ނިއުރޭޑިއަންޓް

ނިއުރޭޑިއަންޓް ހިންގުން ސައްޔިދު އަލީއަށް

ނިއު ރޭޑިއަންޓް ހިންގުން، ވަގުތީ ގޮތުން، އެ ކުލަބުގެ ސީނިއާ ވައިސް ޗެއާމަން ކަމުގައި ހުންނެވި، އެ ޓީމުގެ ލެޖެންޑަރީ ގޯލްކީޕަރު ސައްޔިދު އަލީއާ ހަވާލު ވެއްޖެ އެވެ.

ނިއު ރޭޑިއަންޓްގެ ވައިސް ޗެއާމަން ކަމަށް، ސައްޔިދު އަލީ އިންތިހާބުވީ، 2017 ވަނަ އަހަރު ޖަނަވަރީ މަހު ބޭއްވި އިންތިހާބެއްގަ އެވެ. އޭގެ ފަހުން ނިއު ރޭޑިއަންޓް ވަނީ ބޮޑު އަނދަވަޅަކަށް ވެއްޓިފަ އެވެ. ކުލަބުގެ ލޯކަލް 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ މުސާރަ ނުދީ އޮތުމުން، އެފްއޭއެމްގެ އެކްސްކޯއިން ވަނީ، ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން އެ ކުލަބު ސަސްޕެންޑް ކޮށްފަ އެވެ.

ދިވެހި ކުޅުންތެރިންގެ އިތުރުން، ބިދޭސީ ކުޅުންތެރިންނާއި ކުރިން ހުރި ބިދޭސީ ދެ ކޯޗުން ކަމަށްވާ، ޕޯޗަގަލްގެ ބޭނާޑޯ ޓަވަރޭޒް އާއި ސްޕެއިންގެ އޮސްކާ ބުރުޒޮން ބަރޭރަސް އަށް މުސާރަ ނުދިނުމުގެ މައްސަލަތައް ވަނީ ކުރިމަތި ވެފަ އެވެ. އޭގެ ތެރެއިން ބައެއް މައްސަލަތައް ފީފާއިން ވެސް ދަނީ ބަލުމުންނެވެ.

ނިއުގެ ޗެއާމަން ކަމުގައި ހުންނެވި، މުހައްމަދު ޒިޔާދު ވަނީ އަންގާރަ ދުވަހު އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ކުރިން ނިއުގެ މެނޭޖަރުކަން ވެސް ކުރެއްވި، ސައްޔިދު އަލީގެ އެންމެ ބޮޑު މަސައްކަތަކަށް ވަނީ، ނިއު ރޭޑިއަންޓްގެ ސަސްޕެންޝަން އުވާލަން މަސައްކަތް ކުރެއްވުމެވެ.

ކުރިން، ރާއްޖޭގެ ގައުމީ ވޮލީ ޓީމަށް ކުޅުއްވާ ކޯޗްކަން ވެސް ކުރެއްވި، ސައްޔިދު އަލީއަކީ ގައުމީ ޓީމުގެ ފުރަތަމަ ގޯލްކީޕަރެވެ. މީގެ 40 އަކަށް އަހަރު ކުރިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލެވުނު ޓީމުގެ ގޯލްކީޕަރަކީ ސައްޔިދު އަލީ އެވެ.

ރީޔޫނިއަންގައި 1979 ވަނަ އަހަރު ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަ ކުރި ޓީމުގެ ގޯލް ބެލެހެއްޓީ ސައްޔިދު އަލީ އެވެ. އެއީ ގައުމީ ޓީމުގެ ފުރަތަމަ މުބާރާތެވެ. އެހާ ހިސާބުން ފެށިގެން 1990 އިގެ ކުރީ ކޮޅާ ހަމަޔަށް އޭނާ ވަނީ ގައުމީ ޓީމުގެ ގޯލް ބަލަހައްޓާފަ އެވެ.