މޯލްޑިވްސް ޕޮލިސް ސާވިސް

ޑްރަގުގެ ބޮޑު ދެ މައްސަލާގައި ހިމެނޭ މީހުންގެ ނަން ހާމަކޮށްފި

ގދ. އަތޮޅުގެ ފަޅު ރަށް، ހުޅުވާރުލުގައި ވަޅުލާފައި ހުއްޓާ ފެނުނު 149 ކިލޯގެ މަސްތުވާތަކެއްވާއި ޑްރަގް ޓްރެފިކް ކުރަން އުޅުނު އިރާން ބޯޓުގެ މައްސަލާގައި ހިމެނޭ ފާރާތްތަކުގެ ނަންތައް ފުލުހުން މިއަދު އާންމު ކޮށްފި އެވެ.

މި ދެ މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ނަމާއި ވަނަވަރު ފުލުހުން ހާމަކުރީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ފުލުހުން ކުރަމުންދާ ތަހުގީގުތަކާ ގުޅޭ ގޮތުން މައުލޫމާތު ދޭން މިއަދު އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

އެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް އަހުމަދު ޝާކިރު ވިދާޅުވި ގޮތުގައި ހުޅުވާރުލުން ފެނުނު މަސްތުވާތަކެތީގެ މައްސަލާގައި ފަސް މީހަކު ހައްޔަރުކޮށްފައިވާއިރު އެ ފަސް މީހުންނަކީ ގއ. އަތޮޅާއި ގދ. އަތޮޅަށް ނިސްބަތްވާ މީހުނެވެ. އަދި އިރާން ބޯޓުގެ މައްސަލާގައި ބޯޓުގައި ތިބި ހަތް މީހަކު ހައްޔަރުކޮށްފައިވާއިރު، އެއީ އިރާންގެ ހަ މީހަކާއި ޕާކިސްތާނުގެ މީހެކެވެ.

ހުލުވާރުލު މަސްތުވާތަކެތި މައްސަލާގައި ހައްޔަރުކުރި މީހުން

  • އަހުމަދު ހަމީމް، އެދުރުގެ ގދ. ގައްދޫ (42 އަހަރު)
  • ޝަފީޒް މުހައްމަދު، ރޮމޭންސް ގއ. ކޮނޑޭ (35 އަހަރު)
  • އަލީ ޝާކިރު، ދިހާޝާންވިލާ ގއ. ނިލަންދޫ (30 އަހަރު)
  • ޔާމީހް ހަމީދު، އެދުރުގެ ގދ. ގައްދޫ (23 އަހަރު)
  • އަހުމަދު އަނީލް، ގަހާކޯޅި ގއ. ކޮނޑޭ (34 އަހަރު)

އިރާން ބޯޓުގެ މައްސަލާގައި ހައްޔަރުކުރި މީހުން

  • - ޝާ ނަވާޒް، ޕާކިސްތާނު (34 އަހަރު)
  • - ހަބީބު، އިރާން (27 އަހަރު)
  • - ޔޫސުފް، އިރާން (51 އަހަރު)
  • - ރަހުމަތުﷲ، އިރާން (48 އަހަރު)
  • - ސައީދު، އިރާން (46 އަހަރު)
  • - އަބްދުﷲ، އިރާން (28 އަހަރު)
  • - ޚާލިދު ބަލޫދީ (45 އަހަރު)

ޝާކިރު ވިދާޅުވީ އިރާން ބޯޓުގެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ތަފުސީލުތައް މުޅިން ނުލިބޭތީ އެ މީހުންގެ ވަނަވަރު މުޅިން ޔަގީން ނުކުރެވޭ ކަމަށެވެ. ނަމަވެސް އެ ފަރާތްތަކުގެ ގައުމުތަކުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެ ކަން ޔަގީން ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

ހުޅުވާރުލުން ފެނުނު މަސްތުވާތަކެއްޗާއި އިރާނުގެ ބޯޓުން އަތުލައިގަތް މަސްތުވާތަކެއްޗާ އެއްވެސް ގުޅުމެއް ވޭތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޝާކިރު ވިދާޅުވީ ދެ މައްސަލާގައި އެއްވެސް ގުޅުމެއްވާ ކަމަށް ބެލެވޭ އެއްވެސް ކަމެއް މިހާތަނަށް ފާހަގަކުރެވިފައިވާ ނުވާ ކަމަށެވެ. އެ ދެ މައްސަލައަކީ އެއް މައްސަލައެއްކަން ސާބިތުވާވަރުގެ ހެކިތަކެއް އަދި ލިބިފައިނުވާ ކަމަށާއި އެ ދެ މައްސަލާގައި ގުޅުމެއް ނެތް ކަމަށް ބުނަން ވެސް އަދި ދަތި ކަމަށެވެ.

އިރާންގެ ބޯޓުން ފުލުހުން 50 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، ހުޅުވާރުލުން ވަޅުލާފައިވާ އޮށްވާ ފުލުހުން ހޯދާފައި ވަނީ 149 ކިލޯގެ މަސްތުވާތަކެއްޗެވެ.

ބ. އަތޮޅުގެ ހުޅަނގު ފަޅިން 126 މޭލު ބޭރުން މަސްތުވާތަކެތި ޓްރެފިކް ކުރަން އުޅުނު އިރާން ބޯޓެއް މި މަހު އަތުލައިގެންފައިވާއިރު، މީގެ ކުރިން 2014 ވަނަ އަހަރުގެ ތެރޭގައި ވެސް 24 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އިރާންގެ ބޯޓެއް ވަނީ އަތުލައިގެންފަ އެވެ. އެ ފަހަރު ވެސް އިރާންގެ ބޯޓެއް އަތުލައިގަތީ ބ. އަތޮޅާއި އއ. އަތޮޅާއި ދެމެދުންނެވެ. އެ ފަހަރު ވެސް އިރާން ބޯޓުން އަތުލައިގެންފައި ވަނީ އިރާނާއި ޕާކިސްތާނުގެ މީހުންނެވެ.