އެމެރިކާއިން އެގައުމުގެ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ދެކޭ ޗައިނާގެ ވާވޭ ކުންފުންޏާއި އެމެރިކާގެ ގޫގަލް ކުންފުންޏާއި އޮންނަ ގުޅުން ކަނޑާލުމުގެ މަސައްކަތް ގޫގަލް ކުންފުނިން ކުރަމުން ދާކަމަށް އެ ކުންފުނިން ބުނެފި އެވެ.
ގޫގަލް ކުންފުނިން އެކަން ކުރަން ފަށާފައިވަނީ އެމެރިކާއާއި ޗައިނާއާއި ދެމެދު ކުރަމުންދާ ވިޔަފާރި ހަނގުރާމައިގެ ތެރެއިން އެމެރިކާގެ ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ފަދަ އެހެން ގައުމުތަކުގެ މުވާސަލާތީ ކުންފުނިތަކާއި މުއާމަލާތްކުރުން އެމެރިކާގެ ރައީސް މަނާކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.
އެ ގޮތުން އެމެރިކާގެ ކޮމާސް ޑިޕާޓްމަންޓުން ފެހި ލައިޓް ދިނިމުން ނޫން ގޮތަކަށް ވިޔަފާރީގެ އެއްވެސް މުއާމަލާތެއް ނުކުރެވޭނެ ބޭރު ކުންފުނިތަކުގެ ތެރޭގައި ވާވޭ ކުންފުނި ހިމަނާފައިވާއިރު އެއްވެސް ބާާވަތެއްގެ ޓެކްނޮލޮޖީއެއްގެ މުއާމަލާތެއް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
ގޫގަލް ކުންފުނީގެ ޗެއާމަންއެއް ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރަނީ އަމުރަށް ކިޔަމަންތެރިވެ ތަހުގީގުތައް ނިމެންދެން މުއާމަލާތްތަށް ހުއްޓާލުމަށެވެ.
ސްމާޓްފޯން ކުންފުނިތަކުގެ އުފެއްދުންތަކާއި ގޫގަލް ފަދަ ހުރިހާ ޓެކް ކުންފުނިތަކުން ނެރޭ ޓެކްނޮލޮޖީގެ ކުރިއެރުން ގުޅިފައިވާ އިރު ގޫގަލް ކުންފުނީގެ އެ ނިންމުމުގެ ސަބަބުން އެ ކުންފުންޏަށް ގޮންޖެހުންތަކަކާއި ކުރިމަތިވާނެކަމަށް ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.
ގޫގަލް ވާވޭއާއި ގުޅުން ކަނޑާލުމުން ހާޑްވެއާ އާއި ސޮފްޓްވެއާ އަދި އާންމުންނަށް ލިބެން ނުހުންނަ ޓެކްނިކަލް ހިދުމަތްތަކުގެ ވިޔަފާރި މުއާމަލާތްތައް ހުއްޓުމަކަށް އަންނާނެ އެވެ. އަދި ވާވޭ ކުންފުނިން ބޭނުންކުރެވޭނީ އެންމެނަށް ވެސް ބޭނުންކުރެވޭ ގޮތަށް އޮންނަ އެންޑްރޮއިޑް އޯޕަން ސޯސް ހިދުމަތް އެކަނިކަމަށް ކަމާ ގުޅުންހުރި ފަރާތަކުން އޭއެޕްޕީ ނޫހަށް މައިލޫމާތު ދެއްވި އެވެ.
އޭގެ މާނާއަކީ ޖީ މެއިލް ފަދަ ގޫގަލްގެ ހާއްސަ އެޕްތަކާއި ފަންކްޝަންތައް 5ޖީ ޓެކްނޮލޮޖީގައި ކުރިއަރަމުން އަންނަ ވާވޭއަށް ބޭނުން ނުކުރެވޭނެ ކަމެވެ.
އެމެރިކާއިން ޗައިނާގެ ވާވޭ ކުންފުންޏާއި އިދިކޮޅަށް ކުރާ ވަރުގަދަ ކެމްޕޭންގެ ދަށުން އެ ކުންފުނީގެ 5ޖީ މޮބައިލް ޓެކްނޮލޮޖީ ބޭނުން ނުކުރުމަށް އެމެރިކާގެ އެކުވެރި ގައުމުތަކަށް ގޮވާލަމުންދާ ވާވޭ ކުންފުނިން ކޮންމެ އަހަރަކު 67 ބިލިއަން އެމެރިކާ ޑޮލަރުގެ ޓެކްނޮލޮޖީއާއި ގުޅުންހުރި މުދާ އެހެން ގައުމުތަކުން އެތެރެ ކުރެއެވެ.
ނިއްކެއި ބިޒްނަސް ޑެއިލީ ނޫހުން މައުލޫމާތު ލިބޭ ގޮތުގައި އޭގެތެރެއިން 11 ބިލިއަން ޑޮލަރުގެ މުދަލަކީ އެމެރިކާއިން އެތެރެކުރާ މުދަލެވެ.
އެމެރިކާގެ ސަރުކާރު އެޖެންސީތަކުން މިހާރު ވާވޭގެ މުދާ ގަތުން ހުއްޓާލާފައިވާއިރު އެ ކުންފުނީގެ ފައުންޑާ އަދި ސީއީއޯ ރެން ޝެންގްފެއި ވިދާޅުވަނީ އެ ކުންފުނިން އެއްވެސް ގާނޫނަކާއި ހިލާފުވެފަ ނުވާނެ ކަމަށެވެ. އަދި އެމެރިކާގެ ނިންމުންތަކުގެ ސަބަބުން އެ ކުންފުންޏަށް މާބޮޑު އަސަރެއް ނުކުރާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.