ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ޕީއެންސީ

ވަޒީފާ އިޔާދަކޮށްދޭން ޕީއެންސީ ދަފްތަރެއް ހަދަނީ

މި ސަރުކާރުގައި ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް މުސާރަ އާއިއެކު ވަޒީފާ އިޔާދަކޮށްދިނުމަށް ދަފްތަރެއް އެކުލަވައިލަން ނިންމާފައިވާ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ދެ ޕާޓި ކަމަށްވާ ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، އެޕާޓީއަށް މިހާރު އެންމެ ގިނައިން ހުށަހެޅެމުންދާ ޝަކުވާ އަކީ ވަޒީފާގެ ބިރު ދެއްކުމާއި ވަޒީފާއިން ވަކި ކުރުން ކަމަށެވެ. އެހެންކަމުން އެޕާޓީން ދަފްތަރެއް އެކުލަވައިލަން ނިންމީ ކަމަށެވެ. ދަފްތަރުގައި ނޯޓު ކުރުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ދަފްތަރަގައި ރަޖިސްޓްރީ ވުމަށް އެދި ދޫކުރާ ފޯމް ގައި ހާއްސަ ސީރިއަލް ކޯޑެއް ހިމަނާ ގޮތަށް ނިންމާފައިވާތީ، ފޯމް ހަމައެކަނި ލިބެން ހުންނަނީ ޕާޓީ އޮފީހުން ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ 2023 ވަނަ އަހަރު ވެރިކަން ކުރާނީ ޕީޕީއެމް ނުވަތަ ޕީއެންސީ ކަމަށެވެ. އަދި އެއަށްފަހު ނުހައްގުން ވަޒީފާއިން ވަކިކޮށްފައިވާ ހުރިހާ ފަރާތްތަކަށް މުސާރަ އާއިއެކު ވަޒީފާ އަލުން އަނބުރާ ދޭނެ ކަމަށެވެ. މީގެ އިތުރުން ވަޒީފާ އާއި ބެހޭ ޓްރިބިޔުނަލް އަށް މައްސަލަ ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ދެ ޕާޓީގެ ފަރާތުން ގާނޫނީ ލަފާ ދެއްވަމުން ގެންދާނެ ކަމަށެވެ.

"2023 ގައި އަޅުގަނޑުމެން އަނބުރާ ވެރިކަމަށް އަންނާނަން. ވެރިކަމަށް އައުމަށް ފަހު، މި ސަރުކާރުން އިހާނެތިކޮށް އަދި އަޅުގަނޑުމެން އުފެއްދި ވަޒީފާތަކުން ވަކިކުރާ ކޮންމެ ރައްޔިތަކަށް މުސާރައާ އެކު އަޅުގަނޑުމެންގެ ސަރުކާރުގައި ވަޒީފާ އިޔާދަކޮށް ދޭނަން" ޝުޖާއު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރާއްޖޭގެ ވަޒިފާގެ ބާޒަރު ވަރަށް ތިޔާގި ކަމަށް ޝުޖާއު ވިދާޅުވި އެވެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރަށް ހަ މަސް ވީއިރު ގިނަ އަދަދެއްގެ މީހުން ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. އަދި ވަޒީފާއިން ވަކިކޮށްފައިވަނީ ވެސް ޔާމީންގެ ވެރިކަމުގައި އުފެއްދި ވަޒީފާތަކުގައި ތިބި ފަރާތްތަށް ކަމަށް ޝުޖާއު ވަނީ ވިދާޅުވެފަ އެވެ.

ޕީޕީއެމްގެ ސަރުކާރުން އުފެއްދި ވަޒީފާތަކުންނާއި އެ ނޫން ވެސް ސަރުކާރުގެ މަގާމްތަކުން ވަކިކޮށް، ޒުވާނުން ބިކަ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް ހައްލު ހޯދަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޝުޖާއު ވިދާޅުވި އެވެ. ވިދާޅުވި އެވެ.