ރިޕޯޓް

ބިޔަ މަޝްރޫތައް ނުފެށޭ، އިގްތިސޯދަށް ނުރައްކާ!

މިދިޔަ ފަސް އަހަރު ވެގެން ދިޔައީ ރާއްޖޭގައި އިގްތިސޯދީ ހަރަކާތްތައް ގިނަ އަހަރު ތަކަށެވެ. ހާއްސަކޮށް ރާއްޖޭގައި އިގްތިސޯދީ ބޮޑެތި މަސައްކަތް ތަކެއް ކުރި އެވެ. މީގެތެރޭގައި އުމްރާނީ ތަރައްގީން ފެށިގެން ދޭދޭ އަމިއްލަ ވިޔަފާރިވެރިންގެ މެދުގައި ހިންގި ބޮޑެތި މަސައްކަތްތައް ވެސް ހިމެނެވެ. އެހެންވެ އެ ފަސް އަހަރު ވެގެން ދިޔައީ ރާއްޖޭގެ އިގްތިސޯދީ ހަރަކާތްތައް ގިނަ ފަސް އަހަރަށެވެ. ފަސް އަހަރު ކުރިން ފެށި ގިނަ މަސައްކަތްތައް މިހާރު ވަނީ ނިމެން ފަށާފަ އެވެ. މި މަސައްކަތް ނިމިގެންދާއިރު އާ މަސައްކަތް ތަކެއް ނުފެށިއްޖެނަމަ ރާއްޖޭގެ އިގްތިސޯދަށް ކުރާނީ ކޮން އަސަރެއް ހެއްޔެވެ؟ މީގެ ސަބަބުން އިގްތިސާދަށް ގެއްލުން ވެދާނެ ހެއްޔެވެ؟

"ކޮންމެ ގައުމެއްގައި ވެސް އިގްތިސޯދު ދެމެހެއްޓުމަށްޓަކައި ބޭނުންވޭ ވަކި ވަރަކަށް އިންވެސްޓްމަންޓް. މަސައްކަތް ކުރިއަށް ދާން. އެހެންނޫނީ ގައުމުގެ އިގްތިސޯދު ފުރިހަމަ ގޮތުގައި ކުރި އަށް ދިއުމަށް ދަތިތަކާ ކުރިމަތިވާނެ،" ރާއްޖޭގެ ރިސޯޓް އޯނަރަކު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ކުރިއަށްދާ ބިޔަ މަޝްރޫއުތަކުގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫ އެވެ. އެ މަސައްކަތުގެ އަގު ހަމައެކަނި އެއް ބިލިއަން ޑޮލަރަށް އަރަ އެވެ.

އަދި ރާއްޖޭގެ އިގްތިސޯދުގެ މައި ބަދަ ކަމަށްވާ ޓޫރިޒަމް ސިނާއަތުގައި ރިސޯޓު ތަރައްގީ ކުރުމުގެ 140 މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ބޮޑު މަސައްކަތަކީ އެނބޫދޫ ފަޅުގައި ތައިލެންޑުގެ ސިންހަ ކުންފުނިން ހިންގާ ރިސޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތުގެ އަގު ވެސް އެއް ބިލިއަން ޑޮލަރަށްވުރެ ބޮޑެވެ.

އެ ކުންފުނިން ޕްލޭން ކޮށްފައިވަނީ އެ މަސައްކަތުގެ ބައެއް ވެސް މި އަހަރު ނިންމައި ހުޅުވުމަށެވެ. އަދި މާލެ އަތޮޅުގައި ގަތަރުގެ އިންވެސްޓަރެއްގެ އެހީގައި ތަރައްގީކުރާ ބޮޑު ރިސޯޓު ވެސް މި އަހަރު ނިމޭނެ އެވެ. މި ހުރިހާ މަސައްކަތެއް ނިމުމުން ކޮންސްޓްރަކްޝަން ޕީރިއަޑްގައި އިގްތިސޯދުގައި ހުރި ދުވެލި ދައްވެގެން ދާނެ އެވެ.

އިމާރާތް ކުރުމުގެ ދާއިރާ ބުރަކި ޖެހެނީ

ރާއްޖޭގެ އިގްތިސޯދުގެ ހަގީގީ މަންޒަރު ދައްކުވައިދޭ އެއް ސިނާއަތަކީ އިމާރާތް ކުރުމުގެ ދާއިރާ އެވެ. މިދިިޔަ އަހަރުތަކުގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓުމުގައި މި ސިނާއަތުން ވަނީ މުހިންމު ރޯލެއް ކުޅެފަ އެވެ. މިދިޔަ އަހަރު އެކަނި އިމާރާތް ކުރަން ރާއްޖެއަށް އެތެރެކުރި ސާމާނުގެ އަދަދު 35 ގުނަ ވަނީ ކުރީ އަހަރާ އަޅާބަލާއިރު އިތުރުވެފަ އެވެ.

މިދިޔަ އަހަރު ހިންގި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް (ޕީއެސްއައިޕީ) މަޝްރޫއުތަކަށާއި އިމާރާތް ކުުރުމުގެ ދާއިރާއަށް ބޭންކުތަކުން ވަނީ ގިނަ އަދަދެއްގެ ލޯނު ދީފަ އެވެ. ނަތީޖާއަކީ މި ދާއިރާ ބޮޑުތަކުން ކުރިއެރުން ލިބުމެވެ. ނަމަވެސް މި މަސައްކަތްތައް ނިމެމުން ދާވަރަކަށް މި ސިނާއަތުގެ ބުރަކި ދަނީ ފިތެމުންނެވެ.

މި ބަދަލު ކޮންސްޓްރަކްޝަން ސިނާއަތުން ވަނީ ފެންނަން ފަށާފަ އެވެ. ސަބަބަކީ އިގްތިސޯދަށް އަންނަ ކޮންމެ ލޮޅުކަމާއި ކޮންމެ އަސަރެއްގެ އަވަސް ބަދަލު އަންނަ ސިނާއަތަކަށް އިމާރާތް ކުރުމުގެ ދާއިރާވުމެވެ.

އިމާރާތް ކުރުމުގެ ސިނާއަތް ހުއްޓުމަކަށް އައުމަކީ އިގްތިސާދަށް އޮތް ބިރަކަށް ނުވާނެ ހެއްޔެވެ؟

މަރުކަޒީ ބޭންކުން ނެރެފައިވާ މިދިޔަ އަހަރުގެ ފަހު ކްއާޓަރުގެ "ކްއާޓަލީ ބިޒްނަސް ސާވޭ" އިން އެ ޖަވާބު ލިބެ އެވެ.

އެ ދިރާސާއިން ދައްކާ ގޮތުގައި އިމާރާތް ކުރުމުގެ ސިނާއަތުގެ ކުރިއެރުން އެހެން ސިނާއަތްތަކާ އަޅާ ބަލާއިރު ވަނީ ވަނީ "ހުއްޓިފަ" އެވެ. ނުވަތަ ބުރަކިޖެހިފަ އެވެ. އެހެން ސިނާއަތްތަތަކަށް ކުރިއެރުން ލިބުނުއިރު އިމާރާތް ކުރުމުގެ ދާއިރާއަށް ކުރިއެރުމެއް ނާދެ އެވެ. މިއީ އިގްތިސޯދީ މާހިރުންގެ ނަޒަރުގައި ރަނގަޅު އިންޑިކޭޝަނެއް ނޫނެވެ. އިމާރާތް ކުރުމުގެ ސިނާއަތް ބުރަކިޖެހުމުގެ މާނައަކީ އިގްތިސޯދުގެ ކޮންމެ ވެސް ދިމާލެއްގައި ހުއްޓުމެއް އުޅުން ކަމަށް މާހިރުން ގަބޫލު ކުރައްވަ އެވެ.

އިގްތިސޯދީ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅަކު ވިދާޅުވި ގޮތުގައި އިމާރާތް ކުރުމުގެ ދާއިރާ އިން ދައްކުވައިދެނީ ގައުމު ސްޕީޑެވެ.

"ސަރުކާރުގެ ޕްރޮޖެކްޓްތައް ގިނަކޮށް، ޕްރައިވެޓް ސެކްޓާގެ މަސައްކަތް ވެސް ގިނަ ކުރަން އެބަޖެހޭ. އެހެން ނޫނީ ހަގީގީ ސްޕީޑެއް އިކޮނޮމީއަކުން ނުފެންނާނެ. އިމާރާތް ކުރުމުގެ ދާއިރާއަކީ އެސްއެމްއީ [ކުދި އަދި މެދުފަންތީގެ ވިޔަފާރި] އެންމެ ގިނައިން އުޅޭ އެއް ދާއިރާ. މި ދާއިރާއަށް ގިނަ މަސައްކަތްތަކެއް ދީގެން އިގްތިސޯދަށް ދިރުން ގެނެވޭނީ. އެމީހުން ކޮޅަށް ޖައިގެން ނޫން ގޮތަކަށް އާއްމުގެ އަތުގައި ދައުރުވާ ފައިސާ ގިނައެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.

އައިއެމްއެފުން ދެނީ އިންޒާރު

ދިވެހި ސަރުކާރުން ބުނާ ގޮތުން މި އަހަރު ރާއްޖޭގެ އިގްތިސޯދީ ދުވެލި ހުންނާނެ ކަމަށް ބެލެވެނީ ހަތް ޕަސެންޓުގަ އެވެ. ނަމަވެސް ސަރުކާރުގެ ބުނުމުގެ މައްޗަށް ގަދަވަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ބަހެވެ. އައިއެމްއެފް އިން އެންމެ ފަހުން ރާއްޖެއާބެހޭ ގޮތުން ނެރެފައިވާ ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިގްތިސާދު މި އަހަރު ބުރަކި ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެ ފަންޑުން ބުނެފައިވާ ގޮތުގައި ގައުމީ އުފެއްދުންތެރިކަން 2019 އަދި 2020 ވަނަ އަހަރު ކުރިއަރާނެ ކަމަށް ލަފާކުރެވޭ މިންވަރު 2018 ވަނަ އަހަރަށް ވުރެ ކުޑަ މިންވަރަކަށް ދަށްވެދާނެ ކަމަށް ބެލެވެ އެވެ. މިގޮތުން، ގައުމީ އުފެއްދުންތެރިކަން މިއަހަރު 6.5 ޕަސަންޓުގައި ހުންނާނެ ކަމަށް ލަފާ ކުރެވޭއިރު، އަންނަ އަހަރު އެ އަދަދު ހަ ޕަސަންޓަށް ދަށްވެދާނެ އެވެ.

ފިސްކަލް އަދި އެކްސްޓާނަލް ސެކްޓާގެ ހާލަތާއި ގުޅިގެން އިގްތިސޯދަށް ކުރިމަތިވެދާނެ ގޮންޖެހުންތައް ކުޑަ ކުރުމަށްޓަކައި ސަރުކާރުގެ މާލީ ސިޔާސަތުތައް އިތުރަށް ހަރުދަނާ ކުރަންޖެ ހޭކަމަށް އައިއެމްއެފުން ބުނެފައިވެ އެވެ.

އައިއެމްއެފުން ބުނި ގޮތުގައި، ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސޯދު ކުރިއަރުވައި، މެދު ރާސްތާގެ އިގްތިސޯދީ ތަސައްވުރު ރަނގަޅު ކުރެވޭނީ އިގްތިސޯދުގައި ވާދަވެރިކަން ފުޅާކޮށް، އަމިއްލަ ފަރާތްތަކުގެ ވިޔަފާރި ކުރިއެރުމަށް ބޭނުންވާ އިންވެސްޓްމަންޓް ތަކަށް ފަހި މާހައުލެއް ބިނާ ކޮށްގެނެވެ.

ރާއްޖޭގެ އިގްތިސޯދު ތާއަބަދު އޮންނަނީ އިމްޕޯޓަށް ބަރޯސާ ވެގެނެވެ. އެހެންވެ އަބަދު ބޭރު ފައިސާގެ ދަތިކަން ކުރިމަތިވެ އެވެ. ހާއްސަކޮށް ޓޫރިޒަމް ކުޑަކޮށް ވެސް ހީނަރުވާ ހާލަތުތަކުގައި މިކަން ދައްކަ އެވެ. އެހެންވެ މިފަދަ ދަނޑިވަޅުތަކުގައި ވެސް ހުސްތަން ފުރާނީ ބޮޑެތި މަޝްރޫއުތަކެވެ. އިގްތިސޯދުގައި ފައިސާ ދައުރުކުރާ އެއް ބަޔަކީ ބޮޑެތި މަޝްރޫއުތަކާ ގުޅުންހުރި ފަރާތްތަކެވެ. އެހެންވެ އަބަދުވެސް ގައުމުގައި ބިޔަ މަޝްރޫއުތައް ހިންގަން ޖެހެ އެވެ. އެހެންނޫނަމަ އިގްތިސޯދަށް މީގެ ގެއްލުން ބޮޑުވުމުގެ ފުރުސަތު އޮންނާނެ އެވެ.