ލައިފްސްޓައިލް

ސާފުތާހިރުވާން ކުދިން ޝައުގުވެރި ކުރުވުން!

އިސްލާމް ދީނުގައި ސާފުތާހިރު ކަމަކީ ވަރަށް ބޮޑަށް ބާރުއަޅާފައިވާ ކަމެކެވެ. ފުރިހަމަ މުސްލިމަކަށް ވެވޭނީ އަހަރެމެން އުޅޭ މާހައުލާއި އަހަރެމެންގެ ހަށިގަނޑު ވެސް ސާފުތާހިރުކޮށް ބަހައްޓައިގެންނެވެ. ސާފުތާހިރު ކަމުގެ މުހިއްމުކަން ކުދިންނަށް ޅައުމުރުން ފެށިގެން ކިޔައިދިނުން ވަރަށް މުހިއްމެވެ. ކޮންމެ ދުވަހަކު ދެ ފަހަރު ދަތް އުނގުޅާށޭ، ރީތިކޮށް ގައި އުނގުޅައިގެން ފެންވަރައްޗޭ ކުދިން ގާތުގައި ބުންޏަސް، މިގޮތަށް އަމަލުކުރަން ޖެހެނީ ކީއްވެކަމާއި އެއިން ވާނެ ފައިދާ ކުދިންނަކަށް ނުވިސްނޭނެ އެވެ. އިންސާނީ ތަބީއަތް ހުންނަ ގޮތުން ލޯ މައްޗަށް ކަންކަން ފެނުމުންނާއި އަމިއްލައަށް ކަންކަން ތަޖުރިބާކުރެވުމުން އެކަމުން ލިބޭ އިބުރަތްތައް ދެނެގަންނަން ފަސޭހަވެގެން ދެއެވެ. އަދި ލިބޭ ފިލާވަޅު ސިކުނޑީގައި ފެސޭހަ ކަމާއެކު ރަނގަޅަށް ހަރުލައި އަށަގަނެ އެވެ. އެހެންކަމުން ސާފުތާހިރުކަމުގެ މުހިއްމުކަން ކުދިންނަށް ބުނެދިނުމަށް މި އުކުޅު ބޭނުންކޮށްލަމާ ހިނގާށެވެ.

ފުރަތަމަ ކަމަކަށް ދަތް އުނގުޅުން މުހިއްމުވަނީ ކީއްވެކަން ކުދިންނަށް ބުނެދެމާ ހެއްޔެެވެ؟

ކުކުޅު ބިހެއް ފެނުކައްކާލާށެވެ. އެއަށް ފަހު ކުޑަ ކޯކު ފުޅިއެއް ގަނެލާ ފުން ޓްރޭއެއްގެ ތެރެއަށް އޮއްސާލާށެވެ. މިޓްރޭ ތެރެއަށް ކައްކާލި ހުދު ހުދު ބިސް ތޮއްޓާއިއެކު ލާށެވެ. އަދި ހެނދުނުވަންދެން މިޓްރޭ މިގޮތަށް ބައިންދާލާށެެވެ.

މި ބިސް ރަމްޒުކޮށްދެނީ ދަރިފުޅުގެ ދަތްތަކެވެ. ކޯކު ފުޅި ރަމްޒުކޮށްދެނީ ދަތް ނުއުނގުޅާ ނިދާ ކުއްޖާގެ ދަތްތަކުގައި ހަރުލާފައި ހުންނަ ކާއެއްޗެއްސާއި ޖަރާސީމެވެ. ހެނދުނުވާއިރު އެއްކަލަ ހުދު ހުދު ބިހުގެ ތޮށިގަނޑު އޮންނާނީ ކޯކުން ފޯވެގެން ކުލަ މިލާ، މުށިކުލައެއް އަރާފަ އެވެ. ކުދިންނަށް ބުނެދޭށެވެ. ދަތް ނުއުނގުޅުމުގެ ސަބަބުން ދަރިފުޅުގެ ދަތްތަކަށް ވާގޮތަކީ މިއީ އެެވެ. ދަރިފުޅުގެ ދަތްތަކަށް މިހެން ވާން ބޭނުން ހެއްޔެވެ؟ ބާ ބުރުހެއްގައި ކުޑަ ބޭސްކޮޅެއް ޖަހާލާފައި ދަރިފުޅު އަތަށް ދޭށެވެ. އަދި ބުރުސް ބޭނުން ކޮށްގެން ބިހުގެ ތޮށިގަނޑު ރަނގަޅަށް އުނގުޅާލުވާށެވެ. ބަލަ ބަލާ ހުއްޓާ ބިހުގެ ކުލަ އެއޮށް އަލިވަނީ އެވެ.

ދެން ބަލާލާންވީ ޖަރާސީމު ފެތުރޭ ގޮތުގެ މައްޗަށެވެ.

ޖަރާސީމު ފެތުރޭ ގޮތް ކުދިންނަށް ދައްކާލުމަށް ވަރަށް ފަސޭހަގޮތެއް އެބައޮތެވެ. ބޭނުންވާނީ ގްލިޓާ ކުނޑި (ޑިސްކޯ) ފުޅިއެވެ.

މި ހަަރަކާތް ކުރިއަށް ގެންދިއުމަށް ދަރިފުޅު ގާތު އަތުތެރެއަށް ކިނބިއްސެއް އަޅާގޮތަށް އެކްޓްކޮށްލަން ބުނާށެވެ. އެއަށްފަހު ދަރިފުޅުގެ އަތުތެރެއަށް ގްލިޓާ ކުނޑިކޮޅެއް އަޅާލައިށެވެ. ވިދަ ވިދާ ހުންނަ މި ގްލިޓާ ރަމްޒު ކޮށްދެނީ ކިނބިހިއެޅި ވަގުތު އަތުގައި އުނގުޅުނު ޖަރާސީމެވެ.

ދެން ދަރިފުޅު އަތަށް ކޮންމެވެސް ކުޅޭ އެއްޗެއް ދޭށެވެ. ކުޅޭ ބުދުގައި އެއޮށް އުނގުޅުނީ ހުސް ޖަރާސީމެވެ. މަންމައާއި އަތާ އަތް ޖޯޑުކޮށް ސަލާމްކޮށްލާށެވެ. މަންމަ އަތުގައިވެސް އެއޮށް ޖަރާސީމު އުގުޅުނީއެވެ. ދޮރުގެ ތަޅުގައި ހިފާލާށެވެ. ތަޅުގައިވެސް ޖަރާސީމު އުނގުޅުނީއެވެ. ބައްޕަގައިގަ ބައްދާލީމާ ގަމީހުގައި ވެސް ހުސް އެ އުނގުޅުނީ ހުސް ޖަރާސީމެވެ.

މިިއީ ޖަރާސީމު ފެތުރޭގޮތްކަން ކުދިންނަށް ކިޔާދޭށެވެ.

އަވަހަށް ޖަރާސީމުތައް ފިލުވާލަން ސައިބޯނި ލައިގެން އަތްދޮވެލަމާ ހިނގާށެވެ. ސައިބޯނިލައިގެން އަތްދޮވެލުމުގެ މުހިއްމުކަން ވެސް މިފަހަރު ބުނެދޭންވާނީ ތަޚުލީލަކުންނެވެ.

ފުން ތައްޓަކަށް ފެން އަޅާލުމަށްފަހު އޭގެ ތެރެއަށް ހެޔޮވަރު ވަރެއްގެ އަސޭމިރުސްކޮޅެއް އަޅައިލާށެވެ. އަދި ތަށިދޮންނަން ބޭނުންކުރާ ޒާތުގެ "މާމާ" ފުޅިއެއް ތެރެއަށް ޝަހާދަތް އިނގިލި ކޮށްޕާލައި ރަނގަޅަށް އިނގިލި ވަށައިގެން މާމާ ސައިބޯނި ބޯކޮށް އުނގުޅާލާށެވެ.

ތަށީގައިހުރި އަސޭމިރުސް ރަމްޒުކޮށްދެނީ އަތުގައި އުނގުޅިފައިހުރި ޖަރާސީމުތަކެވެ. މާމާ ސައިބޯނި ރަމްޒުކޮށްދެނީ ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮންނަ ދޮވުމެވެ. ސައިބޯނި އުނގުޅާފައި ހުރި އިނގިލި އަސޭމިރުސް ތަކުގެ މެދަށް ކުއްލިއަކަށް ގަނބާލާށެވެ. ތަށީގައި ހުރި އަސޭމިރުސްތައް ވަތުގުން އިނގިއްޔާއި ދުރަށް ފެނުތެރޭގައި ވިއްސައިގެން ދާނެއެވެ.

ފަހު ކަމެއްގެ ގޮތުން ކުދިންނާއި ދެން ވާހަކަ ދައްކާލަމާ ހެއްޔެވެ.

އަހަރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދުގެފާނު ސާފުތާހިރުކަމަށް ވަރަށް ލޯބިކުރެއްވިއެވެ. އެހެނީ އެއީ ﷲ ސުބުހާނަހޫ ވަތަޢާލާ ލޯބިވެވޮޑިގެންނަވާ ސިފައަކަށް ވީތީއެވެ. މުސްލިމުން ކޮންމެ ނަމާދެއްކުރުމުގެ ކުރިން ހަށިގަނޑުގެ ގުނަވަންތައް ދޮވެ، ވުޟޫވެސް ކުރެއެވެ.

ރަސޫލާގެ ސީރަތުގައިވާ ވާހަކައެއް ކިޔާލަދޭނަމެވެ. އެއްދުވަހަކު ބޯ ފުނާ ނާޅާ ވަރަށް ހަޑިކޮށް ހުރެ މީހަކު ނަމާދުކުރުމަށް މިސްކިތަށް އައެވެ. މިމީހާ ރަސޫލާއަށް ފެނިވަޑައިގަތުމުން. އަލުން ރީތިކޮށް ފުނާ އަޅައި ތާހިރުވެގެން މިސްކިތަށް އައުމަށް އިރުޝާދުދެއްވިއެވެ. އެހެންކަމުން މިސްކިތަށް ދާއިރު ވަރަށް ރީތިވެލައިގެން ދިއުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކުދިންނަށް ހަނދާން ކޮށްދޭށެވެ.