ރާއްޖެއިން އަބަދުވެސް ބުނަމުން އަންނަނީ "ވެލިމަލަ އެއްގަން، ބިމާއި ފަޅުކަނޑާއި ވައިޖައްވު" ހިމެނޭ ގޮތަށް އިން ޖަހާފައިވާ ރާއްޖޭގެ ސަރަހައްދުން އެންމެ އިންޗިއެއް ވެސް ދުލެއް ނުކުރާނަމޭ އެވެ. ކޮންމެ ސަރުކާރެއް އޮތަސް އަދި ކޮންމެ ޒަމާނެއްގައި ވިޔަސް ރާއްޖޭގެ ސިޔާދަތީ ސްޓޭންޑަކަށް ވާނީ މި ގޮތުގައި ހިފަހައްޓައިގެން ތިބުމެވެ. އަދި އެއީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތެވެ. އެފަދަ ކަމަކީ އިނގިރޭސި ވިލާތާއި އެމެރިކާ އާއި އިންޑިއާ އަދި ޗައިނާ ގުޅޭ ކަމެއް ނޫނެވެ.
ރޭ އދ. ގައި ނެގި ވޯޓަކީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތާ ގުޅޭ އަދި އެ މަސްލަހަތު ހިމާޔަތް ކުރުމުގެ ވޯޓެކެވެ.
އދ. ޓޭބަލްގައި ރޭ އޮތް މައްސަލާގައި ރާއްޖެއިން ވޯޓް ދިނީ އެއާ ދެކޮޅަށެވެ. އަދި އެ ވޯޓްގެ ކުރީން ނެގި އެކްސްޕްލެނޭޝަން ވޯޓްގައި ވެސް ރާއްޖޭގެ ސްޓޭންޑަކީ އެއާ ދެކޮޅަށް ވޯޓް ދިނުމެވެ.
މިއީ ކޮން ވޯޓެއް ހެއްޔެވެ؟
މި ވޯޓަކީ އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ފޯޅަވަހި ނުވަތަ ޗާގޯޒް އައިލެންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމަށް އެހެން ފަރާތަކުން ދިން ލަފައަކަށް އަމަލު ކުރަން ގޮވާލައި އދ. ހުށަހެޅި ގަރާރެއްގެ މައްޗަށް ނެގި ވޯޓެކެވެ.
މި އާންމު ވޯޓުގައި، މޮރިޝަސްއާ އެއްކޮޅަށް ރޭ 116 ގައުމަކުން ވޯޓު ދިނެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި، ރާއްޖެއާއެކު އެ ގަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ ހަ ގައުމެކެވެ. މީގެ ތެރެއިން މި މައްސަލައިގައި އެންމެ މަސްލަހަތު ބޮޑު ގައުމަކީ ރާާއްޖެ އެވެ. ދެން އިނގިރޭސި ވިލާތާއި އެމެރިކާ އެވެ. އަނެއް ތިން ގައުމަކީ އެހެން ގޮތް ގޮތުން އޭގެ ތެރެއަށް ވަދެ އެމެރިކާ އާއި އިނގިރޭސީން އުޅޭ ގޮތެއް ބަލާން އޮތް ތިން ގައުމެވެ.
މި ވޯޓްގައި ރާއްޖެއިން ވޯޓް ދީފައި އެ ވަނީ ހަމަ އެކަނި އެ ވޯޓާ ދެކޮޅަށް ވޯޓް ދޭ ހަމައެކަނި ގައުމަކީ ރާއްޖެ ކަމަށް ވިޔަސް އެގޮތުގައި ތިބޭން ނިންމައިގެނެވެ. މީގެ ނުކުތާއަކީ ރޭ އެގޮތަށް ވޯޓް ދިނުމެއް ނޫނެވެ. ނުކުތާއަކީ އެއީއަކީ މިއަދަކު އިއްޔެއަކު އަދި ވަކި ސަރުކާރެއްގައި އޮތް ނިންމުމެއް ވެސް ނޫނެވެ. އެއީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގެ ގޮތުގައި ގާނޫނު އަސާސީން ކަނޑައަޅައި ނިންމާފައި އޮތް ސިޔާދަތީ ސްޓޭންޑެކެވެ.
ރޭ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ ގިނަ ގައުމުތަކާއެކު 56 ގައުމަކުން ވަކި ކޮޅަކަށް ވޯޓް ނުދީ ވެސް ތިއްބެވެ. އަދި ވޯޓަށް ފަހު ވޯޓާ ގުޅޭ ހަބަރުތައް ދުނިޔޭގެ މީޑިއާ ތަކާއި ރާއްޖޭގެ ބައެއް ދިމާ ދިމާގައި ރިޕޯޓްވެގެން އައި އިރު ބައެއް ރިޕޯޓްތަކުގައި އެ ގަރާރަށް އަމަލު ކުރުން "ލާޒިމް ކަމަށް" އަދި "ލާޒިމް ނޫން" ކަމަށް ކަމަށް ދޭހަ ކޮށްދީފައި ވެސް ވެއެވެ. އަދި ރޭގެ އެ ވޯޓަކީ ވަކި ނިޔަތެއްގައި ވަކި ބައެއްގެ ބުރަކަށީގައި ފިރުމައިދިން ވޯޓެއްގެ ގޮތުގަައި ވެސް ސިފަ ކުރި އެވެ.
ހަގީގަތަކީ ރޭގައި ވޯޓް ލީ ގަރާރަކީ އެއްވެސް ބަޔަކަށް އަދި އެ މައްޗަށް އަމަލު ކުރަން ލާޒިމްވާ ގަރާރެއް ނޫނެވެ. މިއީ މައްސަލައެއް ކުރިޔަށް ގެންދިއުމަށް އެހެން ދިމާއަކުން އައި ލަފައެއް ބަލައި ގަތުމަށް ނެގި ވޯޓެެކެވެ. އަމަލު ކުރުމާ ނުކުރުމުގެ ބައެއް އަދި މިހިސާބަކުން ނާދެ އެވެ. މިއީން ޒަމާނެއްގައި ނުވެސް އަންނާނެ އެވެ.
މައްސަލައިގެ އަސްލަކީ ކޮބައި؟
މި މައްސަލައިގެ އަސްލަކީ ރާއްޖޭގެ ސިޔާދަަތީ ނިންމުމަކާއި މޮރިޝަސްގެ ސިޔާދަތީ ވަކާލަތު ކުރުމެކެވެ. މި ދެބައި ދެމެދުގައި އޮތީ އިނގިރޭސީންނެވެ.
މޮރިޝަސްގެ ވަކާލާތަކީ ފޯޅަވަހި ނުވަތަ ޗާގޯޒް އަކީ އެ ގައުމުގެ ބައެކެވެ. -- އެއީ ހަގީތެކެވެ -- އަދި އެއީ އިނގިރޭސިންގެ އަތްދަށުން 1965 ގައި އެ ގައުމަށް މިނިވަންކަން ލިބުނުއިރު އަނބުރާ ރައްދުކޮށްފައި ނުވާ އެކަމަކު މުތުލަގަށް މޮރިޝަސްގެ ބައެކެވެ. އެއީ ވެސް ހަގީތެކެވެ. އެހެން ކަމުން ޑީކޮލަނައިޒޭޝަން ޕްރޯސެސް އަދި ފުރިހަމައެއް ނުވެ އެވެ.
އެބައި ފުރިހަމަވާނީ އެމެރިކާއިން މިހާރު މިލިޓަރީ ބޭހެއް ހަދައިގެން އުޅޭ ފޯޅަވަހި، މޮރިޝަސްއާ ހަވާލު ކުރުމުންނެވެ. ހަގީގަތެއްތޯ ނޫންތޯ ސުވާލެއް އުފެދިގެން އުޅެނީ މިތަނުގަ އެވެ. އަދި މި ސުވާލާ ހެދި ރާއްޖޭގެ ސިޔާދަތީ މަސްލަތަހަތަކަށް އުނި ކަމެއް އަތުވެދާނެ ހާލަތެއް މެދުވެރިވަނީ އެވެ.
އާހިރުގައި ކޮންމެ ގޮތަކަށް ނިމުނަސް ރާއްޖޭގެ ސިޔާދަތީ މަސްލަހަތެއް ކޮމްޕްރަމައިޒްވާން ރުހޭނީ ކޮންތާކު ހުރި ކޮން ދިވެއްސެއް ހެއްޔެވެ؟
ރޭގެ އެ ވޯޓްގެ އަސްލަކީ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް ސީޝޭސްލްސް އާއި ސްރީލަންކާ އާއި ރާއްޖެ އަދި މޮރިޝަސް ކޮއްޕާލައިގެން އިނގިރޭސިން ހިންގި "ޕޯޓް- ޓީ" އޮޕަރޭޝަނާއި ސިއްރު ކޯޑް "އޮަޕަރޭޝަން ކޮންކިއުބައިންގައި" ހިމެނޭ ނުކުތާތަކުގެ ތެރެއިން އުފަންވެފައިވާ ދުނިޔޭ ނިސްބަތުން "ވިންދެއްހާ ކުޑަ" އެކަމަކު ގައުމެއްގެ ނިސްބަތުން "ދުނިޔެއަކަށްވުރެ ބޮޑު" މައްސަލައެކެވެ.
މި މައްސަލަ ރާއްޖޭގެ އެންމެ މަތީ މަސްލަހަތުގެ ތެރެއަށް ވަންނަނީ ރާއްޖެ މިިނިވަން ވިއިރު ރާއްޖޭގެ ދެކުނުގެ ސަރަހައްދީ ރޮނގު ކަނޑައަޅައިދޭ ދަނޑި ނިންމަން ޖަަހަން ޖެގޭ މިން ޖެހުން ފުރިހަމަ ކޮށްދީފައި ނެތުމުގެ ސަބަބުން އޭގެ ޒާތަށް އުފެދިފައިވާ އޮތް މައްސަލައެއްގެ ތެރެއިން ލައިގެނެވެ. -- ރާއްޖޭގެ އުތުރުގައި އެބައި އޮތީ އިންޑިއާ ލަންކާ ރާއްޖެ ހިމޭ ގޮތަށް ފުރިހަމަ ކޮށްފަ އެވެ.
މި މައްސަލާގައި އެންމެ މަސްލަހަތު ބޮޑު ބަޔަކީ ދިވެހި ރައްޔިތުން ކަމަށް ވިޔަސް މި މައްސަލައަށް "ސިއްކަ ޖަހާފައިވާ ރައްދު" ގެ ގޮތު އިނގިރޭސީން ބުނާ ވާހައަކީ ޗާގޯޒްއަކީ ބްރިޓިޝް އޯވަސީސް ޓެރިޓަރީގައި ހިމެނޭ ސަރަހައްދެކެވެ.
އެމީހުންގެ އިބާރާތަކީ މިއީ އެވެ: "އަހަރެމެންގެ ދިފާއީ ބޭނުމަށް އެ ސަރަހައްދު ބޭނުން ނުވާ ދުވަހެއް، ޒަމާނެއް، އަތުވެއްޖެ ނަމަ މޮރިޝަސްއަށް ކޮންޓްރޯލެއް ދެވިދާނެ" އޭ އެވެ. މިއީ އިއްޔެ ނޫނީ ރޭ އުފަންވި ވާހަކައެއް، އަދި މާދަމާ އުފަންވެދާނެ އާ ވާހަކައެއް ވެސް ނޫނެވެ. މިއީ އިނގިރޭސީން "ކިންޑޮމް ޕޯޓް - ޓީ ސީރީޒް" ގައި ލިޔެފައި އޮތް ގޮތެވެ. -- އިނގިރޭސި އާކައިވްސް
މޮރިޝަސްއިން ޑިކޮލަނައިޒް ޕްރޮސެސް ފުރިހަމައެއް ނުވެއޭ ބުނާ ހިސާބަކީ އެ ގައުމު މިނިވަންވި އިރު އެއްގަމާއި ވައި، ޖައްވާ ކަނޑު ހިމެނޭ ގޮތަށް ޗާގޯސް ހިމެނޭ ބައި ހަވާލު ނުކޮށް އިނގިރޭސީންނާއި އެމެރިކާއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން، 1971 ވަނަ އަހަރު އެ ސަރަހައްދުގައި އޮންނަ އެންމެ ބޮޑު އެއް އަތޮޅު ކަމަށްވާ ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ބިނާ ކުރުމަށް އެ ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ރައްޔިތުން "ބުރަކަށީގައި އަތް އަޅައި ކޮއްޕާ ގަޅުވައިގެން" ބޭލި ހިސާބެވެ. އެ ރައްޔިތުން މިހާރު ވެސް ޝަކުވާކޮށްލަ ކޮށްލާ އިނގިރޭސި ކުދި ކޯޓްތަކަށް ހިނގަ ހިނގާ އެބަތިއްބެވެ.
މިތާނގައި ރާއްޖެއަށް މިވާ ގޮތަކަކީ ތަފާތު ގޮތެކެވެ؛ ފޯޅަވަހި ނުވަތަ ޗާގޯސް އާކިޕެލެގޯ ގެ މައްސަލާފައި މޮރިޝަސް އާއި އިނގިރޭސީންނާ ދޭތެރޭގައި އޮތް ހިތްހަމަ ނުޖެހުމާއި ނުތަނަވަސް ކަމުގައި ވަޔާއި ފަޒާ އާއި ކަނޑާއި އެއްގަން ހިމެނޭ ގޮތަށް ރާއްޖެއިން ދަަމާފައިވާ ރާއްޖޭގެ ކޮންޓިނެންޓަލް ސެލްފުން ބައެއް ގެއްލެނީ އެވެ. ނޫނީ ގެއްލިދާނެ ހާލަތެއް މެދުވެރިވަނީ އެވެ.
މިއީ އިނގިރޭސީންގެ ކޮލަނީއެއްގެ ގޮތުގައި މޮރިޝަސް އޮވެފައި މިނިވަންވިއިރު ޑިކޮލަނައިޒޭޝަން ޕްރޮސެސް ފުރިހަމަ ނުވާ މައްސަލައިގެ ސުވާލެވެ. މި ސުވާލު އޮންނާތީ އެކަމަށް ބާރު އަޅައި އދ. މަޖިލިހުން ޖޫން 22، 2017 ގައި ގަރާރެއް ފަސްކޮށްފައި އޮވެ އެވެ.
އެ ގަރާރު ފާސްކުރީ މި މައްސަލާގައި އިންޓެނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގެ އެޑްވައިޒަރީ އޮޕީނިއަނެއް ހޯދާށެވެ. އެ ކޯޓްގެ އޮޕީނީއަނަކީ އޭގެ މައްޗަށް އަމަލު ކުރުން ލާޒިމް ކަމެއް ނޫނެވެ. އެ ހަމަ ލަފައެކެވެ.
މި މައްސަލާގައި އައިސީޖޭގެ ލަފާ ހޯދަން ފާސް ކުރި އިރު އެ ގަރާރާ ދެކޮޅަށް ވޯޓްލި ފުރަތަމަ ގައުމަކަށްވީ ރާއްޖެ އެވެ. ދެން އޭގައި ހިމެނެނީ 14 ގައުމެކެވެ. ގަރާރާ އެކޮޅަށް ވޯޓް ދިނީ 94 ގައުމެކެވެ. ވަކިކޮޅަކަށް ނުޖެހި ބަލަން ތިބީ 60 ގައުމެކެވެ. މި ގަރަރާކަކީ އައިސީޖޭގެ އޮޕީނީއަން ހޯދަން ހުށަހަޅި ގަރާރެކެވެ.
އެ ގަރާރާ އެއްގޮތަށް އައިސީޖޭގެ އޮޕީނިއަނެއް އައީ މި އަހަރު އެވެ. އެ ކޯޓްގެ ލަފައަކަށްވީ މޮރިޝަސް ބުނާ ގޮތަށް ޗާގޯސް އާކިޕެލެގޯ މޮރިޝަސްގެ ދަށަށް ނުދާހާ ހިނދަކު ޑިކޮަލަނައިޒޭޝަން ފުރިހަމައެއް ނުވެއެެވެ. އެ ކޯޓުގެ އެ ލަފާޔާއެކު ރޭ އދ. މަޖިލީހުގައި ޓޭބަލް ކުރި ގަރާރަކީ އެ ލަފާގެ މައްޗަށް ބިނާކޮށް އެފްރިކަން ގްރޫޕް އިސްވެ ހުށަހެޅި ގަރާރެކެވެ.
ރޭގެ ގަރާރުގައި ބުނަނީ "މޮރިޝަސް މައްސަލާގައި އައިސީޖޭގެ އޮޕޯނިއަންނަށް ބޯލަންބައި ތަންފީޒު ކުރަން އަހަރެމެން ގޮވާލަމޭ" އެވެ.
ރާއްޖޭގެ މައްސަލަ ނުކުންނަ ހިސާބު
މިއީ ރާއްޖޭގެ މައްސަލަ ނުކުނަނަ ހިސާބެވެ. ރާއްޖެއަށް ދިމާވަނީ ވަރަށް ހައްސާސީ މައްސަލައެކެވެ. އެހެން ވާންޖެހެނީ ހުރިހާ ގައުމަކާ އަޅާބަލާއިރު ފޯޅަވައްސާ އެންމެ ގާތް، އަދި "ޖިއޮގްރެފިކް ޑިސްޓަންސް" އެންމެ ތުނި ގައުމަކަށް އޮތީ ރާއްޖެ ކަމަށް ވާތީ އެވެ. އަދި ރާއްޖެ ނޫނީ އެ ދިމާއިން ބައުންޑަރީއެއް އޮތް ގައުމެއް ވެސް ނޯންނާތީ އެވެ.
އެ ސަރަހައްދު "ބްރިޓިޝް އިންޑިއަން އޯޝަން" ގެ ގޮތުގައި އޮތް އިރު ރާއްޖެއިން ވަނީ ގާނޫނުއަސާސީ މެދުވެރިކޮށް ރާއްޖޭގެ ސަރަހައްދު ކަނޑައަޅާފަ އެވެ. އެއީ ރާއްޖޭގެ ގާނޫނުއަސާސީ ބުނާ ބޭސްލައިންތަކުން ބޭރަށް ދަމާލާ 200 މޭލަކީ ރާއްޖޭގެ ކޮންޓިނެންޓަލް ސެލްފްގެ ގޮތުގައި ކަނޑަައަޅައި ގަރާރުކޮށްގެން ތިބޭ ތިބުމެވެ.
މުހިންމު ނުކުތާއަކީ މިއީއެވެ؛ އދ. އިން ފާސްކޮށްފައި އޮންނަ "ލޯފް އޮފްދަ ސީސް ކޮންވެންޝަން" ނުވަތަ ބައިނަލް އަގުވާމީ ކަނޑުތަކާބެހޭ ގާނޫނެއް އޮވެ އެވެ. އޭގެ ދަށުން ރާއްޖޭގެ ކޮންޓިނެންޓަލް ސެލްފް ކަނޑައަޅަން ދީފައި އޮތް މުއްދަތުގައި ރާއްޖެއިން ހުށަހެޅި ހުށަހެޅުމެއް އދ. ކޮމެޓީގައި އެބައޮތެވެ. އޭގައި ބުނަނީ ރާއްޖޭގެ ގާނޫނުއަސާސީގައި ވެސް ބުނާ 200 މޭލު ހިމެނޭ ގޮތަށް ދެކުނުން ދަމާ ރޮނގުގެ ވާހަކަ އާއި އޭގެ ތަފުސީލެވެ.
އަނެއްކޮޅުން މޮރިޝަސްގެ މައްސަލައަކީ ލޯ އޮފް ދަ ސީސް ކޮންވެންޝަންސް ދަށަށް ވަންނަ މައްސަލައެއް ވެސް ނޫނެވެ. މި މައްސަލާގެ މި ބައިގައި ހިމެނެނީ ރާއްޖެ އެވެ.
މޮރިޝަސްގެ ބޮޑާ ހޭކުމާއި އެ މީހުން ވިސްނާ ސިޔާދަތީ ސްޓޭންޑަކަށް ވަކާލަތު ކުރާ މި މައްސަލާގައި މިހާތަނަށް ބެލެވެމުން އައީ ޗާގޯސް އާއި މޮރިޝަންސް ދެމެދުގެ އޮތް މި ކަމަކީ އިނގިރޭސީންނާ އެ މީހުނާ ދެމެދު އޮތް ދޭދޭ މައްސަލައެއްގެ ގޮތުގަ އެވެ. ބައިލެޓްރަލް ކަމެއްގެ ގޮތުގަ އެވެ.
ހަމަ އެހެންމެ ރާއްޖެއިން އިނގިރޭސީންނާއެކު ދެކުނުގެ ސަރަހައްދީ ރޮނގު ކަނޑައަޅަން ވާހަކަ ދައްކާނީ އެވެ. އެހެންވެ އެގޮތަށް ބަލައި އދ. ލޯފް އިފް ދަ ސީސް އިން ރާއްޖެއަށް ލިބޭ އެންމެ ބޮޑު ބައި ނަގާފައި އދ. އަށް 2010 ގައި ސަބްމިޓް ކުރީ އެވެ. ވީމާ 2017 އިގެ ގަރާރާއި ރޭގެ ގަރާރަކީ ރާއްޖޭގެ ސަރަހައްދު ކަނޑައެޅުމުން ލިބޭ މިނަށް އުނިކަމެއް އަތުވެދާނެ ކަމަަށްވާތީ ރާއްޖެއިން ދެކޮޅު ހަދަނީ އެވެ.
ރާއްޖެ ޕޮއިންޓަކީ ލޯ އޮފްދަ ސީސް ކޮންވެންޝަންގެ ތެރެއިން ރާއްޖެ ދެކުނު ދަނޑި ނިންމަން 200 މޭލު ދަމާލުމަށް ފަހު، ލާފައި އޮތް ސަބްމިޝަނަށް ގޮތެއް ނުނިންމާ މޮރިޝަސްގެ ޝަކުވާގެ މައްސަލައަށް ގޮތެއް ނިމިގެން ނުވާނެ އޭ އެވެެ.
ފޯޅަވައްސާ ރާއްޖެއާ ދޭތެރޭ ކޮންމެ ކޮޅަކަށް 200 މޭލު ނެގުމުން ފުށު އަރަ އެވެ. އެކަމަކު ރާއްޖެއަށް ޕޮއިންޓެއް ލިބެނީ ފޯޅަވައްސަކީ މީހުން ދިރިއުޅުމުގެ ރަށްވެހި ކަމެއް ނެތް ތަނަކަށްވާތީ އެވެ. ލޯ އޮފްދަ ސީސް ކޮންވެންޝަން ބުނާ ގޮތުން ބޮޑު ބައެއް އަބަދު ވެސް ލިބެނީ މީހުން ދިރިއުޅޭ ރާއްޖެއަކަށެވެ. ދެކުުނުގެ ކޮންޓިނެޓަލް ސެލްްފް ކަނޑައަޅަން ރާއްޖެެއިން 200 މޭލް ޑިކްލިއާ ކުރި މައިގަނޑު ސަބަބަކީ ވެސް އެއީ އެވެ. އެހެންވެ ރާއްޖޭގެ ހުށަހެޅުމަށް ގޮތެއް ނުނިމި މޮރިޝަސްގެ ޝަކުވާއަށް ގޮތެއް ނިމޭކަށް ނުޖެ އެވެ. އަދި އެފަދަ ނިންމުމަކަށް ރާއްޖެ ތާއީދު ކޮށްފިނަމަ އެކަން ވާނީ ރާއްޖޭގެ ސަރަހައްދީ ރޮނގު ކަމަށް ގާނޫނުއަސާސީން ޑިކްލިއާކޮށްފައިވާ ބައެއް ކުޑަ ކުރަން ރާއްޖެއިން އެއްބަސްވާ އެއްބަސްވުމަކަށެވެ.
އެހެން ކަމުން ރޭގެ ވޯޓްގައި ވެސް އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017 ވަނަ އަހަރު ނެގި ވޯޓްގައި ވެސް ރާއްޖެއިން ބެލީ ރާއްޖޭގެ އެއްމެ މަތީ މަސްލަހަތު ދިފާއު ކުރުމުގައި އެކަނިމާއެކަނި ވިޔަސް އެގޮތުގައި އޮތުމަށެވެ.
މިއީއަކީ އެހެން އެއްވެސް ކަމަކާ ގުޅުން އޮތް ވޯޓެއް ނޫނެވެ. އަދި މިއީ އިނގިރޭސިން ނުވަތަ އެމެރިކާ ރުއްސަން އެހެންނާ އިޒްރޭލާ އެއްކޮޅަށް ދިން ވޯޓެއް ވެސް ނޫނެވެ. މިއީ ރާއްޖޭގެ ހިތާއި މިނިވަން ކަމާއި ސިޔާދަތުގެ ގައުމީ މައްސަލައެކެވެ. ރާއްޖެ ވާހަކައަކީ ފުރަތަމަ ރާއްޖޭގެ ހުށަހެޅުން ނިންމައިދޭށޭ އެވެ. އަދި ރާއްޖޭގެ ގާނޫނު އަސާސީން 200 މޭލު ރޮނގު ދަމައިގެން ތިބެ ސިޔާދަތީ ކަމެއް ކޮމްޕްރޮމަިއޒް ކުރަން ރާއްޖެ ބޭނުމެއް ނުވެއޭ އެވެ.
ރާއްޖޭގެ ސަބްމިޝަން ދިގުލައިގެން ދަނީ ކީއްވެގެން ހެއްޔެވެ؟ އެއަށް އޮތް ޖަވާބަކީ "އދ. ނިޒާމް މާ މޮޅީ" އެވެ. އެއީ އދ. ގެ ޕްރޯސެސް ހިނގާ ގޮތެވެ. އެހެން ކަމުން މި ވޯޓާ ގުޅިގެން އަންނަ ކަންކަން އަދި 70 އަހަރަށް 100 އަހަރަށް ދެމިގެން ހިނގައިދާނެ އެވެ.
ރޭ ވޯޓްގައި ކޮންމެ ނަތީޖާއެއް ފެންނަން އޮތަސް އަދި މިދައްކަނީ އެތައް ޒަމާނެއް ފަހުން ހިނގާނެ ކަމެއްގެ ވާހަކައެވެ. އަސްލު ވާހަކަ ހިގާނީ ވެސް މޮރިޝަސް އާއި އިނގިރޭސީންނާ ދެމެދުގަ އެވެ. ރާއްޖެއިން ބުނާ ވާހަކައަކީ އެ ދެ ބައި މީހުން ވާހަކަ ދެއްކިއަސް ހަގީގައި އިމްޕެކްޓް ބޮޑީ ރާއްޖެއަށޭ އެވެ. ސަބަބަކީ ރޮނގެއް ދެމެން މިއުޅެ ނީ ރާއްޖޭގެ ސަރަހައްދުންނެވެ. އިނގިރޭސީން މި މައްސަލަ ހައްލު ކޮށްދޭން އެއްބަސް ވަންދެން މި ތެޅުމެއް ތަޅަތަޅައި ތިބޭނެ އެވެ. -- މީގެ މާނައަކީ އެ އެންމެން ބޭނުން ގޮތަކަށް ރާއްޖެއިން ރުހިގެން ތިބުމެއް ނޫނެވެ.
ރޭގެ ވޯޓްގައި ރާއްޖެއިން ނިންމާފައިވާ ގޮތަކީ ރާއްޖޭގެ ކޮންޓިނެޓަލް ސެލްފްގެ މައްސަލާގައި ގޮތެއް ނުނިމޭހާ ހިނދަކު "ފޯ ދަ ރިކޯޑް" ރާއްޖެ، ވޯޓުން ބުނާންޖެހޭ ބުނުމެކެވެ. އެ ނޫން ކޮންމެ ގޮތަކީ ރާއްޖޭ އެންމެ މަތީ މަސްލަހަތު ކޮމްޕްރޮމައިޒްވާނެ ގޮތެކެވެ. އެހެންވާން ބޭނުމީ ކޮން ދިވެއްސެއް ހެއްޔެވެ؟