ފޮރިން މިނިސްޓްރީ

ދެކޮޅަށް ވޯޓު ދިނީ ރާއްޖޭގެ ބައެއް ގެއްލެން ބޭނުން ނުވާތީ: މިނިސްޓްރީ

ޗާގޯސް އައިލެންޑްސް އިގިރޭސިވިލާތުގެ ބާރުގެ ދަށުން ނަގައި މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައެޅުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެންދާން ބޭނުން ނުވާތީ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އދ. ގައި ރޭ ނެގި އާންމު ވޯޓުގައި، މޮރިޝަސްއާ އެއްކޮޅަށް 116 ގައުމަކުން ވަނީ ވޯޓުދީފަ އެވެ. އެމެރިކާ އާއި އިނގިރޭސިވިލާތާއި، ރާއްޖެއާއެކު އެ ގަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ ރާއްޖޭގެ ހިމެނޭ ގޮތަށް އެންމެ ހަ ގައުމަކުންނެވެ. ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި ހިމެނޭ ގިނަ ގައުމުތަކާއެކު ޖުމްލަ 56 ގައުމަކުން ވަކި ކޮޅަކަށް ވޯޓުދީފައެއް ނުވެ އެވެ. ނަމަވެސް، އެ ގަރާރަށް އަމަލުކުރުން އިނގިރޭސިވިލާތަށް ލާޒިމެއް ނޫނެވެ.

ރާއްޖެއިން ވޯޓު ދިންގޮތާއި މެދު ގިނަ ބަޔަކު ފާޑު ކިޔަމުން ދަނިކޮށް މިއަދު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފަ ވަނީ ގާނޫން ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދު ކަނޑައަޅާފައި ވަނިކޮށް، އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދ. ގެ އާއްމު މަޖިލީހަށް ނުވަތަ އެނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ވިޔަސް ދިވެހި ސަރުކާރަށް ތާއީދު ނުކުރާނެ ކަމަށެވެ.

މީގެ ކުރިން ރާއްޖޭން ދެކެފައިވަނީ ޗާގޯޒް މައްސަލައަކީ މޮރިޝަސްއާ އިނގިރޭސިވިލާތާ ދެމެދުގައިވާ ދޭދޭ ގައުމުގެ މައްސަލައެއް ގޮތުގަ އެވެ. ނަމަވެސް، 2010 ވަނަ އަހަރު ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފްގެ ސަރަހައްދު ކަނޑައަޅައިދިނުމަށް އެކަމާބެހޭ ބައިނަލްއަގުވާމީ ކޮމިޝަނަށް ހުށަހެޅުމުން، މޮރިޝަސްއިން ވަނީ އެކަމާ އިއުތިރާޒުކޮށް އދ. ގެ ސެކްރެޓަރީ ޖެނެރަލަށް ރަސްމީކޮށް ހުށަހަޅައިފަ އެވެ.

ކޮންޓިނެންޓަލް ޝެލްފް ކަނޑައެޅުމާބެހޭ މުއާހަދާގެ ދަށުން، ގައުމެއްގެ ކޮންޓިނެންޓަލް ޝެލްފްގެ ގޮތުގައި ބެލޭނީ އެ ގައުމެއްގެ އައްސޭރިފަށުން ފެށިގެން 200 މޭލު ސަރަހައްދެއް ކަމަށެވެ.

މޮރިޝަސްއިން އިއުތިރާޒްކޮށްފައިވަނީ ރާއްޖޭގެ ހުށަހެޅުމުގައި ޗާގޯޒްގެ ހާއްސަ އިގުތިސޯދީ ސަރަހައްދު ފާހަގަކޮށްފައިނުވާތީއާއި، ރާއްޖޭން ދައުވާކުރާ ސަރަހައްދާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާކަމަށް ބުނެ އެވެ. އަދި ޗާގޯޒްއާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދާމެދު ދެގައުމުގެ ދެމެދުގައި ވަކިގޮތަކަށް އެއްބަސްވުމަކަށް އައުމަށް މޮރިޝަސްއިން ދަނީ ގޮވާލަމުންނެވެ.

ފޮރިން މިނިސްޓްރީން ބަޔާނުގައި އިތުރަށް ބުނެފަ ވަނީ، އެމނިސްޓްރީން ވޯޓު ދިނުމުގައި އަމަލު ކޮށްފައިވަނީ 1990 އިން ފެށިގެން މިހާތަނަށްވެސް އަމަލު ކުރަމުން އައިގޮތަށް ކަމަށެވެ.

ފޯޅަވައްސަކީ ދިވެހިރާއްޖެއާއި 500 ކިލޯމީޓަރު ދެކުނުގައި އޮންނަ ހަތް އަތޮޅަކަށް ނިސްބަތްވާ 60 ރަށެވެ. މިހާރު އެ ރަށްތަކަކީ އިނގިރޭސި ސަރުކާރުގެ ބެލުމުގެ ދަށުގައިވާ "ބްރިޓިޝް އިންޑިއަން އޯޝަން ޓެރިޓަރީ" އެކެވެ. ޗާގޯސް އައިލެންޑްސްގެ 60 ރަށުގެ ޖުމްލަ ބޮޑުމިނުގައި 56 އަކަ ކިލޯމީޓަރު ހުރެއެވެ. އެންމެ ބޮޑު ރަށަކީ ޑިއޭގޯ ގާސިއާއެވެ. ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރިީ ބޭހެކެވެ.