ވިޔަފާރި

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ކުރެވޭ ސަރައްދުތައް ކަނޑައަޅައިފި

އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

ފިހާރަތަކާއި ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ދޭން އިނޮކޮމިކް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގައި މާލޭގެ ބައެއް ވިޔަފާރިތަކަށް މިހާރު ވަނީ ހުއްދަ ދީފަ އެވެ. މި ފަހަރު އައްޑޫ ސިޓީގައި 24 ގަޑިއިރު ހިންގުމުގެ ހުއްދަ ދޭން ކަނޑައަޅާފައިވާ ސަރަހައްދުތަކުގެ ތެރޭގައި އައްޑޫގެ ސިޓީގެ ހުރިހާ ރަށް ތަކެއް ހިމެނެ އެވެ.

އައްޑޫގައި 24 ގަޑިއިރު ވިޔަފާރި ހުއްދަދޭ ސަރަހައްދުތައް

  • ހިތަދޫ: ހިތަދޫ ބަނދަރު ސަރަޙައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު، ރީޖަނަލް ހޮސްޕިޓަލް ސަރަހައްދު
  • މަރަދޫ: މަރަދޫ ބަނދަރު ސަރަހައްދު، މަރަދޫ ސިއްޙީ މަރުކަޒު ސަރަހައްދު
  • މަރަދޫފޭދޫ: މަރަދޫފޭދޫ ބަނދަރު ސަރަހައްދު
  • ފޭދޫ: ފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ސިއްޙީ މަރުކަޒު ސަރަހައްދު
  • ހުޅުދޫ: ހުޅުދޫ ބަނދަރު ސަރަހައްދު، ހެރެތެރެ ޗެނަލް ސަރަހައްދު
  • މީދޫ: މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްޙީ މަރުކަޒު ސަރަހައްދު، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދު

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މި ސަރުކާރު ފެށީ މިދިއަ މާޗް މަހު އެވެ. މިހާތަނަށް 14 ތަނަކަށް ވަނީ ހުއްދަ ދީފަ އެވެ. މި ހުއްދަ ދެނީ އަހަރަކު 2،000ރ. ގެ ފީއަކަށެވެ. އަދި ކޮންމެ ދެ އަހަރަކުން ހުއްދަ އާކުރަން ޖެހެ އެވެ.

މި ހުއްދަ ދިނުމުގައި ބަލާ ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި އެކަން ތަކުރާރުކޮށް ކުރާނަމަ ހުއްދަ ބާތިލް ކުރާނެ އެވެ.