މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ މިދިޔަ އަހަރާ އަޅާބަލާއިރު ހަ ޕަސެންޓް ދަށަށް ގޮސްފި އެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ފުރަތަމަ ތިން މަހު ގްރީން ޓެކުހުގެ ގޮތުގައި 241.5 މިލިއަން ރުފިޔާ ވަނީ މީރާއަށް ބަލައިގެންފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާއިރު ހަ ޕަސެންޓުގެ ދަށްވުމެކެވެ.
މި މުއްދަތުގައި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާ ކުރި އަދަދު ވެސް ވަނީ ދަށްވެފަ އެވެ. ކުރިން އަންދާޒާ ކުރި ވަރަށްވުރެ ގްރީން ޓެކުހުގެ އާމްދަނި ވަނީ 3.6 ޕަސެންޓް ދަށްވެފަ އެވެ.
މީރާ އިން ބުނީ ގްރީން ޓެކުހުގެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ފުރަތަމަ ކުއާޓަރުގައި އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފައިސާ ހޯދަން މަސައްކަތް ކުރިނަމަވެސް ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުން މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު އާމްދަނީ ދަށްވެފައިވާތީ އެވެ. މި ކުއާޓަރުގައި ޓޫރިސްޓުން އައި މިންވަރު 9.6 ޕަސެންޓް އިތުރުވީނަމަވެސް، ސުންގަޑި އަށް ފައިސާ ދައްކާފައި ނުވުމުން އަންދާޒާ ކުރި އާމްދަނީ ވަނީ ދަށްވެފަ އެވެ.
ގްރީން ޓެކުހަކީ ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހަކާއެކު 2015 ވަނަ އަހަރުން ފެށިގެން ނަގަމުން ގެންދާ ޓެކުހެކެވެ. މި ޓެކްސް ނަގަނީ ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ޓޫރިސްޓު ހޮޓާތަކާއި ޓޫރިސްޓު އުޅަނދު ތަކަށް އަންނަ ޓޫރިސްޓުން އެ ތަނެއް ނުވަތަ އުޅަނދެއްގައި ހޭދަ ކުރާ ކޮންމެ ދުވަހަކަށް ހަ ޑޮލަރުގެ ރޭޓުންނެވެ. އަދި ގެސްޓްހައުސް ތަކުން މި ޓެކްސް ނަގަނީ ޓޫރިސްޓެއްގެ ބޮލަކަށް ތިން ޑޮލަރެވެ.