ސިއްހަތު

ސިއްހީ ދާއިރާ ތަރައްގީ ކުރަން ރާއްޖެއާ ކިއުބާ އެއްބަސްވުމަކަށް

ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީ ކުރަން ހެލްތު މިނިސްޓްރީ އާއި ކިއުބާއާ ދެމެދު އެެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ކިއުބާ އާއި ރާއްޖޭގެ މި އެއްބަސްވުން އައީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުމުގެ އަރިމަތީގައި ދެ ގައުމުން ކުރިން މަޝްވަރާތަކުގެ ތެރެއިންނެވެ. -- ޖެނީވާގައި ކުރިޔަށް ދަނީ 72 ވަނަ އެސެމްބްލީ އެވެ.

އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ކިއުބާއިން ސޮއި ކުރެއްވީ އެ ގައުމުގެ ޕަބްލިކް ހެލްތު މިނިސްޓަރެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ ދެ ގައުމުގެ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާނެ ޑޮކްޓަރުން ގެނެސް ދިނުމާއެކު އިންސާނީ ވަސީލަތްތައް ކިއުބާއިން ތަރައްގީކޮށް ދޭނެ ކަމަށެވެ. އަދި ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯޓަރީ ޓެސްޓްތަކުގެ ހިދުމަތްތަކުގައި ވެސް އެހީތެރި ވެދޭނެ ކަމަށެވެ.

މީގެ އިތުރުން ނަރުހުންގެ ސްޕެޝަލައިޒޭޝްން ތަމްރީން ޕްރޮގްރާމްތަކަށް ވެސް ކިއުބާއިން އެހީ ވެދޭނެ އެވެ.

ރައީސް މައުމޫންގެ ވެރިކަމުގެ ކުރީ ކޮޅުގައި ކިއުބާ އާއި ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮތެވެ. އަދި ތައުލީމީ ދާއިރާއިން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ކިއުބާއިން ހޯދައިދިނެވެ.