ވިޔަފާރި

އެޗްޑީއެފްސީގެ ފައިދާގެ 40 ޕަސެންޓް ބަހަނީ

May 23, 2019

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މިދިޔަ އަހަރުގެ ވިޔަފާރީގެ ސާފު ފައިދާގެ 40 ޕަސެންޓް ހިއްސާދާރުންނަށް ބަހަން ނިންމައިފި އެވެ.

އެޗްޑީއެފްސީ އިން ބުނި ގޮތުގައި ހޮނިހިރު ދުވަހު ޗަމްޕާ ސެންޓްރަލް ހޮޓެލްގައި އެ ކުންފުނިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ވިޔަފާރީގެ ސާފު ފައިދާގެ 40 ޕަސެންޓް ބަހަން ނިންމާފައިވާ ކަމަށެވެ.

އެއީ ހިއްސާދާރުންނަށް ހިއްސާގެ ފައިދާގެ ގޮތު ހިއްސާއަކަށް 25ރ. އެވެ.

އެ ޖަލްސާގައި އެޗްޑީއެފްސީގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ފާސް ކުރުން ވެސް އޮތެވެ. އަދި ކުރި އަށް އޮތް އަހަރު ކުންފުނި އޮޑިޓް ކުރުމަށްޓަކައި އޮޑިޓް ފާމް ޕްރައިސް ވޯޓާހައުސް ކޫޕާސް ވަނީ އައްޔަން ކޮށްފަ އެވެ.

އެޗްޑީއެފްސީ އިން ދަނީ ރާއްޖޭގެ ހައުސިން ވިޔަފާރި ފުޅާ ކުރުމުގެ ގޮތުން ތަފާތު ފައިނޭންޝަލް ޕްރޮޑަކްޓްތަކެއް ދޫކުރަމުންނެވެ. މިގޮތުން އެ ކުންފުނީގެ މޯގޭޖް ހައުސިންގް ފައިނޭންސިން މަޝްރޫތަކަށް ފައިސާ ހޯދުމުގެ ގޮތުން އެޗްޑީއެފްސީ އަމްނާއިން މިދިޔަ އަހަރު ވަނީ ބޮންޑެއް 10،000 ރުފިޔާގެ މަގުން 100 މިލިއަން ރުފިޔާގެ ބޮންޑު ވިއްކާފަ އެވެ. މި ބޮންޑުގައި 17 ފަރާތަކުން ބައިވެރިވެ 81.39 މިލިއަން ރުފިޔާ އެޗްޑީއެފްސީ އިންވެސްޓްކޮށްފައިވެ އެވެ.

އެޗްޑީއެފްސީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓް ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓާއެކުގަ އެވެ.