މާޒިޔާ

އަފްގާންގެ ގައުމީ ކީޕަރު މާޒިޔާއަށް ސޮއި ކޮށްފި

އަފްގާނިސްތާންގެ ގައުމީ ޓީމުގެ ކީޕަރު އޮވައިސް އަޒީޒީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް، ސޮއި ކޮށްފި އެވެ.

އެފްއޭއެމުން 2017 ވަނަ އަހަރު އެކަށައަޅާފައިވާ ގޮތުން މި ސީޒަނަކީ، ފުރަތަމަ ޑިވިޝަންގެ ކުލަބުތަކަށް، ބިދޭސީ ކީޕަރުން ގެނެވޭނެ އެންމެ ފަހު އަހަރެވެ. އެހެންވެ ޑެންމާކުގެ ތިން ވަނަ ޑިވިޝަންގެ ބައެއް ކުލަބުތަކަށް ކުޅުނު އޮވައިސް ލައްވައި މާޒިޔާއިން ސޮއި ކުރުވީ މި ސީޒަނަށް އެކަންޏެވެ.

އަފްގާނިސްތާންގެ ދާހިލީ ނުތަނަވަސް ކަމުގެ ސަބަބުން ޔޫރަޕަށް ހިޖުރަ ކުރި އަފްގާންގެ އާއިލާތަކުގެ ތެރޭގައި، އޮވައިސްގެ އާއިލާވެސް ހިމެނެ އެވެ. އޭނާގެ އާއިލާ ހިޖުރަ ކުރީ ޑެންމާކަށެވެ. އޭނާގެ ސީނިއާ ކެރިއާ ފެށީ ޑެންމާކުގެ އެލާރޑް އެފްކޭ ސީނިއާ ޓީމުންނެވެ.

އޭނާ އެންމެ ފަހުން ކުޅުނީ، ޑެންމާކުގެ ލެވަލް ހަތަރެއްގައި ވާދަ ކުރާ ކުލަބު ކޮސްޓްރަޕް ބޯލްޑް ކުލަބަށެވެ. އޮވައިސް އަކީ މާޒިޔާއަށް ގެނައި ފަސް ވަނަ ބިދޭސީ ކީޕަރެވެ.

ރާއްޖޭގެ މިހާރުގެ ކޯޗް ކްރޮއޭޝިއާގެ ޕީޓާ ޝެގަޓް އަފްގާނިސްތާންގެ ގައުމީ ޓީމަށް ކޯޗް ކޮށްދިއިރު، އަފްގާނިސްތާންގެ ގައުމީ ޓީމުން ފުރުސަތު ދިން އޮވައިސް ވަނީ 2015 ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި، ރާއްޖެއާ ދެކޮޅަށް ކުޅެފަ އެވެ.

އަފްގާނިސްތާންގެ ގައުމީ ޓީމާއެކު، އޭނާ ވަނީ މިހާތަނަށް 25 މެޗު ކުޅެފަ އެވެ. އޮވައިސް މާޒިޔާއަށް ގެނައުމުން، މިދިޔަ ސީޒަންގެ މެދުތެރެއިން މާޒިޔާ ގޯލް ބެލެހެއްޓި ޒުވާން ކީޕަރު ހުސައިން ޝަރީފަށް ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމު ގެއްލުނީ އެވެ.

މިދިޔަ އަހަރު މާޒިޔާއަށް ގެނައި އިޓަލީގެ ކީޕަރު ބައުރިޗޯ ފޮނުވާލުމަށް ފަހު ސީޒަން ނިމެންދެން މާޒިޔާގެ ގޯލް ބެލެހެއްޓީ ހުސައިން އެވެ. އޭނާ އަށް ދިން ފުރުސަތުގައި މޮޅު ކުޅުމެއް ދެއްކި އެވެ. މާޗް މަހު ސައުދީ އަރަބިއްޔާގައި ކުރިއަށް ދިޔަ އޭޝިއާގެ 23 އަހަރުން ދަށުގެ ކޮލިފިކޭޝަންގައި،ވެސް އޭނާ ވަނީ ޒުވާން ގައުމީ ޓީމާއެކު މޮޅު ކުޅުމެއް ދައްކާފަ އެވެ.