ދުނިޔެ

އިރާނަށް ބިރެއް ނުދެއްކޭނެ: ރޫހާނީ

ބުއްދި ބޭނުން ކޮށްގެން މައްސަލަ ހައްލު ކުރުމަކީ އިރާނުން ގަބޫލުކުރާ ކަމެއް ނަމަވެސް ބިރުދައްކަން މަސައްކަތްކުރާ މީހުންގެ ފިއްތުންތަކަށް އިރާނުން އިޖާބަ ނުދޭނެ ކަމަށް އެ ގައުމުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.

އެމެރިކާއިން އިރާނަށް ފިއްތުންތައް ކުރިމަތި ކުރުވައިގެން އާ ނިއުކްލިއާ މަޝްވަރާތަކަކަށް ދިއުމަށް މަސައްކަތް ކުރިނަމަ ވެސް އަދި ދުނިޔޭގެ ހުރިހާ ގައުމަކުން އެކަމަށް ގޮވާލި ނަމަވެސް އެ ގައުމުން އެމެރިކާއާއެކު އެފަދަ އެއްވެސް މަޝްވަރާއަކަށް ނުދާނެ ކަމަށް ރޫހާނީ ވިދާޅުވި އެވެ.

އާޓިސްޓުންނާއި އެކްޓިވިސްޓުން ހާޒިރުވި ޖަލްސާއެއްގައި އިއްޔެ ވާހާކަފުޅު ދައްކަވަމުން ރޫހާނީ ވިދާޅުވީ އެމެރިކާ އާާއި ހިލާފަށް އިރާނަކީ ބުއްދި ރަނގަޅު ގައުމެއް ކަމަށާއި އެހެން ގައުމުތަކާއެކު އެ ގައުމުން މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް އޮތް ކަމަށެވެ.

"ދުނިޔޭގެ ބޮޑު ހަ ބާރަކުން، ހަ ގައުމަކުން ބަލައިގަނޭ އަޅުގަނޑުމެނަށް މަޝްވަރާ ކޮށްގެން ހައްލު ހޯދުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިވާ ކަން. ނިއުކްލިއާ މަޝްވަރާތަށް ކުރަމުން ދިޔައިރު އދ. އިން އަޅުގަނޑުމެނާމެދު ނިންމި ހަ ކަމެއް ވާނީ އެއް ދުވަހުގެ ތެރޭ ބާތިލް ކޮށްފަ. އެއީ އަޅުގަނޑުމެނަށް ލިބުނު ފަހުރެއް. އެހެންވީމަ މި ބުނަނީ އަޅުގަނޑުމެންނަށް ބިރު ދައްކަން މަސައްކަތް ކުރުމުގެ އެއްވެސް ބޭނުމެއް ނެތޭ،" ރޫހާނީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި މުޅި ދުނިޔެއަށް ބެލި ނަމަވެސް އެމެރިކާގެ ސިޔާސަތަށް ތާއީދު ކުރަނީ އިޒްރޭލުގެ އިތުރުން ގާތްގަނޑަކަށް ހަތަރު ގައުމެކެވެ.

"އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޗެއާމަން ކަމުގެ ދަށުން ސެކިއުރިޓީ ކައުންސިލްގައި މި ހުރިހާ މައްސަލަތަކަށް އަލި އަޅުވާލާފައި ވާނެ. އަދި އެ ކައުންސިލްގައި ތިއްބެވި 14 ގައުމުން ވެސް އެމެރިކާއާ ދެކޮޅު ހެދެވުމަށް ފަހު އިރާނަށް ތާއީދު ކުރި. މިއީ އދ. ގެ ތާރީހުގައި ވެސް ނުވާ ކަމެއް،" ރޫހާނީ ވިދާޅުވި އެވެ.

ރޫހާނި މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ދަމާފައި ވެސް އީރާން މަޝްވަރާތަކަށް ގެންދާނެ ކަމަށް އެމެރިކާއިން ބުނެފައި ވަނިކޮށެވެ. އިރާނާއި އެމެރިކާގެ މައްސަލަ ހޫނުވެގެން ދިޔައިރު އެމެރިކާއިން ގެންގުޅުނު ހަރުކަށި ގޮތްގަނޑު މިހާރު ވަނީ މައިތިރިވެފަ އެވެ.

މިދިޔަ ހަފުތާ ތެރޭ ޓްރަމްޕް އޭނާގެ ޑިފެންސް މިނިސްޓަރު ގާތުގައި އިރާނާއި ހަނގުރާމަކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައި ވެއެވެ. ބުދަ ދުވަހު ވައިޓް ހައުސް ޖަލްސާއެއްގައި ޓްރަމްޕް ދެއްކެވި ވާހަކަފުޅުން އިރާނާއި ދިމާލަށް އެމެރިކާ ދުއްވާފައި ދާ ދުވެލި މަޑުކޮށްލާފައި ވާކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

މެދު އިރުމަތީގައި އިތުރު ހަމަނުޖެހުމެއް ހިނގައިފި ނަމަ އޭގެ ނަތީޖާ ވަރަށް ގޯސް ވެދާނެކަމަށް އެމެރިކާގެ ޕެންޓަގަންއިން ޓްރަމްޕްއަށް ވަނީ އިންޒާރު ކޮށްފަ އެވެ.