ގުޅި

ގުޅީ ތެރެއިން ފެނުނީ ނަސޭހަތް!

Jun 10, 2019
19

މި ގުޅި ކަހަލަ ގިނަ ރަށްރަށަށް ދާއިރު ހުރިހާ ދިމާއަކުން މޫނުމަތީގައި ޖެހޭނީ ކޮންމެ ވެސް ސިޔާސީ ޕޯސްޓަރެއް، ކެމްޕޭން ފޮޓޯ އެކެވެ. ނޫނީ ކޮންމެވެސް ގްރެފިޓީ އެކެވެ. ބޮޑެތި މަގުތަކާއި ރަށުގެ ގޯޅިތަކުގައި އެ ނޫން އެއްޗެއް ނުހުރެ އެވެ. ދެން ފެންނާނީ ފިޔާތޮށި ކުލަ އާއި ރީނދޫ ކުލައިގެ ފާރުތަކެވެ. މި ރަށުގެ މަގުތަކުން ވެސް މިދެ ކުލަ ފެނެ އެވެ. އެކަމަކު މި ކުޑަކުޑު ގުޅީގައި މި ދެ ކުލައިގެ މައްޗަށް ގަދަކޮށްފައި ވަނީ މި ރަށުގެ މަގު ފާރުތަކުގައިވާ ނަސޭހަތުގެ ފެހި ކުލަ އެވެ. މި ރަށަށް އަރާ މީހާއަށް ކިޔައިދޭނީ ނަސޭހަތެވެ. ރަށުގެ ބޮޑެތި މަގުތަކާއި ހަތަރު އަނގޮޅިތަކުގައި ހަރުކޮށްފައިވާ ފެހި ކުލައި ޕޯސްޓަރުތަކުން ދެނީ ނަސޭހަތެވެ. މުޅި ގުޅީ ތެރެ އިން ފެނަނީ ނަސޭހަތެވެ.

މި ރަށުގެ ބޮޑު މަގުން ރަށު ތެރެއަށް އަރާ މީހާއަށް ފުރަތަމަ ކިޔައި ދެނީ އިހުތިރާމް ކުރުމުގެ ނަސޭހަތެކެވެ. ތި އަރަނީ ގުޅި އަށެވެ.

"ތަންތަނުގައި ހާޒިރުވެ ނެތް މީހުންނަށް އިހުތިރާމް ކުރާށެވެ. އޭރުން ހާޒިރުވާ މީހުން ތިބާއަށް އިހުތިރާމް ކުރާނެ އެވެ." ބޮޑު މަގު ފާރުގައި ހަރުކޮށްފައިވާ ފެހި ކުލައިގެ ޕޯސްޓަރުގައި ލިޔެފައިވެ ވެ އެވެ.

މި ރަށުގެ މިސްކިތް ހުންނަނީ މި ރަށުގެ މައި މަގުގަ އެވެ. އާބާދީގައި ގާތްގަނޑަކަށް ހާހެއްހާ މީހުން އުޅޭ ހިތްގައިމު ގުޅީގެ މިސްކިތް ކައިރިއަށް ދާ ވަރަކަށް ނަސޭހަތް ދެނީ ނަމާދުގެ މުހިންމު ކަމާއި އެކަމަށް ސަމާލުވުމުގެ ވާހަކަ އިންނެވެ.

"ނަމާދަށް އަވަހަށް އަންނާށެވެ. ސަލާމަތާއި ނަސީބު ލިބިގަތުމަށް އަވަހަށް އަންނާށެވެ!" އަދިވެސް ލިޔެފައި ހުރެއެވެ. "ނަމާދު ދޫކޮށްފިނަމަ އުފުލާއި ހިތްހަމަ ޖެހުން ތިބާ ދޫކޮށްދާނެ އެވެ."

"ނަމާދު ކުރާނެ ވަގުތު ނުވިއަސް، މަރާ ބައްދަލު ކުރާނެ ވަގުތު ވާނެ އެވެ." ދެން، ހަނދާން ކޮށްދެނީ އާހިރަތުގެ މަތިންނެވެ. ހިސާބު ބެއްލެވޭނެ އެވެ. އެކަން ޔަގީނެވެ. "ޒިންމާދާރު މީހަކީ ހަމައެކަނި ދުނިޔެވީ ނަޒަރުން ޒިންމާދާރު މީހެއް ނޫނެވެ. އެ މީހަކީ އެންމެ ބޮޑު ހިސާބު ކިތާބު ބެލެވޭނެ ދުވަހަކަށް ތައްޔާރު ވެގެން ހުންނަ މީހާ އެވެ.

ދުނިޔެއަކީ ވަގުތީ ތަނެއްކަން ވެސް ގުޅިން ހަނދާން ކޮށްދެ އެވެ. އެ ގޮތުން ބުނެދެ އެވެ: "ދުނިޔެއަކީ މުއުމިނުންގެ ހުރަގެ އެކެވެ. އަދި ކާފަރުންގެ ސުވަރުގެ" އެކެވެ

ގުޅީ ކައުންސިލްގެ ނައިބު ރައީސް އިބްރާހިމް އާސިފް ވިދާޅުވި ގޮތުގައި މިހާ ބައިވަރު ނަސޭހަތްތައް މި ރަށުގެ އެކި ދިމާގައި ހަރުކޮށްފައިވަނީ ރަށުގެ މީހަކު އިސް ނަގައިގެން ނުކުމެ އެވެ. އޭނާ އެކަން ކޮށްފައި ވަނީ ނިމިގެން ދިޔަ ރޯދަ މަހާ ދިމާކޮށެވެ.

"މި ރަށުގެ ހެޔޮ އެދޭ ފަރާތަކުން ކުރީ. މި ހަރު ކުރަން ކައުންސިލްގައި އެހީއަކަށް އެދުނު. އެކަމަކު ކައުންސިލުން އެކަން ކޮށް ނުދެވިގެން އުޅެނިކޮށް އަމިއްލަށް ހަރުކޮށްފި،" ރަށު ޓޫރިޒަމްގައި މިހާރު ދުނިޔެއަށް ވަރަށް ބޮޑަށް ތައާރަފުވެފައިވާ ގުޅީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވި އެވެ.

ގުޅީގައި ނަސޭހަތް ދެނީ ކާކު ހެއްޔެވެ؟ މި މަސައްކަތް ކޮށްފައިވަނީ މި ރަށުގެ ކޯޓުގައި ވަޒީފާއެއް އަދާ ކުރާ މުހައްމަދު ހުމޭދު އެވެ. އޭނާ ބުނި ގޮތުގައި ރަށުގެ އެކި ދިމަ ދިމާގައި ނަސޭހަތުގެ ބަސްތައް ހަރު ކުރުމަކީ ކުރިންސުރެ ކުރަން ވަރަށް ބޭނުންވެފައި ހުއްޓާ ކުރެވުނު ކަމެކެވެ.

"ވަރަށް ކުރަން ބޭނުންވި ކަމެއް މިއީ. އެހެންވެ އެކި މީހުންގެ އެހީގައި މި މަސައްކަތް ކުރީ. ހެޔޮ އެދޭ މީހުންގެ އެހީއާއެކު މުޅި ރަށުގައި 27 ޕޯސްޓަރެއް ހަރުކޮށްފައި ހުންނާނެ،" ހުމޭދު ބުންޏެވެ.

ހަސަދަވެރިވުމުގެ ނުބައި ކަމުގެ ނަސޭހަތް ވެސް މި ރަށުގެ މަގަކުން ފެނެ އެވެ. އޭގައި ވެއެވެ. "ތިމާގެ އަހާ އަށް ހަސަދަވެރިވެ، ނަފްރަތު ކުރުމަކީ އީމާކަން ބަލިކަށިވެފައިވާ ކަމުގެ އަލާމާތެކެވެ."