ދުނިޔެ

އިންޑިއާ އިލެކްޝަންގެ ފަހު ފޭސް ފަށައިފި

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ އެންމެ ބޮޑު އިންތިހާބުގެ ފަހު ފިޔަވަހީގެ ވޯޓުލުން އިންޑިއާގައި އެބަ ކުރިއަށް ދެއެވެ. ހަ ހަފްތާއަށް ދިގު ދެމިގެމެން ދިޔަ އިންތިހާބުގެ ނަތީޖާ ފާޅުކުރުން އޮންނާނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

ފަހު ފިޔަވަހީގެ ވޯޓުލުން ހަތް ސްޓޭޓެއްގެ 59 ދާއިރާއެއްގައި ކުރިއަށް ދާއިރު މިބުރުގައި 100 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައި ވެއެވެ. މިފަހަރު ވޯޓުލާ ދާއިރާތަކުގެ ތެރޭގައި މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދާއިރާ ވަރަނާސީ އާއި ސިޔާސީ ގޮންޖެހުންތައް ގިނަ އުއްތަރު ޕްރަދޭޝް ހިމެނެ އެވެ.

އަލްޖަޒީރާގެ ރިޕޯޓަރު ސުހޭލް ރަހްމާން ވަރަނާސީއިން ކުރި ރިޕޯޓުގައި ބުނެފައިވާގޮތުން މިފަހަރު މޯދީގެ ޕާޓީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ އެޖެންޑާގައި ހިމަނާފައިވަނީ ގައުމީ ސަލާމަތެވެ.

އަދި އިދިކޮޅު ކޮންގްރެސް ޕާޓީއިން އެޖެންޑާގައި މިހާރު އިންޑިއާގެ ގިނަ ރައްޔިތުން ބޭނުންވެފައިވާާ ސިއްހަތާއި ތައުލީމާއި ތަރައްގީ ހިމަނާފައި ވެއެވެ.

"ޕޫލްވާމާ އަށް ދިން ހަމަލާގެ ސަބަބުން ގައުމީ ސަލާމަތް ވަނީ ވަރަށް މުހިންމު ވެފަ. ނަމަވެސް އަޅުގަނޑު ވާހަކަ ދެއްކެވި އާންމުންނާއި ސިޔާސީ މާހިރުން ފާހަގަކޮށްފައިވާ ގޮތުގައި އަސްލު މައްސަލަތަކާމެދު މޯދީގެ އެޖެންޑާގައި ވާހަކަ ދެކެވިފައެއް ނުވޭ. އަދި ވޭތުވި ފަސް އަހަރު ތެރޭ ކޮށްދީފައިވާ ކަންތަކުގެ ވާހަކަ މޯދީގެ ސަރުކާރުން ދައްކަން ފަސްޖެހޭ އިރު އެކަމުގެ ބޭނުން ކޮށްގެން އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ އަގު ވަނީ ވައްޓާލާފަ" ސުހޭލް ރަހްމާން ރިޕޯޓުކުރި އެވެ.

އިދިކޮޅު ކޮންގްރެސް ޕާޓީއާއި އެހެނިހެން ޕާޓިތަކުން ބީޖޭޕީއަށް ގޮންޖަހާފައިވާ އެންމެ ބޮޑު އެއް ކަމަކީ މޯދީގެ ސަރުކާރުގައި ވަޒީފާގެ ދަތިކަމާއި ދަނޑުގޮވާން ކުރާ މީހުންގެ މުދާ ބޮޑުއަގުގައި ނުވިއްކޭ މައްސަލަ އެވެ. މޯދީގެ ބޮޑެތި ޕްރޮޖެކްޓުތައް ފެއިލްވެފައިވާ ކަމަށް ވެސް ރަހްމާންގެ ރިޕޯޓުގައި ވެއެވެ.

އިންޑިއާ އިންތިހާބުގެ ފުރަތަމަ ހަ ބުރުގައި 66 ޕަސެންޓް މީހުން ވޯޓުލާފައިވާއިރު އެ އަދަދަކީ2014 ވަނަ އަހަރު ވޯޓުލާން ނިކުތް 58 ޕަސެންޓަށް ވުރެ މަތީ އަދަދެކެވެ.

ބޮޑެތި މީޑިއާތަކުން ނަގާފައިވާ އިލެކްޝަންގެ ޕޮލްތަކުން ފެންނަ ގޮތުގައި އިންތިހާބުގައި ވާދަކުރި އެއްވެސް ޕާޓީއަކަށް މިފަހަރު މެޖޯރިޓީ ލިބުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ. އަދި ކޮންމެ ޕާޓީއެއް ހޮވުނު ނަމަވެސް އެހެން ޕާޓީތަކުގެ އެހީއާއި ނުލާ މެޖޯރިޓީ ސަރުކާރެއް ގާއިމެއް ނުކުރެވޭނެ އެވެ.