ދުނިޔެ

އިލެކްޝަަންގެ ނަތީޖާއާއެކު އިންޑޮނޭޝިއާގައި ހަމަނުޖެހުން!

ރިޔާސީ އިންތިހާބުގައި ނާކާމިޔާބުވި ރިޔާސީ ކެންޑިޑޭޓް ޕްރަބޯވޯ ސުބިއާންތޯގެ ސަޕޯޓަރުންނާއި އިންޑޮނޭޝިއާގެ ފުލުހުންނާއި ކުރިމަތިލަމުން ދާކަމަށް ރިޕޯޓުތައް ބުނެފި އެވެ

ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއްޔެ އިއުލާންކުރުމާއި ގުޅިގެން ރައީސް ޖޮކޯ ވިދޯދޯއާ ވާދަކުރެއްވި ސުބިއާންތޯ އެ ވަނީ ނަތީޖާ ބަލައި ނުގަންނަ ކަމަށާއި ނިގުޅައިގަނެވުނު ހައްގުތައް ހޯދަން މަސައްކަތް ކުރައްވާނެ ނެކަމަށް އިއްޔެ ވިދާޅުވެފަ އެވެ.

ސުބިއާންތޯގެ ސަޕޯޓަރުންނާއި އިންޑޮނީޝިއާގެ ފުލުހުންގެ ދެމެދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި ފުލުހުންގެ ބެރެކްސްއެއްގައި ހުޅުޖަހާފައިވާއިރު ފުލުހުންނާއި ދިމާލާށް ގާ އުކާ މަންޒަރުތައް އެ ގައުމުގެ ކޮމްޕަސް ޓީވީން ވަނީ ދައްކާފަ އެވެ.

އިންޑޮނީޝިއާ ފުލުހުންގެ ތަރުޖަމާން ދެދީ ޕްރަސެތިޔޯ ވިދާޅުވާ ގޮތުގައި ހަމަނުޖެހުންތަކުގެ ތެރެއިން މިހާތަނަށް ގިނަ އަދަދެއްގެ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އިންޑޮނީޝިއާގެ އިލެކްޝަން ކޮމިޝަނުން އިއްޔެ އިއުލާންކޮށްފައިވާ ގޮތުގައި މިހާރުގެ ރައީސް ޖޮކޯ ވިދޯދޯ އެ ގައުމުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށްފައިވަނީ ވޯޓުގެ 55.5 ޕަސެންޓް ވޯޓު ހޯއްދަވައިގެނެވެ. ވިދޯދޯއާއި ވާދަކުރެއްވި ސުބިއާންތޯ އިންތިހާބުގެ ނަތީޖާ ރަނގަޅު ނޫންކަމަށް ތުހުމަތުކޮށް އިންތިހާބު ކާމިޔާބު ކުރެއްވީ އޭނާކަމަށް ދަނީ ވިދާޅުވަމުންނެވެ.