ވިޔަފާރި

ބޭނުން ކުރެވޭ ރިޒާވް 251 މިލިއަން ޑޮލަރަށް

May 21, 2019
3

ވަގުތުން ވަގުތަށް ބޭނުން ކުރަން ހުންނަ ރިޒާވް (ޔޫޒަބަލް ރިޒާވް) މިދިއަ މާޗް މަސް ނިމުނުއިރު 251 މިލިއަން ޑޮލަަރަށް ދަށްވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރާ މާލީ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ ޖެނުއަރީ މަސް ނިމުނުއިރު، ރާއްޖޭގެ ޔޫޒަބަލް ރިޒާވުގައި 317.9 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް ފެބްރުއަރީ މަހު މި އަދަދު 295 މިލިއަން ޑޮލަރަށް މަދުވުމަށްފަހު، މާޗް މަހު ވަނީ 251.8 މިލިއަން ޑޮލަރަށް ވެއްޓިފަ އެވެ.

ޔޫޒަބަލް ރިޒާވުގެ އިތުރުން، ރާއްޖޭގެ ޖުމްލަ ރިޒާވް ވެސް ވަނީ މާޗް މަހު 776 މިލިއަން ޑޮލަރަށް ދަށްވެފަ އެވެ. މި އަދަދަކީ ފެބްރުއަރީ މަހާ އަޅާ ބަލާއިރު 162.4 މިލިއަން ޑޮލަރުގެ ދަށްވުމެކެވެ. އެ މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ރިޒާވުގައި 938 މިލިއަން ޑޮލަރު ހުއްޓެވެ.

ފެބްރުއަރީ މަހު ރާއްޖޭގެ ޖުމްލަ ރިޒާވް 938 މިލިއަން ޑޮލަރަށް އެރުމަކީ ފަހުގެ ތާރީހުގައި ރިޒާވް އެންމެ މަތިވި ފުރަތަމަ ފަހަރެވެ. މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި ވެރިކަމުގެ ދައުރު ނިމޭއިރު ރިޒާވް އެއް ބިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ބުނެފަ އެވެ.