އަންނަ އަހަރު ރާއްޖެ އިޝްތިހާރު ކުރަން ކުރިއަށް ގެންދާ ހަރަކާތްތަކާއި ރާއްޖެ ބައިވެރިވާ ފެއާ ތަކުގައި ބޭނުން ކުރާނެ ކޮތަޅު ފަރުމާ ކުރާނެ ފަރާތެއް ހޯދަން އެމްއެމްޕީއާރްސީއން އިއުލާން ކޮށްފި އެވެ.
އެމްއެމްޕީއާރްސީން ބުނީ އަލަށް ފަރުމާ ކުރާ ކޮތަޅަކީ ރާއްޖެއިން ބޭރުގައި ބާއްވާ ފެއާތަކާއި ރޯޑް ޝޯތައް ފަދަ ހަރަކާތްތަކުގައި ރާއްޖެ ބައިވެރިވެ ތަމްސީލު ކުރާއިރު ބޭރުގެ މެހެމާނުންގެ މެދުގައި ވަރަށް މަގުބޫލު ސުވެނިއާއަކަށް ވެފައިވާ އޮންނަ ކަމަށެވެ. އަދި ބުނީ އަލަށް ހަދާ ކޮތަޅުގައި ހިމަނާ މަންޒަރަކީ ބްރޭންޑެއްގެ ގޮތުގައި ރާއްޖެ އިޝްތިހާރުކުރާ "ވިޒިޓް މޯލްޑިވްސް" އާއި މިހާރު ވެސް ރާއްޖެ އިޝްތިހާރު ކުރަން ބޭނުން ކުރާ "ދަ ސަނީ ސައިޑް އޮފް ލައިފް" ރަމްޒުކޮށްދޭ މަންޒަރަކަށްވާން ޖެހޭނެ ކަމަށެވެ.
އާ ކޮތަޅު ފަރުމާ ކުރުމުގެ ފުރުސަތު އެމްއެމްޕީއާރްސީން ހުޅުވާލާފައި ވަނީ އެއްވަނަ އަށް 25،000 ރުފިޔާ ލިބޭނެ މުބާރާތެއްގެ ގޮތުގަ އެވެ. އެއްވަނައަށް ހޮވޭ މަންޒަރު "ތީމް" އެއްގެ ގޮތުގައި ބަލައި އެހެނިހެން މަޗެންޑައިސްގައި ވެސް އެއާ ގުޅޭ މަންޒަރުތައް ހިމަނާނެ އެވެ. މިއީ ދުނިޔޭގެ އެތައް މިލިޔަން ބަޔަކަށް ފެނިގެން ދާނެ މަސައްކަތެކެވެ.
މިއީ ރާއްޖޭގެ ކޮތަޅު ފަރުމާ ކުރުން މުބާރާތެއް ގޮތުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެމްއެމްޕީއާރްސީން ބުނީ މި ގޮތަށް ބަދަލު ކުރީ ރާއްޖޭގައި ތިބި ފަންނުވެރީންގެ އަގު ވަޒަންކޮށް އެފަދަ ފަރާތްތަކުގެ ހުނަަރު ދައްކާލެވޭނެ ފުރުސަތެއް ފަހިކޮށްދޭން ކަމަށެވެ.
މި މުބާރާތުގައި ބޮޑެތި މީހުންނަށާއި ރާއްޖޭގެ ކުންފުނިތަކަށް ބައިވެރިވެވޭނެ އެވެ. ކުރެހުން ހުށަހަޅަން ޖެހެނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހަށެވެ.