ދުނިޔެ

އިދްލީބުގެ އިންސާނީ ހާލަތު ވަރަށް ގޯސްވެދާނެ: އދ

ސީރިއާގެ އިދްލީބް ގައި ދިރި އުޅޭ މީހުންގެ ހާލަތު އިންތިހާއަށް ނިކަމެތި ވެދާނެކަމުގެ ބިރު އެބައޮޮތް ކަމަށް އދ. އިން ބުނެފި އެވެ.

އިދްލީބުގެ އިންސާނީ ހާލަތު ގޯސްވަމުންދާތާ މަސްތަކެއް ވެފައިވާއިރު އެކަމާމެދު ކަންބޮޑުވާ ކަމަށް އިއްޔެ ބޭއްވި އދ. ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އދ. ގެ ހިއުމެނިޓޭރިއަން އެފެއާޒްގެ ކޯޑިނޭޓަރު މާކް ލޮކްވުޑް ވިދާޅުވި އެވެ.

"އިދްލީބުގައި ހަނގުރާމަ ކުރުން ނުހުއްޓައިފި ނަމަ ސީރިއާގައި މިހާތަނަށް ފެނިފައިނުވާފަދަ ދެރަ ހާލަތަކަށް އިދްލީބުގެ ރައްޔިތުންގެ ހާލަތު ވެއްޓޭނެ. މިދިޔަ ސެޕްޓެމްބަރު މަހު ވެސް އިދްލީބުގައި ހަނގުރާމަ ކުރުން ނުހުއްޓައިފި ނަމަ ވާނެ ގޮތް ކިޔާ ދީފައިވާނެ. އެކަމަކު މިހާރު ވާން އެއުޅެނީ އަހަރެމެން ބިރުން ތިބި ކަންތައް،" ލޮކްވުޑް ވިދާޅުވެފަައި ވެއެވެ.

ސީރިއާގެ ރައީސް ބަޝާރް އަލް އަސަދުގެ ލަޝްކަރާއި ރަޝިއާގެ ބާރުތައް ގުޅިގެން ހަމަލާތައް ބަދަލުކުރަން ފަށާފައިވާއިރު އެކަމުގެ ނޭދެވޭ އަސަރު ސީރިއާގެ ތިން މިލިއަނަށް ވުރެ ގިނަ ރައްޔިތުންނަށް ކުރާނެކަމަށް އދ. އިން ބުނެއެވެ.

އިދްލީބްގެ ވައިގެ ސަރަހައްދުގައި ދަތުރު ކުރެވެނީ ހަމައެކަނި ރަޝިއާއާއި ސީރިއާގެ ބޯޓުތައް ކަމަށް ވާއިރު ވައިގެ ހަމަލާތަކުގައި ސީރިއާގެ ރައްޔިތުން މަރުވާންވީ ސަބަބާމެދު އދ.އިން ވަނީ ސުވާލު އުފައްދާފަ އެވެ.

އިދްލީބުގެ 18 ހޮސްޕިޓަލާއި ސިއްހީ ފަރުވާދޭ މަރުކަޒުތައް ވައިގެ ހަމަލާތަކުން ބިމާ ހަމަކޮށްލާފައި ވާއިރު އޭގެތެރޭގައި އދ. އިން ހަމަލާދިނުން މަނާކޮށްފައިވާ ތަންތަން ގިނައެވެ.

ސީރިއާގެ ހަނގުރާމަވެރިން ހިފާފައިވާ ސަރަހައްދުތަކުގައި މީހުން ސަލާމަތްކުރަން ހަރަކާތްތެރިވާ ވައިޓް ހެލްމެޓްސް އިން މައުލޫމާތުދޭ ގޮތުގައި އެންމެ ފަހުން ސަރުކާރާއި އެއްކޮޅު ފަރާތްތަކުން ދިން ވައިގެ ހަމަލާތަކުގައި ހަ މީހަކު މަރުވެ 15 މީހަކު ޒަހަމްވެފައި ވެއެވެ.

އދ.ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ސީރިއާގައި ހިނގަމުންދާ ފަހުގެ ހަމަނުޖެހުންތަކުގައި ހަމައެކަނި ފާއިތުވީ ތިން ހަފްތާ ތެރޭގައި ވެސް 160 މީހުން މަރުވެ 180،000 މީހުންގެ ގެދޮރު ގެއްލިފައި ވެއެވެ.