮތުގައި މިހާރު ހައްލު ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި މަޝްރޫއަށް އޯޑަރުދިން ބައެއް ސާމާނު އައުޓްޑޭޓްވެފައިވުން ހިމެނެ އެވެ.
"ބައެއް ކޮންޓްރެކްޓަރުންނަށް އެބަހުރި އެޑްވާންސްކޮށް ފައިދާ ދެވިފައި، ބައެއް ތަކެތި ފޯރުކޮށްދިނުމަށްޓަކައި. އެހެންނަމަވެސް މި ހިސާބަށް އައިއިރު ބައެއް އެއްޗިއްސަކީ އައުޑްޑޭޓްވެފައި ހުރި އެއްޗިހި. އެހެންވެ މި އެއްޗިހި މިހާރަކު މި ހޮޓަލުގައި ބޭނުމެއް ނުކުރެވޭނެ. ހާއްސަކޮށް އައިޓީ ސާމާނު. ބައެއް ފަރުނީޗަރަކީ ވެސް ކާލްސަންއާއެކު ވެވުނު އެއްބަސްވުމުގެ ދަށުން އެ ބޭފުޅުންގެ ބައެއް ރިކުއާމަންޓް. އެހެންވެ އެބައި އެ ބޭފުޅުންނަކަށް ކަމަކު ނުދޭ،" އަމްރު ވިދާޅުވި އެވެ.
ވިއްކައެއް ނުލެވުނު، ނުއެއް ހުޅުވުނު!
އެސްޓީއޯ ހުޅުމާލެ ހޮޓަލަށް 60 މިލިއަން ޑޮލަރަށްވުރެ ބޮޑު އަދަދެއް ވަނީ ހޭދަކޮށްފަ އެވެ. ނަމަވެސް 12 އަހަރުވީއިރު ވެސް ހޮޓާ ހުޅުވޭނެ މަގެއް އަދި ނުފެނެ އެވެ. އަދި ކާލްސަން ގްރޫޕާއެކު ވެފައިވާ އެއްބަސްވުން އޮތް ގޮތުން "އިތުރު އިންވެސްޓަރެއް މިއާ ކައިިރިވާން" ވެސް ބޭނުމެއް ނުވެ އެވެ. އެއްބަސްވުން އޮތް ގޮތުން އެސްޓީއޯއަށް ފައިދާއެއް ވާނީ ކާލްސަންއަށް ފައިދާވި ދުވަހަކުންނެވެ މިއީ މައްސަލައެކެވެ.
އެމްޑީ އަމްރު ވިދާޅުވި ގޮތުގަައި ކާލްސަން ކުންފުންޏާއެކު އޮތް އެއްބަސްވުމުގެ ދަށުން ތިން މިލިއަން ޑޮލަރު ހޭދަކުރެވިފައި ވެއެވެ.
"ހޮޓާ ނިންމުމަށްފަހު މެނޭޖު ކުރަން ދޭން ޖެހޭނީ ކާލްސަން އަށް. ކާލްސަން އަށް ފައިދާވީމަ އެސްޓީއޯއަށް ފައިދާ ވާނީ. އެ ކުންފުންޏަށް ގެއްލުންވެއްޖެނަމަ އެސްޓީއޯއަށް ވާނީ ގެއްލުން. އެހެންވީމަ އެއްވެސް އިންވެސްޓަރަކު ކާލްސަން ގްރޫޕު މީގެ ތެރޭގައި އޮތްހާ ހިނދަކު އެެއްވެސް ބަޔަކު މީގެ ތެރެއަށް އަންނާކަށް ބޭނުމެއް ނުވޭ،" އަމްރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެސްޓީއޯ އަމިއްލަ އަށް އެ ހޮޓާ ހިންގަން އުޅުނުނަމަވެސް ކާލްސަން ގްރޫޕާއެކު ދެވެން "ހަގީގަތުގައި ނެތް" ކަމަށެވެ.
"މިއީ ވަރަށް ބޮޑު ޗެލެންޖެއް. އަދި އެބައޮން އެއްކަމެއް. މިއީ 2007 ވަނަ އަހަރުގެ ކޮންސެޕްޓެއް. އެހެންވެ ބައެއްކަހަލަ ބަދަލުތައް ޒަމާނާ އެއްގޮތަށް ގެންނަން އެބަޖެހޭ. އެހެންވެ މިއީ ކުރިއަށް އޮތްތަނުގައި ހިންގާނެ ހަރަދެއް."
އަމްރު ވިދާޅުވި ގޮތުގައި މި ހުރިހާ ކަމެއް މިހެން ހުރުމުން ހޮޓާ ވިއްކާލަން ބޭނުންވެ، އިއުލާނު ކުރި އެވެ. އަދި އެކަމަށް އެދި 10 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި އެވެ. މީގެ ތެެރޭގައި ރިސޯޓު ހިންގާ ދިވެހި ދެ ފަރާތާއި ބޭރުގެ އަށް ބްރޭންޑެއް ހިމެނެ އެވެ.
"އަޅުގަނޑުމެން ހުރިހާ މައުލޫމާތެއް އެ ބޭފުޅުންނަށް ހިއްސާ ކުރުމުން އެބޭފުޅުންގެ އެބަހުރި ދަތިތަކެއް މި ޕްރޮޖެކްޓާއިގެން ކުރިއަށްދާން. އެހެންވެ އެއްވެސް ބަޔަކާއެކު ކުރިއަށް ދެވޭނެ ގޮތެއް ނުވި،" އަމްރު ވިދާޅުވި އެވެ.
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުންޏަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މި އެވެ. ނަމަވެސް މިހާރުގެ މެނޭޖުމަންޓުން ތިބީ އުންމީދުގަ އެވެ. މިހާރު ކުރަމުންދާ މަސައްކަތުން އަލިމަގެއް ހޯދުމަށެވެ. އެކަމުގެ "އުންމީދު ކުޅުކޮޅު" ފެނިފައިވާއިރު، އެމްޑީ އަމްރު ވިދާޅުވި ގޮތުގައި ހުރިހާ ގޮންޖެހުންތައް ގިރާކޮށް ހިއްސާދާރުންނާއި ރައްޔިތުންނަށް މިހާރަށްވުރެ ފައިދާހުރި ކުންފުންޏަކަށް އެ ކުންފުނި ވާނެ އެވެ.