ދުނިޔެ

އިންޑޮނޭޝިއާ ވޯޓްގެ ނަތީޖާ ހޫނުވެ ހުޅުހިފައިފި

އިންޑޮނޭޝިއާގެ ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާން ކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ކުރަން ފެށި މުޒާހަރާތަކުގެ ތެރޭގައި ހަ މީހަކު މަރުވެ 200 އެއްހާ މީހުންނަށް އަނިޔާވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

މިހާރުވެސް ވެރިކަމުގައި ހުންނެވި ޖޮކޯ ވިދޯދޯ ނުވަތަ "ޖޮކޯވީ"، ވޯޓުގެ 55.5 ޕަސެންޓް ކާމިޔާބު ކުރައްވާ ދެން ވާދަ ކުރެއްވި ކުރީގެ ޖެނަރަލް ޕްރަބޯވޯ ސުބިއާންތޯ ބަލި ކުރައްވާ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފި ކަމަށް އިންޑޮނޭޝިއާގެ އިލެކްޝަން ކޮމިޝަނުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ނަމަވެސް ނަތީޖާ އިއުލާންކުރުމާއި ވިދިގެން ސުބިއާންތޯ އަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ މަގުތަކަށް ނިކުމެ ވަނީ ހަޅުތާލު ކުރަން ފަށާފަ އެވެ.

އެމީހުން ތުހުމަތު ކުރަނީ ވިދޯދޯގެ ސަރުކާރުން އިލެކްޝަންގެ ކުރިންނާއި އިލެކްޝަން ކުރިއަށް ދިޔަ ވަގުތުގަ އާއި އިލެކްޝަން ނިމިގެން ދިޔައިރު ވެސް އޮޅުވާލުމާއި ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާފައިވާ ކަމަށެވެ.

މުޒާހަރާ ކުރަން ފެށުމާއި ގުޅިގެން ޖަކާޓާގެ ބޮޑެތި މަގުތަކާއި ދަތުރު ފަތުރުގެ ނިޒާމުތައް ހުއްޓުމަކަށް އައިސްފައިވާއިރު ސަރުކާރުގެ އިމާރާތްތަކާއި ތަންތަން ހިމާޔަތް ކުރަން އެ ގައުމުގެ 50،000 ސިފައިން ދަނީ ހަރަކާތްތެރި ވަމުންނެވެ.

ހަޅުތާލުކުރި މީހުން އެންމެ ވަރުގަދަ ހަމަލާތައް ދީފައިވަނީ އިންޑޮނޭޝިއާ ފުލުހުންގެ ހާއްސަ ބްރައިމޮބް ޔުނިޓަށާއި އިލެކްޝަން އެޑްވައިޒަރީ އެޖެންސީގެ އޮފީސްތަކަށެވެ. އަދި އިންޑޮނީޝިއާގެ އިލެކްޝަންސް އޯވަސައިޓް ބޮޑީގެ އިމާރާތް ކައިރިއަށް ފަތިހު ޖަމާވާން ފެށި މުޒާހަރާކުރާ މީހުން އިތުރުވެ އެ ސަރަހައްދު ތޮއް ޖެހެމުން ދިޔައިރު ފުލުހުން އެ އިމާރާތްތަކަށް ވަދެވޭ މަގުތަށް ވަނީ ބަންދުކޮށްފަ އެވެ.

ޖަކާޓާގެ ވަކި ސަރަހައްދުތަކެއްގައި ސޯޝަލް މީޑިއާ އެޕްތައް ވަގުތީ ގޮތުން ބޭނުން ނުކުރެވޭ ގޮތަށް ހަދާފައިވާ ކަމަށް ޕޮލިޓިކަލް ލީގަލް އެންޑް ސެކިއުރިޓީ އެފެއާޒްގެ ކޯޑިނޭޓިންގް މިނިސްޓަރު ވިރާންތޯ ވިދާޅުވެފައި ވެއެވެ.

ސުބިޔާންތޯގެ ސަޕޯޓަރެއް ކަމަށްވާ ލެލީ ސިމަންޖުންތަކް ބުނި ގޮތުގައި މުޒާހަރާ ކުރަން ނިކުމެ ތިބި އެންމެން ވެސް ބޭނުންވަނީ ހިތްހެޔޮ ތެދުވެރި ރައީސެއް ހޮވާށެވެ.

"އަހަރެމެންނަށް ހެޔޮ ކޮންމެ މީހަކު ރައީސް ކަމަށް ހޮވުނަސް، އެކަމަކު މި ގައުމުގެ ރައްޔިތުންގެ ގޮތުގައި ތިބެ މި އިލެކްޝަން ކުރިއަށް ގޮސްފައިވަނީ އެންމެ އިންސާފުވެރި ގޮތުގައިތޯ ބެލުމަކީ އަހަރެމެން އެންމެންގެ ވެސް ޒިންމާއެއް،" ލެލީ އޭނާގެ ޝުއޫރުތައް ފާޅުކުރި އެވެ.

އިއްޔެ ފެށި މުޒާހަރާތައް ރޭގަ އެންމެ ހޫނުވެގެން ދިޔަ ވަގުތު ހަ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނާ ގޮތުގައި ހަޅުތާލުތައް އެންމެ ހޫނުވެގެން ދިޔަ ވަގުތު އެތަނުން ނުދާނެ ކަމަށް ބުނެ ތިބި ބަޔަކު ވަނީ ޕެޓްރޯލް ބޮން އުކާފަ އެވެ. ފުލުހުން އެމީހުން ހުއްޓުވުމަށްޓަކައި ކަރުނަ ގޭހާއި ރަބަރު އުންޑާ އާއި ފެންބަޑި ބޭނުން ކޮށްފައި ވެއެވެ.

ފުލުހުންގެ ތަރުޖަމާން މުހަންމަދު އިގްބާލް ވިދާޅުވި ގޮތުގައި އަންގާރަ ދުވަހު މުޒާހަރާ ކުރަން ނިކުތް މީހުން ފުރަތަމަ ހަރަކާތްތެރިވީ ވަރަށް މަޑުމައިތިރިކަމާއެކު އެވެ. އަދި ގާނޫނު ބުނާ ގޮތަށް އިރު އޮއްސި 6:00 ޖަހާއިރު މުޒާހަރާތައް ނިންމަންވާނެ ކަމަށް އަންގާފައިވާއިރު އެރޭ ނުވައެއް ޖަހަންދެން އެމީހުން މުޒާހަރާގައި ހަރަކާތްތެރި ވުމަށް ފުލުހުން ވަނީ ތަންދީފަ އެވެ.

ނަމަވެސް އެމީހުން އެތަނުން ދިއުމަށް ފަހު އެހެން ބަޔަކުވަނީ އެ ސަރަހައްދައް އަނެއްކާ ވެސް އެއްވެފަ އެވެ. އަދި ދެވަނަ ފަހަރަށް އެތަނަށް ޖަމާވި މީހުންގެ އަމަލުތައް ހުރީ ވަރަށް ނުރައްކާތެރި ގޮތަކަށް ކަމަށް ފުލުން މީޑިއާތަކަށް މައުލޫމާތު ދީފައި ވެއެވެ. އެމީހުން ވަނީ ފުލުހުނާއި ކުރިމަތިލާ އެ ހިސާބުގައި ހުރި ބައެއް އިމާރާތްތަކާއި ވެހިކަލްތަކުގައި ހުޅުޖަހާފަ އެވެ.

އިންޑޮނީޝިއާގެ ކަމާބެހޭ އިދާރާތަކުން ހާމަކުރާގޮތުގައި ދެވަނަ ފަހަރަށް އައިސް ހަޅުތާލުކުރި މީހުން އެކަންތައް ކޮށްފައިވަނީ ވަަރަށް ރަނގަޅަށް ރާވައިގެން ކަމަށް ބެލެވެއެވެ. ހަޅުތާލުތަކާއި ގުޅިގެން މިހާތަނަށް 60 އަށްވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.