އަބްދުﷲ ޝާހިދު

ލަންކާގައި ވިސާ ނެތި އުޅޭ ދިވެހިންގެ މައްސަލަ ބޮޑު: ޝާހިދު

ސްރީލަންކާގައި ވިސާ ނެތި ނުވަތަ ވިސާ އާނުކޮށް ތިބި ދިވެހިން އެބައުޅޭ ކަމަށާއި އެ މައްސަލައަށް ހައްލެއް ހޯދޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝާހިދު މިއަދު ވިދާޅުވީ ސްރީލަންކާގައި ދާދި ފަހުން ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި ތިބި އެހެން ގައުމުތަކުގެ ހުރިހާ މީހުން ޕޮލިސް ސްޓޭޝަނަށް ގެންގޮސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތެއް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް ފެށުމާއެކު ވިސާ އާނުކޮށް ތިބި ގިނަ އަދަދެއްގެ ދިވެހިން ވެސް ސްރީލަންކާގައި ދިރިއުޅެމުންދާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭގެ ބައެއް ދިވެހިންގެ ޕާސްޕޯޓްގެ މުއްދަތު ވެސް އާކޮށްފައި ނުވާ ކަމަށެވެ.

"ވަރަށް ގިނަ ދިވެހިން އެބަތިބި ވިސާ ނެތި. އަނެއްކާ ދެ ދުވަސް ތިން ދުވަހެއް ނޫން އިނގޭތޯ؟ ހަތަރު ފަސް އަހަރު [ވިސާ އާނުކޮށް] އެބަ ތިބި މީހުން. އެބަ ތިބި [ދިވެހި] ޕާސްޕޯޓް އުވިފަ ތިބި މީހުން ވެސް. ޕާސްޕޯޓުން މުއްދަތު ހަމަވެފަ..." ޝާހިދު ވިދާޅުވި އެވެ.

އޭގެ ތެރޭގައި ލަންކާގައި ކިޔަވަމުންދާ ދިވެހި ދަރިވަރުން ވެސްް ހިމެނޭ ކަން ވެސް ޝާހިދު ފާހަގަކުރެއްވި އެވެ. ވިސާ އާ ނުކޮށް ތިބި ދިވެހި ދަރިވަރުންނަށް ވިސާ އާކޮށްގެން އެ ގައުމުގައި ތިބެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ސްރީލަންކާގެ ޕްރައިމް މިނިސްޓްރާ ބައްދަލުކުރިއިރު އަޅުގަނޑު ދެންނެވިން އޭގެ ތެރޭގަ އެބަތިއްބޭ މިހާރު ކިޔަވަމުންދާ ކުދިން ވެސް. އަޅުގަނޑު އެދިފައި އޮންނާނީ އެ ކުދިންނަށް އެ ދައްކަން ޖެހޭ ޖޫރިމަނާއެއް ނަގާފަ އެމްބަސީއިން ސިޓީއެއް ދިނީމަ ވިސާ އާކޮށްދޭން އެއްބަސްވެވަޑައިގަންނަވާށޭ އަނބުރާ [ރާއްޖެއަށް] ނައިސް. އަޅުގަނޑަށް ހީވެ އެކަން ކޮށްދެއްވާނެހެން،" ޝާހިދު ވިދާޅުވި އެވެ.

ނަމަވެސް ވިސާ އާނުކޮށް ތިބި ދިވެހިންގެ ތެރޭގައި ބޭސްފަރުވާއަށާއި އެހެނިގެން ގޮތްގޮތުން އެ ގައުމަށް ދިއުމަށްފަހު ފިލައިގެން އުޅޭ ބައެއް ދިވެހިން ވެސްް ހިމެނޭ ކަމަށް މިނިސްޓަރު މިއަދު ވިދާޅުވި އެވެ. އެ ފަދަ ފަރާތްތަކަށް ސްރީލަންކާގައި ތިބެގެން ވިސާ އާކުރެވިދާނެ ގޮތެއް ނުހޯދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްރީލަންކާ އަށް ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ވިސާގެ އުސޫލަށް ބަދަލުތަކެއް ގެނެސް ރެސިޑެންސް ވިސާ ނެގުން ވެސް ވަނީ ކުރިއަށް ވުރެ ހަރުކަށިކޮށްފަ އެވެ. ކުރިން އޮތް ގޮތުންނަމަ ޓޫރިސްޓު ވިސާގައި އެ ގައުމަށް އެތެރެވެ އެ ގައުމުގައި ތިބެގެން ރެސިޑެންސް ވިސާ ނެގެ އެވެ. ނަމަވެސް ފަހުން އުސޫލަށް ގެނައި ބަދަލުގެ ސަބަބުން ލަންކާގެ ރެސިޑެންސް ވިސާ ލިބޭނީ ލަންކާއަށް އެތެރެވުމުގެ ކުރިން އެ ގައުމެއްގައި ހުންނަ ލަންކާ އެމްބަސީން އެކަންކަން ފުރިހަމަ ކުރުމުންނެވެ.