ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން އެމްއެމްޕީއާރްސީން އިނގިރޭސިވިލާތުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.
މިއަދު ނެރުނު ބަޔާނެއް މެދުވެރިކޮށް އެއެމްޕީއާރްސީން ބުނީ އިއްޔެ ރާއްޖެ އައި މި ޓީމް އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވަކަރުފަޅި މޯލްޑިވްސް އާއި ލިޔެލާ ރިޓްރީޓް އަދި ސަން ސިޔާމް އިރުފުށި ރިސޯޓުގައި ތިބޭނެ ކަމަށެވެ.
އިނގިރޭސި ނޫސްވެރިން މި ދަތުރުގައި ރާއްޖޭގެ އައިސް ތިބޭއިރު ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތިކަމާއި، ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާއި އަދި ދިވެހި ކެއުންތަކުގެ ރަހަތައް ތަޖުރިބާާ ކުރާނެ ފުރުސަތު އެ މީހުންނަށް ހޯދައިދޭނެ އެވެ.
ނޫސްވެރިންގެ މި ޓީމްގައި ހިމެނެނީ "ފެބްލަސް" މެގެޒިން އާއި "ޓީއައި މީޑިއާ" އާއި "ބެލާ" މެގަޒިން އާއި "ހީޓް" މެގަޒީން އަދި "ދަ ހޭންޑް ބުކް" ގެ ނޫސްވެރިންނެވެ. އެ މީހުން ރާއްޖޭގައި ތަޖުރިބާތައް ކުރުމަށްފަހު އިނގިރޭސި މީޑިއާގައި ރާއްޖޭގެ ވާހަކަތައް ޝާއިއު ކުރާނެ އެވެ.
އިނގިރޭސިވިލާތަކީ ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރާ ބޮޑު އެއް މާކެޓެވެ. މި އަަހަރުގެ ޖެނުއަރީއިން ފެށިގެން މާޗް މަހުގެ ނިޔަލަށް ރިކޯޑްކޮށްފައިވާ ހިސާބުތައް ދައްކާ ގޮތުގައި އެ މުއްދަތުގައި ހަތަރު ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ އިނގިރޭސި ވިލާތުންނެވެ.
މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އިނގިރޭސިވިލާތުން 36،116 ފަތުރުވެރިން ވަނީ އައިސްފަ އެވެ. މިއީ 2018 ވަނަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 10.7 ޕަސެންޓްގެ ކުރިއެރުމެކެވެ.
އެމްއެމްޕީއާރްސީން ބޭރުގެ ނޫސްވެރިން ރާއްޖެ ގެނެސް ރާއްޖޭގެ އިސްތިހާރު ކުރުމަށް މަސައްކަތް ކުރި ނަމަވެސް ރާއްޖޭގެ ބޭރުގައި ހިންގާ ރަކާތްތަކާއި ބައިވެރިވާ ފެއާތަކާއި ރޯޑްޝޯތައް ކަވަރު ކުރުމަށް ދިވެހި ނޫސްވެރިންނަށް ކުރިން ދެމުން އައި ފުރުސަތު މިހާރު ނުދެ އެވެ. ނަމަވެސް ޓޫރިޒަމް އިސްރިހާރު ކުރުމުގެ ބަޖެޓް މި ސަރުކާރުން ވަނީ ބޮޑު ކޮށްފަ އެވެ.