އެމްޓީސީސީ

މަހާޖައްރާފުން ފައިދާވާނީ ގިނަ ޕްރެޖެކްޓްތަކެއް ލިބިގެން: ޝާހު

ރާއްޖޭގައި އޮތް ބޮޑު ޑްރެޖަރު، މަހާޖައްރާފުން ފައިދާ ނެގޭނީ ބިން ހިއްކުމުގެ މަޝްރޫއުތައް ކައިރިކައިރީގައި ލިބިގެން ކަމަަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

މިވަގުތު މަހާޖައްރާފު ބޭނުން ކޮށްގެން ކުރަނީ ހޯރަފުށީ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތެވެ. އޭގެ ފަހަށް ކ. ހުރަ އާއި ދ. މާއެބޫދޫގައި މަސައްކަތް މަހާޖައްރާފުން ކުރާނެ އެވެ.

މިއަދު އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝާހު ވިދާޅުވީ، މާހަޖައްރާފަކީ 24 ގަޑިއިރު އޮޕަރޭޓް ކުރާ ގޮތަށް ގެނެސްފައިވާ ޑްރެޖަރެއް ކަމަށާއި އެމްޓީސީސީއަށް މަހާޖައްރާފުން ފައިދާ ވާނީ އެ ބޭނުންކޮށްގެން ކުރިއަށް ގެންދާ ޕްރެޖެކްޓަށް ކައިރި ކައިރީގައި ލިބިގެން ކަމަށެވެ.

"އެއީ [މަހައްޖައްރާފު] އަކީ 24 ގަޑިއިރުގެ އޮޕަރޭޝަަނަށް ގެނެސްފައިވާ އެއްޗެއް. އެގޮތަށް މަސައްކަތް ކުރެވޭނެމަ އެއިން ފައިދާ ކުރާނެ،" ޝާހު ވިދާޅުވި އެވެ.

ޝާހު މީގެ ކުރިން ވިދާޅުވެފައިވަނީ މަހާ ޖައްރާފް އޮޕަރޭޓް ކުރުމަށް ވަރަށް ބޮޑު ހަރަދެއް ހިނގާ ކަމަށެވެ. އަދި އޭރު ލަފާކުރި ވަރަށް ބޮޑެތި މަޝްރޫއުތައް ނުލިބޭތީ، ބޯޓުން ލިބޭ އެއްޗަކަށް ވުރެ، މާލީ ގޮތުން ކުންފުނި އުފުލަން ޖެހޭ ބުރަ އެތައް ގުނައެއް އިތުރު ކަމަށެވެ.

ޝާހު މިއަދު ވިދާޅުވީ، މަހާޖައްރާފު ފަދަ ޑްރެޖަރެއް ރާއްޖޭގައި އޮތުން މުހިންމު ކަމަށާއި އެހެންނޫނީ ބިން ހިއްކުމުގެ ގިނަ މަޝްރޫއުތަށް ކުރިއަށް ގެންދަން ޖެހޭނީ ބޭރު ގައުމުތަކުގެ ކުންފުނިތަކާއި ހަވާލުކޮށްގެން ކަމަށެވެ.

"އެވަރުގެ ޑްރެޖަރެއް ނެތްނަމަ މިހުރިހާ އެއްޗެއް ދާނީ ކޮންމެވެސް ބޭރު ކުންފުންޏަކަށް އެހެންވީމާ ދައުލަތަށް މިވަރުގެ އެސެޓެއް އޮތުން މުހިންމު، އޭރުން ދައުލަތުގެ ހުރިހާ މިކަހަލަ މަސައްކަތެއް ކުރެވޭނެ އެއީ އެޑްވާންޓޭޖެއް،" ޝާހު ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަހާ ޖައްރާފު ބަނދެގެން ގެނައީ 340 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެންނެވެ. ނަމަވެސް ޝާހު ވިދާޅުވީ މަހާ ޖައްރާފު ވަރުގެ ކޮންނަ ބޯޓެއްގެ އަގު މާކެޓްގައި އުޅެނީ ގާތްގަނޑަކަށް 16 މިލިއަން ޑޮލަރުގައި ކަމަށެވެ.