ލައިފްސްޓައިލް

އީމާންގެ ކުލަ ކުލައިގެ ދުނިޔެ!

މިއޮތީ އަހަންނާ އެއް ނަމެއް ކިޔާ ކުއްޖަކާ ދިމާވެފަ އެވެ. މިއީ ފާތުމަތު އީމާން ފައިސަލެވެ. މި އީމާންގެ ތަފާތަކީ ހާއްސައެހީއަށް ބޭނުންވާ ކުއްޖަކަށް ވުމެވެ. އެކަމަކު ސެރެބްރެލް ޕާލްސީގެ ސަބަބުން އީމާންގެ ޖިސްމާނީ ނުކުޅެދުންތެރިކަމެއް ހުއްޓަސް މި އީމާންގެ ކުލައިގެ ދުނިޔެއިން މީހަކު އަޖައިބު ހައިރާން ކޮށްފާނެ އެވެ.

ޖިސްމާނީ ތަފާތެއް ހުއްޓަސް އީމާންގެ ކުރެހުމާއި އާޓްގެ ހުނަރުގައި އެފަދަ އެހެން ހުނަރުވެރިންނާ އެއްވެސް ތަފާތެއް ނެތެވެ. އީމާން ބުނާ ގޮތުގައި އޭނާގެ އުމުރުން ފަސް އަހަރުގައި ކުލައިގެ ދުނިޔޭގެ ތެރެއަށް އޭނާ ދަމައިގަތީ އެވެ. އަތުގަ ކިރިޔާ ވަރުޖެހިލައި ފަންސޫރު ހިއްލައިލެވުނު ސާބުން ވެސް އީމާން ނެގީ ކުލަ ފިއްސެވެ. އޭރު އަދައިގެ ފެންކުލައިން ފެށި ނަމަވެސް އެ ފިހި ނެގިގޮތަށް އަދިވެސް އީމާން ފިހި ނުބާއްވަ އެވެ.

"އީމާން ކުލަޖައްސަން ފެށީ އަދައިގެ ފެން ކުލައިން. އެއްވެސް ކަހަލަ ކޯހެއް އެއްޗެއް މިކަން ދަސްކުރަން އީމާން ނަހަދަން." އެނާ ބުންޏެވެ

އީމާން ބުނިގޮތުގައި އޭނާގެ ބޮޑު ބޭބެއަކީ ވަރަށް އާޓިސްޓިކް މީހެކެވެ. އެ ބޮޑުބޭބެގެ އެހީތެރިކަން އޭނާއަށް ވަރަށް ބޮޑަށް ލިބެ އެވެ. އަދި އޮންލައިންކޮށް ވެސް ޕެއިންޓް ކުރުމާ ގުޅޭ މައުލޫމާތު ހޯދައި ދަސްކުރެ އެވެ.

އީމާންގެ ބައެއް ޕެއިންޓިންތައް ދައްކާލުމުން ބުނި ގޮތުގައި އޭނާ ބޮޑަށް ޝައުގުވެރިވަނީ ގުދުރަތީ މަންޒަތުތަކުގައި ކުލަޖައްސާށެވެ.

އީމާންގެ މަސައްކަތްތަށް ދައްކާލުމުގެ ގޮތުން ކެއާ ސޮސައިޓީއިން އިންތިޒާމް ކުރާ އެކި އެކި އެގްޒިބިޝަންތަކުގައި އީމާންގެ މަސައްކަތްތަށް ހިމަނަ އެވެ. މީގެ އިތުރުން އާޓިސްޓުންގެ ހުނަރު ކުރިއަރުވަން އެހީ ވެދޭ ލެކިއުޓްގައި އީމާންގެ އެކި އެކި މަސައްކަތްތަށް ދައްކާލުމަށް "އީމާންސް ވޯލްޑް އޮފް ވޮނަޑާ" އަށް ފުރުސަތު ދިނެވެ.

އީމާން އަށް ލިބިފައިވާ ކާމިޔާބީ ތެރޭގައި 2017 ވަނަ އަހަރު ބޭއްވި ހީވާގި ކަނބަލުން އެކްސްޕޯ އިން އެކި ކެޓަގަރީ ތަކުން ލިބުނު ކާމިޔާބީ އާއި މުޅި މުބާރާތުން ދެވަނަ ހިމެނެ އެވެ.

އީމާންގެ އާޓް ވިއްކަން ވެސް އީމާން ވަރަށް ހަރަކާތްތެރިވެ އުޅެއެވެ. "ހަފުތާރެސް" ގައި ތިން ފަހަރު ބައިވެރިވެ އެ މަސައްކަތް އީމާން ކޮށްފައި ވެއެވެ.

"އީމާން އަކީ އާޓިސްޓެއްކަން އެނގުމުން ވެސް މީހުން އީމާގެ އުފެއްުދުންތައް ގަނޭ. ރިކްއެސްޓް ވެސް ކުރޭ ޕެއިންޓިންއަށް. އެގޮތަށް ވެސް ކުރަހައިދެން،" އޭނާ ބުންޏެވެ.

އިމާން ބުނި ގޮތުގައި މިހާތަނަށް އެންމެ ގިނަ ވަގުތު ނަގައިގެން ހެދި ޕެއިންޓިން އަކީ ތާޖްމަހަލްގެ ޕެއިންޓިންއެކެވެ. އީމާންގެ ފެވަރިޓަކީ ވެސް އެއީ އެވެ. އެ މީހާރު ވިކިއްޖެ އެވެ.

އީމާން ބުނިގޮތުގައި ކޮންމެ ދުވަހަކުވެސް ވަރަށް ގިނައިރު އޭނާ ކުރެހުމުގައި ހޭދަކުރެ އެވެ. އަދި އިތުރަށް ހުނަރު ތަރައްގީކުރަން ވެސް މަސައްކަތް ކުރެއެވެ. މި އީމާންގެ ހުރީ މަސައްކަތުގައި ފަހަތަށްނުޖެހި ކުރިޔަށްދާށެވެ.