ނިއުރޭޑިއަންޓް

ޖަވާބުދާރީ ނުވެ ނިއުގެ ޗެއާމަން ޒިޔާދު އިސްތިއުފާ ދީފި

ބޮޑު އަޑިގަނޑަކަށް ވެއްޓިފައިވާ، ނިއު ރޭޑިއަންޓްގެ ހާލަތާ މެދު ޖަވާބު ދާރީ ވުމެއް ނެތި ޗެއާމަން، މުހައްމަދު ޒިޔާދު އިސްތިއުފާ ދީފި އެވެ.

އެ ކުލަބުގެ ލޯކަލް 10 ކުޅުންތެރިންނަށް މުސާރައިގެ ގޮތުގައި ދޭން ޖެހޭ 2.4 މިލިއަން ރުފިޔާ ނުދީ އޮތުމުން އެފްއޭއެމުން ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ނިއު ސަސްޕެންޑް ކޮށްފަ އެވެ. ނިއުގެ ކުރީގެ ދެ ކޯޗުންނާއި ބިދޭސީ ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަތައް ފީފާގައި ކުރިއަށް އެބަ ދެ އެވެ.

އެ މައްސަލަތައް ކުރިމަތީވީ ޒިޔާދުގެ ދައުރުގަ އެވެ. ޖަނަވަރީ 2017 ގައި، ނިއުގެ ޗެއާމަން ކަމްށް ޒިޔާދު އިންތިހާބުވެ، އޭނާ ވަނީ ގިނަ ވައުދުތަކެއް ވެފަ އެވެ. އެ ގޮތުން ކުލަބަށް ފައިސާ ހޯދުމަށް ކެފިޓިރިއާ އަކާއި ކުލަބު ހައުސްއެއް ހަދާނެ ކަމަށް އޭނާ ވައުދުވެ ވަޑައިގެންނެވި އެވެ. އެހެންނަމަވެސް އޭނާ އިސްތިއުފާ ދިން އިރުވެސް އެއިން ކަމެއް ހާސިލު ވެފައެއް ނުވެ އެވެ.

ފުރަތަމަ އަހަރު، މާލޭ ލީގް ފިޔަވައި، އެ ސީޒަންގެ ހުރިހާ މުބާރާތެއް އޭނާގެ ޗެއާމަން ކަމުގެ ދަށުން ކާމިޔާބު ކުރި ނަަމަވެސް ދެ ވަނަ އަހަރާ ކުރިމަތިލިރު، ޓީމަށް އޮތީ މައްސަލަ ކުރިމަތި ވެފަ އެވެ. ދެ ވަނަ އަހަރު އޭއެފްސީ ކަޕުގައި ރަނގަޅު ހިސާބަކަށް ދިއުމަށް އަމާޒު ކަނޑައެޅި ނަމަވެސް، ގުރޫޕް ސްޓެޖު ނުނިމެނީސް ޓީމަށް މައްސަލަތައް ކުރިމަތި ވި އެވެ. މިދިޔަ އަހަރު މާލޭ ލީގް ޗެމްޕިއަންކަން ހޯދި އެވެ. އެ މުބާރާތާއެކު، ޒިޔާދުގެ ޗެއާމަންޝިޕްގެ ދަށުގައިވެސް ރާއްޖޭގައި ކުޅޭ ހުރިހާ މުބާރާތެއްގެ ތަށި ނިއު އިން ހޯދި އެވެ.

އެނގިފައިވާ ގޮތުގައި، ޒިޔާދު އިސްތިއުފާ ދެއްވީ އާ ލީޑާޝިޕަކަށް ފުރުސަތު ދެއްވުމުގެ ގޮތުންނެވެ. އެހެންނަމަވެސް އޭނާގެ ދައުރުގައި ކުލަބު ބޮއްސުންލައިގެން ދިއުމުން، އެކަމުގައި އޭނާ ޖަވާބު ދާރީވާން ޖެހޭ ކަމަށް ކުލަބުގެ ކުރީގެ ޚިދުމަތްތެރިން ގަބޫލު ކުރެ އެވެ.

ނިއު ރޭޑިއަންޓްގެ ހާލަތު ބަދަލު ކުރުމަށް، އެކުލަބުގެ ސަޕޯޓަރުންތަކެއް އިސްވެ ވަނީ މަސައްކަތްތަކެއް ފަށާފަ އެވެ. މިހަފުތާގައި ނިއުގެ ބައެއް ހިދުމަތްތެރިންނާއި ކުލަބުގެ އިސް ބައެއް ސަޕޯޓަރުން ވަނީ ނިއުގެ މަސްއޫލުވެރިޔާ ކުއީން އަހްމަދު ވަހީދު އާ ބައްދަލު ކޮށްފަ އެވެ.

ނިއު އާމެދު އަޅާފައިވާ ސަސްޕެންޝަން އުވިގެން ދާނީ، އެފްއޭއެމްގެ ކޮންގްރެސްއިން ސަސްޕެންޝަން އުވާލުމަށް ކުލަބުތައް ވޯޓް ދިނުމުންނެވެ.