ހަބަރު

71 އަހަރުގެ މީހާގެ ބަންދަށް 15 ދުވަސް

އުމުރުން ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ބަންދުގެ މުއްދަތަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފި އެވެ.

ފުލުހުން މިއަދު ބުނީ ނުވަ އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލާގެ ތަހުގީގަށް އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 71 އަހަރުގެ މީހާ 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތުދީފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކުރީ އުމުރުން 71 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނި ނަމަވެސް އެ މީހާގެ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހާއަކީ އަންހެން ކުއްޖާގެ މަންމަގެ ކުރީގެ ލޯބިވެރިޔާ އެވެ.

ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހުގަ އެވެ.

މި މައްސަލާގައި އެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތު އޭނާގެ މަންމަގެ ކުރީގެ ލޯބިވެރިޔާގެ އިތުރުން އޭނާގެ ދެ ބޭބެގެ މައްޗަށް ވެސް ތުހުމަތު ކުރެ އެވެ. ދެ ބޭބެއިންނަކީ ވެސް ކުޑަކުދިންނެވެ. އެ ގޮތުން އެއް ބޭބެގެ އުމުރަކީ 16 އަހަރެވެ. އަނެއް ބޭބެގެ އުމުރަކީ 13 އަހަރެވެ.

މި މައްސަލައަކީ ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށްވާތީވެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ދަނީ ޖެންޑާ މިނިސްޓްރީއާ ވެސް ގުޅިގެންނެވެ.