މިދިޔަ ހޯމަ ދުވަހު ބެލްޖިއަމްގެ ބްރަސެލްސްގައި ބޭއްވި އީޔޫ ބައްދަލުވުމަށް ދައުވަތެއް ނެތި އެމެރިކާއާއި އިރާނާއި ދެމެދުގެ ކޯޅުންތަކުގައި އެމެރިކާއަށް ތާއީދު ހޯދުމަށް ދަތުރުކުރި އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕިއޯއަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހިއްޖެ އެވެ.
އީޔޫ ގައުމުތަކުން އިރާނުގެ ނިއުކްލިއާ އެއްބަސްވުމާމެދު މަޝްވަރާ ކުރަން ބޭއްވި ކުއްލި ބައްދަލުވުމަށް ދައުވަތަކާއި ނުލާ ޕޮމްޕިއޯ ގޮސްފައިވަނީ އެމެރިކާގެ ކުރިމަތީގައި އީޔޫ ގައުމުތައް ކުޑަވެފައި ތިބޭ މަންޒަރު ބަލަން އިރާނުން ބޭނުން ނުވާ ކަމަށް ބުނެ އެމެރިކާގެ ނުފޫޒުން ސަލާމަތްވުމަށް 60 ދުވަހުގެ މުއްދަތެއް ދީފައިވާ ދަނޑިވަޅެއްގަ އެވެ.
އެމެރިކާގެ ހާރިޖީ ވަޒީރު އީޔޫ ބައްދަލުވުމަށް ދިއުމަށް ކުއްލިއަކަށް ނިންމި ނިންމުމުގެ ނަތީޖާ ނިކުމެފައިވަނީ އޭނާ އެއްގޮތަކަށް ވެސް ހީނުކުރާފަދަ ގޮތަކަށެވެ.
ޕޮމްޕިއޯގެ ޖެޓު ރަންވޭއަށް ތިރިކުރުމުގެ ކުރިން ވެސް އޭނާ އެތަނަށް އައުމާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށް އީޔޫގެ ޗީފް އޮފް ފޮރިން ޕޮލިސީ ފެޑެރިކާ މޮގެރިނީ ބުނެފައިވަނީ ޕޮމްޕިއޯއާއި ބައްދަލު ކުރެވޭނީ ހަމައެކަނި މޮގެރިނީއާއެކު އެޕޮއިންޓްމަންޓަ އެއް ހަމަޖެހިގެން ކަމަށެވެ.
އަދި ބްރިޓިޝްއާއި ފްރާންސާއި ޖަރުމަނުގެ ހާރިޖީ ވަޒީރުން ބުނެފައިވަނީ އެ ބޭފުޅުންނަށް ޕޮމްޕިއޯއާއި ބައްދަލު ކުރެވޭނީ ވަކިވަކިން ކަމަށާއި ހުރިހާ ބޭފުޅުންނަށް އެއްފަހަރާ ޕޮމްޕިއޯ ބޭނުންވާގޮތަށް ބައްދަލެއް ނުވާނެ ކަމަށެވެ.
ހާރިޖީ ވަޒީރާއި ބައްދަލުވުމަށް އީޔޫގެ ގައުމުތަކުން އަވަސް ވެގަތްނަމަ އެކަމުން އިރާނަށް މުޅިން ނުބައި ގޮތަކަށް ވިސްނި އިރާނާއި އީޔޫ ގައުމުތަކުގެ މެދުގައި އޮތް ގުޅުން ހީނަރުވެގެން ދާނެކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
އީޔޫގެ މެންބަރު ގައުމުތަކަށް ނިސްބަތްވާ ގިން އޮފިޝަލުން ޕޮމްޕިއޯއާއެކު ފޮޓޯނަގަން ވެސް ވަނީ އިންކާރުކޮށްފަ އެވެ.