ކުށްކުރުން

ދިއްފުށީގައި މިރޭ ވެސް ހަމަނުޖެހުން: ބަޔަކަށް ހަމަލާދީފި

މިރޭ ވެސް ކ. ދިއްފުށީގައި ހަމަނުޖެހުން ހިންގައިފި އެވެ. ދިއްފުށީފައި އާއްމުންގެ ބަޔަކު ހަމަނުޖެހުން ހިންގަނީ އެ ރަށުން ވައްކަންކުރަމުންދާ މައްސަލަ އިތުރުވަމުންދާތީ އެވެ.

ފުލުހުން ވަނީ މިރޭ ދިއްފުށީގައި ހަމަނުހެޖުން ހިނގައިކަން އުޅޭކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ދިއްފުށީގައި ރޭ ހިނގި ހަމަނުޖެހުންތަކުގައި ހިނގި މާރާމާރީއެއް ގައި ވަނީ ދެ މީހަކަށް އަނިޔާވެފަ އެވެ. މީގެ ތެރެއިން ހާލު ސީރިޔަސްވި މީހާ ވަނީ މާލެ ގެނެސް ސާޖަރީ އެއް ކޮށްފަ އެވެ.

ދިއްފުށީގައި ހިނގަމުންދާ ހަމަނުޖެހުންތަކަކީ އެރަށު ފިހާރައަކުން 180،000ރ. އާއި ތިޖޫރީއެއް ވަގަށް ނެގި މައްސަލައެއްގައި ވަގު ހޯދަން ކަމަށް ބުނެ އާންމުން ނުކުމެ އެކަން ތަހުގީގު ކުރުމުގެ ނަމުގައި ހިންގާ ކަންތައްތަކެކެވެ.

މިރޭ އެ ރަށުގެ ބަޔަކު ނުކުމެ އެކަމުގެ ތުހުމަތު ކުރެވޭ ބަޔަކަށް ވަނީ ހަމަލާދީފަ އެވެ. އަދި ވަގަށް ނެގި ތިޖޫރީ ވަނީ ހޯދާފަ އެވެ. އޭގެން ފައިސާ ފެނުނު ކަމެއް ނުވަތަ ނޫން ކަމެއް ސާފެއް ނުވެ އެވެ. އެ ރަށަށް ފުލުހުން ދިޔުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ވަނީ އެރަށު ފަޅުގައި އަޅައިފައި އޮތް ޑިންގީ އެއްގައި ރޭ އަލިފާން ރޯކޮށްފަ އެވެ. ޑިންގީ ރޯކޮށްފައިވަނީ އެއީ އެރަށުން ވައްކަން ކުރަމުންދާ މީހެއްގެ ޑިންގާ ކަމަށް ބުނެ އެވެ.