މިދިޔަ އަހަރު ރަޖިސްޓްރީ ކޮށްދިން އެއްގަމު އުޅަނދުތަކުގެ އަދަދު އިތުރުވުމާއެކު މުޅިރާއްޖޭގައި އެއްގަމު އުޅަނދުގެ އަދަދު، 11 ޕަސެންޓް އިތުރު ވެއްޖެ އެވެ.
ނޭޝަނަލް ސްޓެޓިސްޓިކްސް އިން ނެރެފައިވާ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 108,532 އެއްގަމު އުޅަނދު ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ. މިއީ 2017 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީ ކޮށްދީފައިވާ 97,213 އެއްގަމު އުޅަނދާ އަޅާބަލާއިރު 11 ޕަސެންޓް އިތުރުވުމެކެވެ.
މިދިޔަ އަހަރު މުޅިން އަލަށް ރާއްޖޭގައި 11,319 އެއްގަމު އުޅަނދެއް ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ. މި އަދަދަކީ 2017 ވަނަ އަލަށް ރަޖިސްޓްރީ ކޮށްދިން 10,087 އެއްގަމު އުޅަނދާ އަޅާ ބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.
އެއްގަމު އުޅަނދު ހަލުވިކަމާއެކު އިތުރުވަމުންދާއިރު އެންމެ ބޮޑަށް އިތުރުވެފައިވަނީ މޮޓޯ ސައިކަލް އެވެ. މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 89,897 ސައިކަލް ރަޖިސްޓްރީކޮށްދީފައިވެ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރަޖިސްޓްރީކޮށްފައިވާ 80,859 ސައިކަލްއާ އަޅާ ބަލާއިރު 12 ޕަސެންޓް އިތުރުވުމެކެވެ. މިދިޔަ އަހަރު މުޅިން އަލަށް 9038 ސައިކަލް ވަނީ ރަޖިސްޓްރީ ކޮށްދީފަ އެވެ. މި އަދަދަކީ އޭގެ ކުރީ އަހަރު ރަޖިސްޓްރީ ކޮށްދީފައިވާ 7558 ސައިކަލްއާ އަޅާ ބަލާއިރު 19 ޕަސެންޓުގެ އިތުރު ވުމެކެވެ.
ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯ އިން ބުނެފައިވާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 6,325 ކާރު ރަޖިސްޓްރީ ކޮށްދީފައިވާއިރު، މުޅިން އަލަށް 502 ކާރެއް ވަނީ ރަޖިސްޓްރީ ކޮށްފަ އެވެ.
ރާއްޖޭގައި ހަލުވިކަމާއެކު އެއްގަމު އުޅަނދުގެ އަދަދު އިތުރުވުމުގެ ސަބަބުން ދަނީ ތަފާތު މައްސަލަތަކެއް ނުކުންނަމުންނެވެ. ހާއްސަކޮށް ވެރިރަށް މާލޭގައި ވެހިކަލް އިތުރުވެ، ޓްރެފިކަށް ވަނީ ބާރު ބޮޑުވެފަ އެވެ. މާލޭގައި ލައްކައަކަށް ވުރެ ގިނަ ސައިކަލް އާއި 6،000 އަށްވުރެ ގިނަ ކާރު ދުއްވާ ކަމަށް ޓްރާންސްޕޯޓުން ކުރިން ބުނެފައިވެ އެވެ.