އެމްޓީސީސީ

ހަތަރު ރަށެއްގެ މަގުތަކުގައި ތާރު އަޅަން އެމްޓީސީސީއަށް

ހަތަރު ރަށެއްގެ މަގު ހަދައި ތާރު އަޅަން ޕްލޭނިން މިނިސްޓްރީން މިއަދު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓާ އައިމިނަތު ޝާލާ ފާރޫގެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝާލާ ވިދާޅުވީ، ހަތަރު ރަށުގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ އެކަން ކުރުމުގެ ގާބިލްކަން އެމްޓީސީސީގައި ހުރުމުން ކަމަށެވެ.

މަގު ހަދައި ތާރު އެޅުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ރަށްތަކާއި މަސައްކަތުގެ އަގު:

1
 

ހދ. ހަނިމާދޫ، 46 މިލިއަން ރުފިޔާ ރ. އުގޫފާރު، 19.3 މިލިއަން ރުފިޔާ ލ. ފޮނަދޫ، 25.5 މިލިއަން ރުފިޔާ ރ. ދުވާފަރު، 28.2 މިލިއަން ރުފިޔާ

މީގެ ކުރިން މި މަޝްރޫއުތަށް ކުރީގެ ސަރުކާރުގައި ހަވާލުކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރްޑީސީ)އާ އެވެ. ނަމަވެސް ޝާލާ ވިދާޅުވީ އަލުން އެ މަސައްކަތް އެމްޓީސީސީއާ އާ ޕްރެޖެކްޓެއް ގޮތުގައި ހަވާލުކުރީ ކަމަށެވެ.

އޭނާ ވިދާޅުވީ، މީގެ ކުރިން އެމްއާރްޑީސީ އާއި އެ މަސައްކަތް ހަވާލުކޮށްފައިވާއިރު މަގު ހެދުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ. އެގޮތުން އެމްއާރްޑީސީއަށް ކުރެވިފައި ހުރި މަސައްކަތަކީ މަގުގެ ދުވާރު ހެދުމުގެ މަސައްކަތް ކަމަށެވެ. ތާރު އެޅުމުގެ މަސައްކަތް ބާރް ސްޕީޑެއްގައި ގެންދެވިފައި ނުވާ ކަމަށް ޝާލާ ވިދާޅުވި އެވެ.

އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތަށް ހުރިހާ ރަށެއްގެ މަސައްކަތް ނިންމާލަން މަސައްކަތް ކުރާނެ ކަމަށެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއަށް މި ޕްރެޖެކްޓްތަށް ހަވާލުކޮށްފައިވަނީ ހަތް މަހުން ނިންމާ ގޮތަށެވެ.