ހަބަރު

މިނިސްޓަރު ޝިދާތާ ނޯވޭއަށް

ނޯވޭގައި ބާއްވާ ކޮންފެރެންސެއެއްގައި ބައިވެރިވެވަޑައިގަތުމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

އެ މިނިސްޓްރީން ބުނީ މިނިސްޓަރު ޝިދާތާ ނޯވޭއަށް ވަޑައިގަތީ "އެންޑިން ސެކްޝުއަލް އެލްޑް ޖެންޑާ ބޭސްޑް ވަލަޔަންސް އިން ހިއުމެނިޓޭރިއަން ކްރައިސިސް" ގެ ނަމުގައި އަންނަ ބުރާސްފަތި، ހުކުރު ދުވަހު ނޯވޭގައި ބާއްވާ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގަތުމަށް އެކަމަނާއަށް އެރުވި ދައުވަތެއްގައި ކަމަށެވެ.

މިއީ ނޯވޭގެ ސަރުކާރާއި، ޔޫއެންއެފްޕީއޭ އާއި އައިސީއާރްސީ އިންތިޒާމުކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. ކޮންފަރެންސްގެ އަމާޒަކީ އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތްވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅޭ ތަފާތު ކުރުން ނައްތާލުމާއެކު، ހަމަނުޖެހުމުގެ ހާލަތްތަކުގައި ޖިންސީ ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތާލުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމެވެ.