ރޯދަ މަހާ ރޯއްޖާ

މަންމައިންގެ ތަށިބަރި ދޮރުން ދޮރަށް!

ގެއްލެމުންދާ ރަނގަޅު އާދަކާދަތައް ބައެއް ފަހަރަށް އެނބުރި އާދެ އެވެ. މިއީ އެފަދަ ކަމެއް އަލުން އަނބުރާ ދިރުވުމަށް މަޑުމަޑުން މަސައްކަތް ކުރާ މަންޒަރެކެވެ. ހާއްސަކޮށް ރޯދަ މަހާއި ދިމާކޮށް އިޖްތިމާއީ ގުޅުން ބަދަހި ކުރުމަށާއި ކުރީގެ އާދަކާދަތަކާއި ސަގާފަތް ދިރުވައި އެއްބަޔަކު އަނެއް ބަޔަކަށް އެހީ އިސްކުރާ ހަރަކާތެކެވެ. މި ރޯދަ މަހު "މަމްސްހަދިޔާ" ގެ ނަމުގައި އަންނަނީ ތަށިބަރިއެއް ބަދަލު ކުރަމުންނެވެ. މިކަން ފަށައިގެން އުޅެނީ "މަމްސްއެމްވީ" އެވެ

ދެހާސްތޭރަ ވަނަ އަހަރު އޮންލައިން ޕެލްޓްފޯމެއްގައި އައ "މަމްސްއެމްވީ" ގައި މިއާދައި ހަމައަށް 27000 އަށް ވުރެ ގިނަ އަންހެނުން ބައިވެރިވެ އުޅެ އެވެ.

މަމްސްއެމްވީގެ ކޯ ފައުންޑަރަކު ވިދާޅުވިގޮތުގައި މި ހަރަކާތުގައި އޮންނަނީ އެދުވަހު ނޮމިނޭޓްވާ މަންމައަކު ރޯދަވީއްލަން ތައްޔާރުކުރާ ބާވަތްތައް ތަށިބަރިއަކަށް އެޅުމަށްފަހު އެހެން މަންމައަކަށް ތަށިބަރި ހަދިޔާ ކުރުމެވެ.

"ވަރަށް ބޮޑު ތަރުހީބަކާއި ފޯރިއެއް އެބައޮތް. މި ހަރަކާތްތުގެ ބޭނުމަކީ މަންމައިންގެ މެދުގައި އެކުވެރިކަން އާލާކޮށް ބަދަހިކުރުމާއި ރިވެތި އާދަތައް ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުން،" އޭނާ ވިދާޅުވި އެވެ.

މި ހަރަކާތް ރޯދަ މަސް ނިމެންދެން ކުރިއަށްގެންދާނެ އެވެ. މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވެސް "މަމްސް ހަދިޔާ" ހަރަކާތް ކުރިއަށް އެބަ ދެއެވެ. އޭގެތެރޭގައި ތޮއްޑޫ އާއި ކާށިދޫ އާއި ސ. ފޭދޫ އާއި ކުޅުދުއްފުށި ހިމެނެ އެވެ.