ނިއުރޭޑިއަންޓް

ނިންމުން ފައިނަލް: ނިއުގެ ބަދަލުގައި ޓީމެއް ނުގެންނާނެ

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފައިވާ، ނިއު ރޭޑިއަންޓްގެ ބަދަލުގައި، ދިވެހި ޕްރިމިއާ ލީގަށް އިތުރު ޓީމެއް ނުގެންނަ ގޮތަށް އެފްއޭއެމުން ނިންމާފައިވާ ކަމަށް، އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވެއްޖެ އެވެ.

ނިއު ރޭޑިއަންޓްގެ ބަދަލުގައި، އެހެން ޓީމެއް ގެނައުމަށް އެފްއޭއެމުން މިދިޔަ މާޗް މަހު ވާހަކަ ދެއްކި އެވެ. އެހެންނަމަވެސް މި މަހު ކުރީ ކޮޅު އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވެފައި ވަނީ، ސަސްޕެންޝަންގައި އޮތް ޓީމެއްގެ ބަދަލުގައި އިތުރު ޓީމެއް ލީގަށް ޕްރަމޮޓް ކުރާނަމަ ގާނޫނީ ގޮތުން ފުށުއަރާ ކަންތައްތަކެއް ހުރި ކަމަށެވެ.

"ލީގަށް އިތުރު ޓީމެއް ގެނެވޭނެ ހާލަތަކީ ޓީމެއް ރެލިގޭޓް ވުން،" އަވަސް އާ ވާހަކަ ދައްކަމުން ޖަވާޒު ވިދާޅުވެ ފައި ވެ އެވެ. "ނިއު ރޭޑިއަންޓަށް ކުރިމަތި ވެގެން މިއުޅެނީ ސަސްޕެންޝަންގެ ހާލަތެއް، މާދަމާ ވެސް ކޮންގްރެސްއެއް ބާއްވައި ނިއު ރޭޑިއަންޓްގެ ސަސަޕެންޝަން އުވާލިޔަސް އެ ކުލަބަށް މުބާރާތްތަކުގައި ވާދަ ކުރެވޭނެ."

ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރުމަށް އެފްއޭއެމްގެ އެގްްޒެކެޓިވް ކޮމިޓީން ނިންމީ، އެ ކުލަބުގެ ލޯކަލް 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 2.4 މިލިއަން ރުފިޔާ ނުދީ އޮތުމުންނެވެ. އެފްއޭއެމުން ނިއު ސަސަޕެންޑް ކުރީ ޖަނަވަރީ މަހު އެވެ. މެނޭޖުމެންޓްގެ ގިނަ މައްސަލަތަކާ ހެދި މިދިޔަ އަހަރުން ފެށިގެން ނިއު ރޭޑިންޓް އޮތީ އަޑި އަޅާލާފަ އެވެ.

މާޗް 25 ގައި ބޭއްވި ކޮންގްރެސްގައި، ކުލަބުތަކުން ވަނީ ނިއު ރޭޑިއަންޓް ސަސްޕެންޝަންގައި ބޭއްވުމަށް ފާސްކޮށްފަ އެވެ. ސަސްޕެންޝަނާ މެދު ގޮތެއް ނިންމުމަށް ކޮންގްރެސްގައި ވޯޓަށް އެހުމުން، ހާޒިރުވެ ތިބި 14 ކުލަބުގެ ތެރެއިން ދެ ކުލަބު ފިޔަވައި އަނެއް 12 ކުލަބުން ވޯޓް ދީފައި ވަނީ، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން ދެމެހެއްޓުމަށެވެ. ސަސްޕެންޝަން އުވާލުމަށް ވޯޓް ދިފައި ވަނީ، ނިއުގެ ކުރީގެ ވާދަ ވެރިޔާ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

އެ ދުވަހުގެ ކޮންގްރެސްއެއް ފަހު، ނޫސްވެރިންގެ ބައްދަލުވުމުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ނިއު ރޭޑިއަންޓްގެ ބަދަލުގައި އެހެން ކުލަބެއް ލީގްގައި ވާދަ ކުރުމުގެ ފުރުސަތު ދޭނެ ކަމުގެ އީޝާރާތެއް ދީފަ އެވެ. އޭނާ ވިދާޅުވި ގޮތުންނަމަ އެފުރުސަތު ފަހިވާނީ ކުލަބު ވެލެންސިއާ އަށެވެ.

"ރޭންކަށް ބަލައިފިއްޔާ އަޅުގަނޑަށް ހީވަނީ ކުލަބު ވެލެންސިއާއަށް ހެން ފުރުސަތު ލިބިގެން ދާނީ،" ބައްސާމް ވިދާޅުވެފައި ވެއެވެ. "އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުގައި ވެސް މަޝްވަރާ ކުރެވިފައި ވަނީ، އެހެން ނަމަވެސް މިހަފުތާގައި ޓެކްނިކަލް ކޮމިޓީގައި މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާނީ."

މިދިޔަ އަހަރު މާލޭ ލީގްގެ ގަދަ ހައެއްގައި ނުހިމެނި، ރެލިގޭޝަންގެ ޕްލޭއޮފްގައި ޔުނައިޓަޑް ވިކްޓަރީ އަތުން ބަލިވެ ވެލެންސިއާ ވަނީ ދެ ވަނަ ޑިވިޝަނަށް ވެއްޓިފަ އެވެ. ވެލެންސިއާ އަށް މިއަހަރު ދިވެހި ލީގުން ޖާގަ ލިބޭނެ ކަމަށް ބަލައި ޓީމެއް އެކުލަވާލުމަށް އެ ޓީމުން މަސައްކަތްވެސް ފެށި އެވެ.