ލައިފްސްޓައިލް

ދަރީންނަށް ކޮންމެހެން ބުނެދޭންޖެހޭ ފިލާވަޅެއް!

ކީރިތި ނަބިއްޔާ މުޙައްމަދު (ސ.އ.ވ) ހަދީސް ކުރެއްވިއެވެ. "ފަސްކަމެއް ތިބާއާއި ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ބަލިވުމުގެ ކުރިން ދުޅަހެޔޮކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. ފަގީރުވުމުގެ ކުރިން މުއްސަނދިކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. މަޝްއޫލުވުމުގެ ކުރިން ހުސްވަގުތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ. އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ."

މިހަދީޘާއިމެދު ދީނީ ނަޒަރަކުން ވިސްނާލުމުން ވަގުތުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމުގެ މުހިއްމުކަން ދައްކުވައި ދެއެވެ. އެހެންކަމުން، އަހަރެމެންގެ ދަރިންނަށް މިގޮތަށް ކަންތައްކުރުމަށް ދަސްކޮށްދެވިއްޖެނަމަ ދެ ދުނިޔޭގައި ވެސް ކާމިޔާބުވުމަށް އެހީތެރިވެދޭނެ އެވެ.

ވަގުތުގެ ބޭނުން އެންމެ ރަނގަޅުގޮތުގައި ހިފޭނީ ކިހިނެތް ހެއްޔެވެ؟

މިސުވާލަށް ޖަވާބެއް ހޯދަން ޓެސްޓެއް ކޮށްލަމާ ހިނގާށެވެ. މި މަސައްކަތަށް ބޭނުންވާނީ އެތެރެ ފެންނަ އަނގަ ފުޅާ ފުޅިއެއް ނުވަތަ މޭސަން ޖާ އެއް، އެއް ލާހި ހަނޑޫ އަދި ތިން ޓީޓީ ބޯޅަ އެވެ. މި ތަޚުލީލުގައި ފުޅި ރަމްޒު ކުރަނީ ހަފުތާގެ ދުވަހެކެވެ. ހަނޑޫ ރަމްޒު ކޮށްދެނީ ކުރަން ބޭނުންވާ، އެކަމަކު ކޮންމެހެން ކުރުން މުހިއްމު ނޫން ކަންކަމެވެ. މިސާލަކަށް ޓީވީ ބެލުން، ގޭމު ކުޅުން، ވާހަކަ ކިޔުންފަދަ ކަންކަމެވެ. ތިން ބޯޅަ ރަމްޒު ކޮށްދެނީ އެ ދުވަހަކު ކޮންމެހެން ވެސް ކުރުން މުހިއްމު ކަންކަމެވެ. މީގެ މިސާލެއްގެ ގޮތުން ނަމާދު ކުރުން، ޤުރުއާން ކިޔެވުން، ހޯމްވޯކް ހެދުން ފަދަ ކަންކަން ބޭނުންކުރެވިދާނެ އެެވެ.

އެންމެ ފުރަތަމަ ފުޅީގެ ތެރެއަށް ހަނޑޫ ލާހި އޮއްސާލާށެވެ. އެއަށްފަހު ހަމަ އެ ފުޅީގެ ތެރެއަށް ތިން ޓީޓީ ބޯޅަތައް ފައްތާލެވޭތޯ މަސައްކަތް ކޮށްލާށެވެ. ހަނޑޫ އެޅުމުން ފުރިފައިވާތީ އާއި ބާކީ ހުރި ޖާގަ ކުޑަވުމުގެ ސަބަބުން މިއީ ކުރެވޭނެ ކަމެއް ނޫނެވެ. ދެން އަނެއްކާވެސް ފުޅި އޮށްސާލާ ހުސްކޮށްލާށެވެ. އެއަށް ފަހު ދެން ފުޅީގެ ތެރެއަށް އެންމެ ފުރަތަމަ ތިން ޓީޓީ ބޯޅަ ލާށެވެ. އަދި ހަމަ ކުރިން އެޅި މިންވަރަށް ހަނޑޫ ވެސް ފުޅިތެރެއަށް އަޅާށެވެ. ކުރީ ފަހަރާއި ހިލާފަށް މިފަހަރު ހަނޑޫގެ އިތުރުން ޓީޓީ ބޯޅަތައް ވެސް ދަތިކަމެއް ނެތި ފުޅިތެރެއަށް ލެވޭނެ އެވެ. ބޯޅަތަކުގެ ދޭތެރޭގައިވާ ހުސް ޖާގަތަކަށް ރީތިކޮށް ހަނޑޫތައް ފެތިލާ ހަމަޖެހިލާނެ އެވެ.


ދެން ދަރިފުޅަށް ކިޔައި ދޭށެވެ. ދަރިފުޅު ހެނދުނު ހޭލުމަށްފަހު ކުރުން މުހިއްމުކަންކަން ފަހަތަށް ޖައްސާލާފައި އެހެން ކަންކަމަށް މަސްއޫލުވުމުން މުހިއްމު ކަންކަން ކުރަން ވަގުތު ނޯވެ، އެންމެ ފަހުން ނުކޮށް ދޫކޮށްލެވެނީ އެވެ. އޭގެ ބަދަލުގައި އެދުވަހެއްގެ ހަރަކާތްތައް ކުރުން މުހިއްމު ކަންތައްތަކުގެ ވަށައިގެން ރާވާލުވުމުން، ހިތްހަމަ ޖައްސާލަން ކުރަން ބޭނުންވާ ހުރިހާ ކަމެއްވެސް އެއްވެސް ހާސް ކަމެއްނެތި ފަސޭހަ ކަމާއެކު ކޮށްލުމަށް ވަގުތު ލިބިގެން ދެއެވެ.

ދެން އޮތް ސުވާލަކީ، އެވަގުތަކު ކުރުން އެންމެ މުހިއްމު ކަންކަން ދެނެގަންނާނީ ކިހިނެތް ހެއްޔެވެ؟

ވޯކްޝީޓެއް ހަދާލަމާ ހިނގާށެވެ. ފުރަތަމަ ކޮންމެ ދުވަހަކުވެސް ކުދިން ކުރާ އެކި ކަންކަން އެއްފަރާތުގައި ލިސްޓު ކޮށްލާށެވެ. އެއަށްފަހު ތިން ގޮޅިކުރަހާލައި މިކިޔާދޭ ގޮތަށް ލޭބަލް ކޮށްލާ، ލިސްޓުގައިވާ ކަންކަން މިތިން ބަޔަށް ކުދިން ލައްވާ ބަހާލާށެވެ. ފުރަތަމަ ބަޔަކީ "ވަރަށް މުހިއްމު" ނުވަތަ އަޖެންޓް ކެޓަގަރީ އެވެ. މިބަޔަށް ލާނީ ކޮންމެހެން ވަގުތުން ކުރުން މުހިއްމު ކަންކަމެވެ. ދެވަނަ ބަޔަކީ "މުހިއްމު" ނުވަތަ އިމްޕޯޓަންޓް ކެޓަގަރީ އެވެ. މިބަޔަށް ލާނީ ކުރުން މުހިއްމު ނަމަވެސް ވަގުތުން ނުކޮށް ކުޑަކޮށް ފަސްކޮށްލެވިދާނެ ކަންކަމެވެ. ފަހު ބަޔަކީ "ލަސްކޮށްލެވިދާނެ ކަންކަން" މި ބައެވެ. މިބަޔަށް ލާ ކަންކަން އަދި މަޑުޖައްސާލުމަކުން ގެއްލުމެއް ނެތެވެ.

ކުދިންނަށް ކޮންމެ ދުވަހަކުވެސް އެދުވަހެއްގެ ކަންކަން މިގޮތަށް ރާވަލުމަށް ހިތްވަރުދޭށެވެ. މި މުހިއްމު ސިފަ ކުދިންގެ ގައިގައި ހަރުލައިފިނަމަ ބޮޑުވެގެން ދުނިޔެތެރެއަށް ނިކުމެ ކަންކަމާއި ކުރިމަތިލާއިރު ކުދިންނަށް ވަރަށް ފަސޭހަވެގެން ދާނެކަން ޔަޤީނެވެ.

އަހަރެމެން މުސްލިމުންނަށް ކޮންމެ ދުވަހަކުވެސް އެވަގުތަކަށް ސަމާލުވާންޖެހޭ ފަސްވަގުތެއް އާދެ އެވެ. އެއީ ނަމާދު ގަޑިތަކެވެ. މިހާރު މިކުރިއަށްގެންދާ ހަރަކާތުގެ ބޭނުމަކިީ ނަމާދު ގަޑިއަށް ސަމާލުވުމަށް ކުދިން އަހުލުވެރިކުރުމެވެ.

ކަރުދާސް ތައްޓަކުން ގަޑިއެއް ކުދިންނާއިއެކު ތައްޔާރުކޮށްލާށެވެ. އެއަށްފަހު ބަންގި ގޮވާ ގަޑިތަކުގެ ލިސްޓެއް ފާރުގައި ތަތްކޮށްލާ، ތައްޔާރުކުރި ގަޑިވެސް ހަރުކޮށްލާށެވެ. ދެން އެންމެ އަވަހަށް ބަންގި ގޮވާ ގަޑި ލިސްޓުން ބަލާ، އެގަޑިއަކަށް ކަރުދާސް ގަޑީގެ ކަށިތައް ދަރިފުޅުލައްވާ ހަމަކޮށްލާށެވެ. އަދި ގޭގައި ގަޑިބަލަން ގެންގުޅޭ ގަޑިއާއި، ކަރުދާސް ގަޑީގެ ކަށިތައް އެއްގޮތްް ވޭތޯބަލާ، އެއްގޮތްވުމުން އަވަަހަށް ނަމާދަށް އެރުމަށް އިރުޝާދުދޭށެވެ. އަދި ނަމާދުކޮށް ނިންމާލުމަށްފަހު ދެން އެންމެ އަވަހަށް ޖެހޭ ބަންގީގެ ވަގުތައް އަނެއްކާވެސް ކަރުދާސް ގަޑީގެ ކަށިތައް ހަމަކޮށްލާށެވެ.

މަތީގައި މިބުނެލަދިނީ ވަތުގުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ކުދިންނަށް ހިތްވަރުދިނުމުގެ ގޮތުން ކުރެވިދާނެ ބައެއް ކަންކަމެވެ. އަަހަރެމެންގެ ދަރިންގެ ހަޔާތް ބާއްޖެވެރިކުރުމަށް އެހީތެރިވެދިނުމަށް، މިއުކުޅު ކުދިންނަށް ދަސްކޮށްދީ، ތައްޔާރުކޮށްދެމާ ހިނގާށެވެ.