ޓެކްސީގެ ހިދުމަތް

ޓެކްސީ ހިދުމަތުގެ އެޕް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

ރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އޮންލައިން އެޕްލިކޭޝަން ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ޓެކްސީ ހިދުމަތުގެ އެޕްލިކޭޝަން ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި މި މަހުގެ މި މަހުގެ 29 އަދި 30 ވަނަ ދުވަހުގެ މެންދުރުފަހު 1:00 ގައި އެ އޮތޯރިޓީއަށް ގޮސް މައުލޫމާތު ސާފުކުރުމަށް އޮތޯރިޓީން ވަނީ އެދިފަ އެވެ.

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބްރިޖާއި ހައިވޭ އާންމު ދަތުރުފަތުރަށް ހުޅުވާލި ފަހުން ޓެކްސީތަކުން ބޮޑު އަގެއް ނަގަމުންދާ ކަމުގެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައި ވަނީ ޓެކްސީތަކުގައި މީޓަރު ބޭނުން ކުރުމަށެވެ.

މިގޮތުން ޓެކްސީ މީޓަރުގެ ގޮތުގައި މޮބައިލް އެޕްލިކޭޝަނެއް ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ. އެ އެޕްލިކޭޝަންގައި ޓެކްސީ މީޓަރުގެ އިތުރަށް ޓެކްސީތައް ދަތުރުކުރާ ސަރަހައްދުތައް އެނގޭނެ ގޮތަށް ފަރުމާ ކުރާނެ ކަމަށް ވެސް މިނިސްޓްރީން އެއިރު ބުންޏެވެ.

މާލެ ސަރަހައްދުގައި ޓެކްސީ ދަތުރުތަކުގެ މައްސަލަތަކާއި ޝަކުވާތަކަކީ އަބަދުވެސް ބޮޑުވެފައިވާ ޝަކުވާތަކެކެވެ. މިގޮތުން ޓެކްސީ ހޯދަން ދަތިވުމާއި ޓެކްސީ ދަތުރުތަކުގެ އަގާ މެދު އާންމުންގެ ތެރޭގައި ޝަކުވާ ބޮޑެވެ.