ހަބަރު

ޗިކަންގުންޔާ ޖެހުނު ދެކުއްޖަކު ސީރިއަސް ހާލަތުގައި

މަދިރީގެ ސަބަބުންޖެހޭ ބައްޔެއް ކަމަށްވާ ޗިކަންގުންޔާ ޖެހިގެން ހާލު ސީރިއަސްވި ދެ ކުޑަކުއްޖަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އެބަދެ އެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗިކަންގުންޔާ ޖެހުނު ދެ ކުއްޖެއްގެ ސިކުނޑި އިންފެކްޓްވެ ފަރުދާ ދެމުން އަންނަ ކަމަށެވެ.

އެ ދެކުދިންނަށް އަވަސް ޝިފާއަކަށް އެދި ދުއާކޮށް ދިނުމަށާއި މަދިރި އާލާވާ ތަންތަން ނައްތާލުމަށް ފައިސަލް ވަނީ އެދި ވަޑައިގެންފަ އެވެ.

ހެލްތް މިނިސްޓްރީން މިހަފްތާގައި އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި މި އަހަރުގެ މިހާތަނަށް ޗިކުންގުންޔާ އާ ގުޅޭ 846 ކޭސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މާޗް މަހު 279 މީހުން ޗިކުންގުންޔާ ޖެހިގެން ރިޕޯޓް ކުރި އިރު އޭޕްރީލް މަހު 310 މީހުން ރިޕޯޓް ކުރި އެވެ.

މީގެ އިތުރުން މަދިރީގެ ޒަރިއްޔާއިން ޖެހޭ އިތުރު ބައްޔެއް ކަމަށްވާ ޑެންގީވެސް ދަނީ ހަލުވިކަމާއެކު ފެތުރެމުންނެވެ. އެގޮތުން ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް 1957 މީހަކަށް ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފައި ވެއެވެ. މިދިޔަ މާޗް މަހު ޖުމްލަ 586 މީހުން ޑެންގީ ހުން ޖެހިގެން ރިޕޯޓް ކޮށްފަވާއިރު އޭޕްރީލް މަހު އެ އަދަދު ވަނީ 631 އިތުރުވެފަ އެވެ.