ސްރީލަންކާގެ މަގުން އައިއެސް ޖަމާއަތާ ބައިވެރިވާން، ސީރިއާއަށް ދެ ވަނައަށް އެންމެ ގިނައިން ދަނީ ދިވެހިން ކަމަށް ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވުމާ ގުޅިގެން ދިވެހި ސަރުކާރުން އެކަމާ ކަންބޮޑުވުން ފާޅުކޮށް އެއަށް ރައްދު ދީފި އެވެ.
ސެނަނަޔަކެ ރާއްޖެއަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަތަކާ ގުޅިގެން އަވަސް އިން މިރޭ ސުވާލު ކުރުމުން ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑައިރެކްޓަރު މުހައްމަދު މިއުވާން ވިދާޅުވީ ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލެއްގައި ރާއްޖެއާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން، ދިވެހި ސަރުކާރުގެ ކަންބޮޑުވުން ވަރަށް ބޮޑަށް އެބައޮތް ކަމަށެވެ.
އަދި ލަންކާގެ އަސްކަރިއްޔާގެ ވެރިޔާގެ އެ ވާހަކަތަކުގެ ސަބަބުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ކުރިމަތިވެދާނެ ކަންކަމާއި ގުޅޭގޮތުން ސްރީލަންކާ ސަރުކާރާއެކު ދިވެހި ސަރުކާރުން މިހާރު ވާހަކަ ދައްކާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިތުރު ތަފުސީލެއް ދެއްވަމުން މިއުވާން ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ އަދި ލަންކާއަށް ދަތުރު ކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފިޔަވަޅުތައް އަޅައި ދިނުމަށް ދިވެހި ސަރުކާރުން ލަންކާގެ ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ. އަދި މިދިޔަ މަހުގެ ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކުގައި އެއްވެސް ދިވެއްސެއްގެ ބައިވެރިވުމެއް އޮތްކަމަށް މިހާތަނަށް ތަހުގީގުކުރާ ފަރާތްތަކުން ބުނެފައި ނުވަނީސް ހަގީގަތް އޮޅިދާނެފަދަ ގޮތަކަށް އަދި ދިވެހިންނާމެދު ނަފުރަތު އުފެދިދާނެ ގޮތަކަށް ޒިންމާދާރުކަން ކުޑަކޮށް މީޑިއާގައި ސެނަނަޔަކަ ވާހަކަފުޅު ދައްކާފައިވާތީ ކަމުގެ ހަގީގަތް އެނގޭނެ ގޮތަށް ރަސްމީ ބަޔާނެއް ނެރެދިނުމަށް ވެސް ސްރީލަންކާ ސަރުކާރުގައި އެދިފައިވާނެ ކަމަށެވެ.
"އަވަށްޓެރި ގައުމުތަކަށް ދިމާވާ މިފަދަ ކަންކަމުގައި ރާއްޖެއިން ކުރިއެކޭ އެއްފަދައިން ކުރިއަށް އޮތްތަނުގައި ވެސް ދާނީ އެހީތެރިކަން ފޯރުކޮށްދެމުން. ދެކުނު އޭޝިއާ ސަރަހައްދާއި އިންޑިއާ ކަނޑުގެ ސަރަހައްދަކީ ޓެރަރިޒަމްގެ އަމަލުތަކުން މިންޖުވެފައިވާ ސަރަހައްދަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގައި ސަރަހައްދުގެ އެހެން ގައުމުތަކާއި ގުޅިގެން ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުންދާނެ،" އޭނާ ވިދާޅުވި އެވެ.
އިންޑިއާގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ސެނަނަޔަކަ ވިދާޅުވީ، ސީރިއާއަށް ހަނގުރާމައަށް ދާ ދިވެހިން ދަތުރު ކުރަނީ ލަންކާ މަގުން ކަމަށާއި އޭގެ ތެރެއިން ބައެއް މީހުން އެމީހުންގެ މަންޒިލަށް ދިއުމުގެ ކުރިން ލަންކާގައި މަޑު ކުރާކަން ފާހަގަ ކުރެއްވިފައިވާ ކަމަށާއި އެހެން ނަމަވެސް އެއީ ދިވެހި ސަރުކާރުގެ މައްސަލައެއް ނޫން ކަމަށާއި އެއީ ވަކި ވަކި މީހުން ނުވަތަ ޖަމާއަތްތަކަކުން ކުރާ ކަމެއް ކަމަށެވެ.