ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ސްރީލަންކާގެ ޚާރިޖީ ވަޒީރާއެކު އެ ގައުމުގެ މަސްރަހާއި ގުޅޭ ގޮތުންނާއި ލަންކާގައި ތިބި ދިވެހިންނަށް ދިމާވާ ކަންކަމާމެދު މަޝްވަރާކުރައްވައިފި އެވެ.
މިނިސްޓަރު ޝާހިދު، ސްރީލަންކާގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ތިލަކް މަރަޕަނާއާ މަޝްވަރާ ކުރެއްވީ ފޯނުން ގުޅުއްވައިގެނެވެ. މި ފޯން ކޯލްގައި ސްރީލަންކާގެ އަސްކަރިއްޔާގެ ވެރިޔާ އިންޑިއާގެ ޓީވީ ޗެނަލަކަށް ދެއްވި އިންޓަވިއުއެއްގައި ރާއްޖެއާއި ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅޭ ގޮތުންނާއި، ސްރީލަންކާގެ މަސްރަހާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ޝާހިދުގެ ވާހަކަފުޅުގައި ލަންކާގައި ދިރުއުޅޭ އަދި ގައުމަށް ދަތުރުކުރާ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފިޔަވަޅުތައް އަޅުއްވައިދެއްވުމަށް އެދިވަޑައިގަތުމާއެކު ސްރީލަންކާއަށް ދިމާވެފައިވާ ހާލަތުގައި އެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކާބެހޭ ގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
މިނިސްޓަރު ތިލަކް މަރަޕަނާގެ ވާހަކަފުޅުގައި ސްރީލަންކާގެ އެކި ސަރަހައްދުތަކުގައި މިދިއަ މަހު ދިން ޓެރަރިސްޓް ޙަމަލާތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބަކު ފޮނުއްވެވި ކަން ފާހަގަކުރައްވައި ރައީސް ސޯލިހަށް ޝުކުރު އަދާ ކުރެއްވި އެވެ. އަދި އެ ހަމަލާތަކަށްފަހު ސްރީލަންކާއަށް އެންމެ ފުރަތަމަ ވަޑައިގެންނެވި ބޭރު ޤައުމެއްގެ އެންމެ އިސްވެރިޔަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަން ވެސް ފާހަގަކުރެއްވި އެވެ.
މިނިސްޓަރު މިއަދު ވަނޫ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.