މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެ މިނިސްޓްރީއަށް ހުށަހެޅި 206 މައްސަލައިގެ ތެރެއިން 55 ޕަސެންޓް މައްސަލައަކީ ކުޑަކުދިންގެ އަނިޔާއާ ގުޅުން ހުރި މައްސަލަތަކެވެ. މިގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 113 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ ތެރެއިން މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިހުމާލުވުމުގެ މައްސަލަތަކެވެ. އިހުމާލުވުމުގެ 37 މައްސަލައެއް ހުށަހަޅާފައި ވެއެވެ.
ޖިންސީ ގޯނާ ކުރުމުގެ 22 މައްސަލައަކާއި ޖިސްމާނީ އަނިޔާގެ 22 މައްސަލައަކާއި، ނަފްސާނީ އަނިޔާގެ 22 މައްސަލައެއްގެ އިތުރުން ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓް ކުރި އެވެ.
އެހެން ކުދިންގެ ފަރާތުން ބުލީ އާއި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ހަތަރު މައްސަލައަކާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުމުގެ މައްސަލައެއް ވެސް މިދިޔަ މަހު ރިޕޯޓް ކުރި އެވެ. އަދި ހައްގުތަކުން ކުޑަކުދިން މަހުރޫމުގެ ކުރުމުގެ 10 މައްސަލައެއް ހިމެނޭއިރު އޭގެ ތެރޭގައި ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ ހަތަރު މައްސަލައަކާއި ތައުލީމަށް ހުރަސް އެޅުމުގެ ހަތަރު މައްސަލައެއްގެ އިތުރުން އުފަންވުމުން ރަޖިސްޓްރީ ނުކުރުމުގެ މައްސަލައަކާއި ވެކްސިން ނުދިނުމުގެ މައްސަލައެއް ހިމެނެ އެވެ.
މިދިޔަ މަހު އާއިލީ މައްސަލަތަކުގެ ގޮތުގައި ރިޕޯޓް ކޮށްފައިވަނީ 18 މައްސަލައެކެވެ. އޭގެ ތެރޭގައި ކުދިންނާ ބައްދަލު ނުކުރެވޭ 14 މައްސަލައަކާއި ދަރިންގެ ޚަރަދު ދިނުމުގައި ދިމާވާ ތިން މައްސަލައެއްގެ އިތުރުން ކުދިން ބެލުމުގެ ދިމާވާ މައްސަލައެއް ހިމެނެ އެވެ.
އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލައެއް މިދިޔަ ރިޕޯޓް ކޮށްފައިވާ އިރު، އޭގެ ތެރޭގައި މާރާމާރީ ހިންގުމުގެ މައްސަލައެއް ވެސް ހިމެނެ އެވެ. ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 12 މައްސަލައެއް ވެސް ވަނީ ރިފޯޓްކޮށްފަ އެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 30 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. މިގޮތުން ޖިސްމާނީ އަނިޔާ ކުރުމުގެ 12 މައްސަލައެއް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.