ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު މޯދީއަށް މަރުހަބާ ދަންނަވައިފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެ ގައުމުގައި މިހާރު ކުރިއަށްދާ އާއްމު އިންތިހާބުގައި ކުރި ހޯއްދަވާފައިވާތީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޯދީއަށް މަރުހަބާ ދަންނަވައިފި އެވެ.

މޯދީ އަށް މަރުހަބާ ދަންނަވާ ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އާއްމު އިންތިހާބުން ފެނިގެން ދަނީ އިންޑިއާގެ ރައްޔިތުން ބީޖޭޕީއަށް ކުރާ އިތުބާރު ކަަމަށެވެ. އަދި މިހާރުވެސް ރާއްޖެ، އިންޑިއާއެކު އޮތް ގާތް ގުޅުން ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމައުއްމީދު ކުރައްވާ ކަމަށެވެ.

އިންޑިއާގައި ހަތް ފިޔަވައްސަށް ބަހާލައިގެން ކުރިއަށް ދިޔަ ދުނިޔޭގެ އެންމެ ބޮޑު އިންތިހާބުގައި ވޯޓު ގުނުން ކުރިއަށްދާއިރު، ގިނަ ސަރަހައްދުތަކުގައި ކުރި ހޯދާފައިވަނީ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ ޕާޓީ އެވެ.

އާންމު އިންތިހާބުގައި އިންޑިއާ ޕާލިމަންޓުގެ ތިރިގެ "ލޯކް ސަބާ" އަށް 542 މެމްބަރުން އިންތިހާބުކުރާއިރު، މިހާތަނަށް ދައްކާ ނަތީޖާތަކުން މޯދީގެ ބަރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އިން 320 ގޮނޑީގެ ލީޑު ވަނީ ނަންގަވައިފަ އެވެ. މައި އިދިކޮޅު އިންޑިއަން ނެޝަނަލް ކޮންގްރެސް (އައިއެންސީ) ކުރީގައި އޮތީ 100 ވަރަކަށް ދާއިރާގައި އެވެ.

އެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 900 މިލިއަން މީހުންނަށް ލިބިފައި ވެއެވެ. މި އިންތިހާބު ސިފަކޮށްފައިވަނީ މޯދީއަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގަ އެވެ. އިދިކޮޅު އިއްތިހާދުން ވެސް މުޅި އިންތިހާބު އަމާޒުކޮށްފައިވަނީ މޯދީގެ ނާކާމިޔާބީގެ މައްޗަށެވެ.