ޓެކްނޯލޮޖީ

ފިލްމް "ގްރެވިޓީ" ފަދަ ހާދިސާއަކުން ސްޕޭސް ސްޓޭޝަން ކިރިޔާ ސަލާމަތް ވެއްޖެ

Jul 17, 2015

ސަންޑްރާ ބްލޮކް އަދި ޖޯޖް ކްލޫނީ އެކްޓް ކުރި އޮސްކާ ހަތަރު އެވޯޑު ލިބުނު ފިލްމް "ގްރެވިޓީ"ގައި ދައްކުވައިދޭ ފަދަ ހާދިސާއަކުން ބައިނަލް އަގުވާމީ ޖައްވީ ބަނދަރު، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައި.އެސް.އެސް) ބުރާސްފަތި ދުވަހު ސަލާމަތް ވެއްޖެއެވެ.

ރަޝިޔާގެ ހަލާކުވެފައިވާ މޫސުމީ ސެޓެލައިޓެއްގެ އެތިކޮޅުތަކެއް ގަޑިއަކު 8 މޭލުގެ ދުވެލީގައި އައި.އެސް.އެސް އާ ދިމާއަށް އަންނަކަން އެނގުނީ، ފިލްމްގައި ވެސް ފެންނަ ފަދައިން، އެންމެ 90 މިނެޓް ކުރިންނެވެ. ނަމަވެސް އާއްމު ގޮތެއްގައި މިފަދަ ކަމެއް ހިނގަން އުޅުމުގެ މާކުރިން އެނގޭ ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ.

މިއީ އުމުރުން 15 އަހަރުވީ ފުޓުބޯޅަ ދަނޑެއްހާ ބޮޑު އައި.އެސް.އެސްގެ ހަޔާތުގައި މި ފަދަ ކަމަކާ ކުރިމަތިވި ހަތަރު ވަނަ ފަހަރު ކަމަށް ވެއެވެ. މި ކަހަލަ ކަމަކާ ކުރިމަތިލާން ޖެހިއްޖެ ނަމަ، މި ސްޓޭޝަންގައި ހުންނަ ޖެޓް އިންޖީނުތަކެއް ހިންގާލާ، ޖައްވީ ކުނިތައް ނުވަތަ 'ސްޕޭސް ޑެބްރީ' ހުންނަ މިސްރާބުން ރެކުމަށް ފުރުސަތު ލިބެއެވެ.

ނާސާއިން ލަފާ ކުރާ ގޮތުގައި ދުނިޔެ ވަށައިގެން ދައުރު ވާ ނުވަތަ އޯބިޓް ކުރާ މި ފަދަ ބައި މިލިއަނެއްހާ ކުނިބުނި ވެއެވެ. މި ތަކެތި އާއްމު ގޮތެއްގައި ދަތުރު ކުރަނީ ސިކުންތަކު ހަތަރު މޭލު ބާރުމިނުގައެވެ.