އިރާނާ ހަނގުރާމަ ކުރަން ބޭނުންފުޅު ނުވާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ. ޓްރަމްޕް މިހެން ވިދާޅުވުމާއި ގުޅިގެން އެމެރިކާގެ އިސް އޮފިޝަލުން އެ ގައުމާއި އިރާނާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތައް ހައްލު ކުރުމަށްޓަކައި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ވެސް ރިޕޯޓުތައް ބުނަން ފަށާފައި ވެއެވެ.
ނިއުޔޯކް ޓައިމްސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެމެރިކާއިން އިރާނާއި ހަނގުރާމަ ކުރަން ބޭނުން ނުވާކަމަށް ޓްރަމްޕް އެ ގައުމުގެ ޑިފެންސް ސެކްރެޓަރީ ޕެޓްރިކް ޝެނަހަން ވެސް ވަނީ ދަންނަވާފަ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި އެމެރިކާއާއި އިރާނުން ހަނގުރާމައަކަށް ހިނގައިދާނެތޯ ޓްރަމްޕަށް ސުވާލު ދެންނެވުމުން ވެސް "އެހެން ނުވާނެ ކަމަށް އުންމީދު ކުރަން" ކަމަށް ވިދާޅުވި އެވެ.
ރައީސް ޓްރަމްޕް އެހެން ވިދާޅުވުމުގެ ބޭނުންފުޅަކީ ދެ ގައުމުގެ ޒުވާބުތައް ތަޅާފޮޅުންތަކަކަށް، ހަނގުރާމައަކަށް ބަދަލުވާން ބޭނުންފުޅު ނުވާކަން ޓްރަމްޕްގެ އެހީތެރިންނަށް އަންގައިދެއްވުމަށް ކުރެއްވި ކަމެއް ކަމަށް ނިއުޔޯކް ޓައިމްސްގައި ވެއެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އޮމާންގެ ލީޑަރު ސުލްތާން ކާބޫސް ބިން ސައީދުއަށް ފޯނުން ގުޅުއްވާ އިރާނުގެ މަސްރަހު ފިނި ކުރާނެ މަަގެއް ހޯދަން މަޝްވަރާ ކުރައްވާފައި ވެއެވެ. އަދި ޔޫރަޕްގެ ގައުމުތަކުން އިރާނު މައްސަލަ ސުލްހަ ކުރަން އެހީތެރިވެ ދިނުމަށް ވެސް ޕޮމްޕިއޯ ވަނީ އެދި ވަޑައިގެންފައެވެ.
ދުނިޔޭގެ ބޮޑެތި އެހެން ގައުމުތަކާއި އިރާނާއެކު އެމެރިކާއިން ސޮއި ކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވެފައި ވަނީ މިދިޔަ އަހަރު އެވެ. އޭގެ ފަހުން އަހަރެއް ވެގެން ދިޔައިރު އެ މައްސަލަ ހޫނުވެ އިރާނަކީ ދުނިޔެއަށް އޮތް ބިރެއް ކަމަށް ބުނެ އެމެރިކާގެ އަސްކަރީ މަނަވަރެއް ގަލްފު ކަނޑަށް ފޮނުވާފައި ވެއެވެ.
އިރާނުގެ ސަރުކާރުން ވަނީ އެމެރިކާއާއެކު އެއްވެސް މަޝްވަރާއެއް ކުރަން ބޭނުން ނުވާކަމަށް ބުނެފަ އެވެ