އެމެރިކާގެ ރައީސް ޑޮންލްޑް ޓްރަމްޕް އިއްޔެ ކުރެއްވި ޓްވީޓެއްގައި އިރާނުން އެމެރިކާގެ އެއްވެސް ކަމަކަށް ހުރަސް އަޅައިފިނަމަ އިރާނު ނައްތާލާނެ ކަމަށް އިންޒާރު ދެއްވައިފި އެވެ.
"އިރާނުން ހަނގުރާމަ ކުރަން ބޭނުމިއްޔާ އެކަން ވާނީ ރަސްމީ ގޮތުން އިރާނުގެ ނިމުމަށް. ދެން ދުވަހަކުވެސް އެމެރިކާއަށް އިންޒާރު ނުދޭތި،" ޓްރަމްޕްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ދެ ގައުމުގެ މަޝްރަހު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައި އިރާނުގެ ނުރައްކާ ބޮޑުވަމުންދާ ކަމަށް ބުނެ އެމެރިކާގެ ހަނގުރާންމަތީ މަނަވަރަކާއި ބީ-25 ބޮން އަޅާ މަތިންދާ ބޯޓުތައް ގަލްފު ކަނޑުގެ ސަރަހައްދައް ވަނީ ފޮނުވާފަ އެވެ.
އެއާއެކު އިރާނުގެ ބާރުގެ ދަށުން ހަރަކާތްތެރިވާ އިރާގުގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ހަމަލައަކަށް ރައްކާތެރިވެ އިރާގުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ އިމެޖެންސީ މަސައްކަތު މީހުން ފިޔަވާ އެހެން އެންމެން އިރާގުން ފޭބުމަށް އެމެރިކާ ސަރުކާރުން ވަނީ އަމުރުކޮށްފަ އެވެ.
ޓްރަމްޕްގެ އެ ވާހަކަތަކާއި ގުޅިގެން އިރާނުގެ ފޮރިން މިނިސްޓަރު މުހަންމަދު ޖަވާދް ޒާރިފް ވިދާޅުވަނީ އެމެރިކާއިން އިރާނަށް ހަމަލާ ދޭން ދައްކާނެ އެއްވެސް ބަހަނާއެއް ނެތް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން ކަމަކާނުލާ ހަނގުރާމަ ކުރަން ބޭނުން ނުވާ ކަމަށާއި ސަރަހައްދީ ގޮތުން ބެލިޔަސް އިރާނު ބަލި ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދީ އާއި ޔޫއޭއީގެ ހަތަރު ތެޔޮ ޓޭންކަރާއި ސައުދީގެ ކްރޫޑް އޮއިލް ތެޔޮ ހޮޅިތަކަކަށް އަމާޒުކޮށް ދިން ހަމަލާތަކުގެ ފަހަތުގައި އިރާނުގެ އަތެއްވާ ކަމަށް އެމެރިކާއިން ތުހުމަތު ކުރި ނަމަ ވެސް އިރާނުން އެވާހަކަ ދޮގު ކުރެއެވެ.
ދެ ގައުމުގެ މަޝްރަހު އެންމެ ފަހުން ގޯސްވެފައިވަނީ 2015 ގެ އިރާނުގެ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ ވަކިވުމަށް ފަހު އަމިއްލަ ގޮތުން އެމެރިކާއިން އިރާނާއި ދެކޮޅަށް އަޅަން ފަށާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ނެވެ.