ވޭތުވެދިޔަ 60 އަހަރު ތެރޭގައި ޕްލޫޓޯގައި އާދަޔާ ހިލާފަށް "އަލި" ސަރަހައްދެއް އޮތް ކަން ފަލަކީ އިލްމްވެރިންނަށް އެނގުނަސް މި ކަން ރަނގަޅަށް ސާފު ވެގެން ދިޔައީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މަގުބޫލު ވެގެން ދިޔަ ނިއު ހޮރައިޒަންސްއިން ނެގި ފޮޓޯއިންނެވެ. ބެލެވޭ ގޮތުގައި މި 'ހިތް' އުފެދުނީ ޕްލޫޓޯގެ ތާރީހުގައި ކޮންމެވެސް ބޮޑު ގިނަ ހިލައެއް ވެއްޓިގެންނެވެ. ރިސާޗް ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި ފަސްގަނޑު ވަރަށް އެއްވަރަށް ހުރި މި ވަޅުގަނޑު ފުރާލާފައިވަނީ ޕްލޫޓޯގެ ފަޒާގައިވާ ގޭސްތައް ކަމަށްވާ ނައިޓްރިޖަން، މީތޭން އަދި ކާބަން ޑައިއޮކްސިޑުންނެވެ.
ނާސާއިން ހާމަ ކުރި އެއް ފޮޓޯއިން ފެންނަ ގޮތުގައި މި ހިތް ވަނީ ދެ ފަޅިއަށް "ހަލާކު"ވެފައެވެ! މިހެންވެ، މި ދެ ފަޅި އުފެދިފައިވަނީ ޖިއޮލޮޖީގެ ގޮތުން ތަފާތު ދެ ގޮތަކަށް ކަމަށް ސައިންސްވެރިން ލަފާ ކުރެއެވެ.
ޕްލޫޓޯގައި ހުންނަނީ ރަތް ފާޑުގެ ކުލައެއްކަން ސައިންސްވެރިންނަށް މާ ކުރިން ވެސް އެނގެއެވެ. ނަމަވެސް ނިއު ހޮރައިޒަންސްގެ ފޮޓޯތަކުން އެނގުނު ގޮތުގައި މިއީ ދުނިޔެއާ އެންމެ ގާތުގައި އޮންނަ 'ރަތް ބިން' ނުވަތަ 'ރެޑް ޕްލެނެޓް'ގެ ވަނަން ދީފައިވާ 'މާރސް'ގެ ރަތް ކުލައާ މުޅިން ތަފާތު ރަތެކެވެ. ޕްލޫޓޯގެ ރަތް ކުލަ އަކީ 'ތޮލިން' ކިޔާ ހައިޑްރިޖަން އަދި ކާބަން ޒައްރުތައް މަސްހުނިވެގެން އުފެދިފައިވާ މާއްދާއަކުން އަންނަ ކުލައެއް ކަމަށް ބެލެވެއެވެ. މި 'ތޮލިން'ތައް އުފެދެނީ އިރުގެ އަލްޓްރާ ވައިލެޓް ދޯދިތަކާއި ކައުނުގެ ކޮސްމިކް ދޯދިތައް ޕްލޫޓޯގެ މީތޭން މާއްދާތަކާ 'މުއާމަލާތް' ކުރުމުން ކަމަށް ވެއެވެ.
"ޕްލޫޓޯ އަށް ރޭގަނޑު ވުމުން އިރުގެ އަލި އެ ފަޅި އަށް ނުފޯރި ނަމަވެސް އެ ފަޅި ވެސް ހުންނަނީ ރަތް ކުލައެއްގައި 'ދިއްލާލާފައި'. އަދި ޕްލޫޓޯ އަށް އަންނަ ހަރީފު މޫސުމުގައި އެތައް ޑިކޭޑްތަކެއް ('10 އަހަރުތަކެއް') ވަންދެން އިރު ނޭރި ނަމަވެސް، ޕްލޫޓޯ ހުންނަނީ އެ ރަތް ކުލާގައި،" ސައިންސްވެރިޔާ މައިކަލް ސަމަރސް ވިދާޅުވިއެވެ.
ކުރިން އަންދާޒާ ކުރި ވަރަށް ވުރެ 80 ކިލޯމީޓަރު ފުޅާކަން ވަނީ ނިއު ހޮރައިޒަންސްގެ ސަބަބުން ހާމަވެފައެވެ. މާނައަކީ ޕްލޫޓޯ އަކީ އަހަރެމެންގެ ދުނިޔޭގެ ހަނދުގެ ދެބައި ކުޅަ ތިން ބައި ވަރުގެ ބިމެއް ކަމެވެ. އަދި މީގެ މާނައަކީ ޕްލޫޓޯގައި ހިލަ އަށް ވުރެ ގިނަ ވާނީ ގަނޑުފެން ކަމަށް ވެސް ނިއު ހޮރައިޒަންސްގެ ކަންތައްތައް ބަލަހައްޓާ ނާސާގެ ޓީމުން ދެކެއެވެ.
ޕްލޫޓޯގެ ސައިޒް މިހާރު އެނގުމުން އެ ބިމަކީ އެރިސް އަށް ވުރެ ބޮޑު ޕްލެނެޓެއްކަން ވަނީ ހާމަވެފައެވެ. އެރިސް އަކީ ޕްލޫޓޯ އާ އެންމެ ގާތުގައި އޮންނަ ބިން ކަމަށްވާ ނެޕްޗޫން ހިމެނޭ 'ކުއިޕަރ ބެލްޓް' ނަމަކަށް ކިޔާ ސަރަހައްދެއްގައި ދައުރު ކުރާ ކުދިކުދި ބިންތަކާއި ދުންތަރިތަކެއްގެ ތެރެއިން ބިމެކެވެ.
ނިއު ހޮރައިޒަންސްއިން ފޮނުވި ފުރަތަމަ ފޮޓޯއިން އެނގުނު ގޮތުގައި ޕްލޫޓޯގެ ބިމުގެ މަތީ ފަށަލަ އަންނަނީ ބަދަލު ވަމުންނެވެ. އެއީ ބިމާއި ފަޒާގެ ހަރަކާތްތެރިކަމުން ކަމަށް ލަފާ ކުރެވެއެވެ. މިސާލަކަށް، ރާއްޖޭގެ ރަށްތަކުގެ ގޮނޑުދޮށްތައް "އިރޯޝަން"ގެ ސަބަބުން ވެލިގަނޑު "ގިރައިގެން ދިއުން" ފަދަ ނިޒާމުތަކުންނެވެ.
ނިއު ހޮރައިޒަންސް ޓީމުގެ އެންމެ އިސްވެރިޔާ އެލަން ސްޓަރން ވިދާޅުވީ "މާޒީގައި އަދި މިހާރު ވެސް" ޕްލޫޓޯގެ މަތީ ފަށަލާގައި ހަރަކާތްތައް ހިނގަމުން އަންނަ ކަމުގެ "ހެކި" ހުރި ކަމަށެވެ.
ޕްލޫޓޯގެ ވައިގެ 'ހޫނު މިން' ނުވަތަ ޓެމްޕަރޭޗަރު ވަރަށް ފިންޏެވެ. އަހަރެމެންގެ ސޯލަރ ސިސްޓަމްގެ ހިތް ކަމަށްވާ އަހަރެމެން 'އިރު' ނަމަކަށް ކިޔާ އަލިފާން ބޯޅައެއް ކަހަލަ ތަރި ވަށައިގެން ދައުރު ވުމަށް ނުވަތަ 'އޯބިޓް' ކުރުމަށް 248 އަހަރުން އެއް ފަހަރު ޕްލޫޓޯ ޖަހާ ބުރުގައި، އެ ވަގުތަކު ޕްލޫޓޯ އިރާ ދުރުގައި ހުރި ހިސާބެއްގެ ގޮތުން ޓެމްޕަރޭޗަރު މައިނަސް 172 ޑިގްރީ ސެލްސިއަސް އިން ފެށިގެން މައިނަސް 238 ޑިގްރީ ސެލްސިއަސް އަށް ވެސް ވެއްޓެއެވެ!
ޕްލޫޓޯ އިރާ އެންމެ ފަހުން އެންމެ ގާތްވީ 1989 ގައި ކަމަށް ވާތީ ސައިންސްވެރިން ލަފާ ކުރަނީ ޕްލޫޓޯ މިހާރު ހުރީ ފިނިވުމުގެ މަގުމަތީގައި ކަމަށެވެ.
ކޮމްޕިއުޓަރުން ހަދާފައިވާ ބައެއް މޮޑެލްތަކުން ދައްކާ ގޮތުގައި ޕްލޫޓޯގެ މުޅި ފަޒާ ގަނޑުވެ، ބިން މައްޗަށް މިހާރު ތިރިވެފައި ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މިއީ ފިލްމް 'އިންޓަރސްޓެލަރ'ގައި ދައްކާ ޕްލެނެޓެއްގައި އުޑުގައި ހުންނަ ވިލާތައް ގަނޑުވެފައި ހުރުމަށް ވުރެ ވެސް އަޖައިބު ކަމަކަށް ވެދާނެއެވެ!
ނަމަވެސް ސްޓަރން ވިދާޅުވީ މި ގޮތަށް ނިންމަން އަދި މާ އަވަސް ކަމަށާއި އެކަމަކު ޕްލޫޓޯ އަށް މިހާރު ސްނޯ ފޭބުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
"ޕްލޫޓޯގެ ޖައްވު ވަރަށް ހަރަކާތްތެރި. ކޮންމެ 248 އަހަރުން އެއް ފަހަރު ސްނޯ ފައިބާ،" ސްޓަރން ވިދާޅުވިއެވެ.
ޕްލޫޓޯގެ ފަސް ހަނދާ މެދު އަދި މާ ބޮޑު މައުލޫމާތެއް ނުލިބެއެވެ. ނަމަވެސް އެ ތަނުން އެންމެ ބޮޑު ހަނދު ކަމަށްވާ ޗެރޮންގެ ދެ ބިތުގައި ރަތް ކުލައިގެ މައުދަން ހުންނަކަން ވަނީ ނިއު ހޮރައިޒަންސްގެ ފޮޓޯތަކުން ފެނިފައެވެ. ސައިންސްވެރިން ގަބޫލު ކުރާ ގޮތުގައި މިއީ ޕްލޫޓޯގެ ފަޒާއިން ބޭރުވި ތޮލިންތަކުގެ ސަބަބުން ޗެރޮން އަށް ވީ ކަމެކެވެ.
ޗެރޮންގެ މެދުތެރޭ ހިސާބުތަކުގައިވާ 'ތިކި'ތަކަކީ އެ ހިސާބުގެ ބިންތަކުގައިވާ ތަފާތު ވައްތަރުގެ ތަންތަން ކަމަށް ވަނީ ބެލެވިފައެވެ.
ޗެރޮން ފިޔަވާ ދެން ހުރި ހަތަރު ހަނދާ ބެހޭ މާބޮޑު މައުލޫމާތުތަކެއް އަދި ސާފެއް ނުވެއެވެ. ނަމަވެސް އެ ފަސް ހަނދުގެ ސައިޒު ވަނީ ދެނެގަނެވިފައެވެ.
ޖަވާބަކީ، ވަރަށް ލަހުން ކަމެވެ. ޕްލޫޓޯ އާއި އަހަރެމެންގެ ދުނިޔެ އާ ދެމެދު 5 ބިލިއަން ކިލޯމީޓަރު ވެއެވެ. އަދި ނިއު ހޮރައިޒަންސްގެ ރޭޑިއޯ ޓްރާންސްމިޓަރުގައި ހުރީ 12 ވޮޓްގެ ބާރެވެ. މައުލޫމާތު 'ޓްރާންސްފަރ' ނުވަތަ ފޮނުވައިދޭ ރޭޓް އަކީ ސިކުންތަކު އެންމެ އެއް ކިލޯބައިޓެވެ! އެންމެ އަވަސް ވެގެން ވެސް ސިކުންތަކު 4 ކިލޯބައިޓަށް ވުރެ މައްޗަކަށް ނުދެއެވެ. އެހެންކަމުން މިއީ 1980 ގެ އަހަރުތަކުގައި ހުރި އިންޓަނެޓް ސްޕީޑަށް ވުރެ ވެސް ނިކަމެތި ސްޕީޑެކެވެ.
މީގެ މަނާ އަކީ ކަޅާއި ހުދުން ހުރި ޕްލޫޓޯގެ ފޮޓޯއެއް ވެސް ނިއު ހޮރައިޒަންސްއިން ފޮނުވަން ތިން ގަޑިއިރު ނަގާ ކަމެވެ. އަދި ވަރަށް ބޮޑަށް 'ކޮމްޕްރެސް' ކޮށްފައި ފޮނުވި ނަމަވެސް 20 މިނެޓަށް ވުރެ ކުޑައެއް ނުވާނެއެވެ.
ނާސާގައި އެހެނިހެން ޖައްވީ މިޝަންތައް ކުރިއަށް ދާތީ، މި ފަދަ ޑޭޓާތައް ޑައުންލޯޑް ކުރުމަށް ބޭނުން ކުރާ 'ޑީޕް ސްޕޭސް ނެޓްވޯކް' ވިއުގަ 'ތޮއްޖެހިފައިވާތީ' މި ނިޒާމުގައި ހިމެނޭ ރޭޑިއޯ ޓެލެސްކޯޕްތަކަށް ޑޭޓާ ޑައުންލޯޑު ކުރުމަށް ބާރުބޮޑުވެފައިވެއެވެ.
އެހެންކަމުން، ޕްލޫޓޯ އާ 7،000 މޭލު ކައިރިން ސިކުންތަކު 14 ކިލޯމީޓަރުގެ ހަލުވި ދުވެއްޔެއްގައި ނިއު ހޮރައިޒަންސް ކުރި ދަތުރުން ނެގި ހުރިހާ ފޮޓޯ އާއި މައުލޫމާތު އަހަރެމެން ދުނިޔެއަށް އެއްކޮށް ފޯރަން 16 މަސް ދުވަސް ނަގާނެއެވެ!