ހަބަރު

ދިއްފުށީގައި ރޯކޮށްލީ ވައްކަމާ ގުޅުމެއް ނެތް ޑިންގީއެއް

May 24, 2019
5

ވަގުން ހޯދައި އަތުލުމަށް ކަމަށް ބުނެ، ކ. ދިއްފުށީގައި ހިންގި ހަމަނުޖެހުންތަކުގައި ރޯކޮށްލި ޑިންގީއަކީ އެ ވައްކަމާ އެއްވެސް ގުޅުމެއް ނެތް ޑިންގީއެއް ކަމަށް އޭގެ ވެރިފަރާތުން ބުނެފި އެވެ.

އެ ޑިންގީގައި ރޯކޮށްލީ ރަށުގެ ފިހާރައަކުން ގެއްލުނު ތިޖޫރީ އެ ޑިންގީގައި އުފުލި ކަމަށް ބުނެ އެވެ. ނަމަވެސް އޭގެ ވެރި ފަރާތް ކަމަށްވާ ހަސަން ގައްސާން ބުނީ އެފަދަ ކަމެއް ކުރުމަށް އެ ޑިންގީ ބޭނުންކޮށްފައިނުވާނެ ކަމަށެވެ.

"ވައްކަމާ ޑިންގީއާ އެއްވެސް ގުޅުމެއް ނޯންނާނެ، އޭގައި ރޯކޮށްލި މީހުންނަށް ވެސް މިހާރު އެކަން އެނގޭ، އެކަމާ ދެރަ ވެސް ވެފަ ތިބީ،" ގައްސާން ބުންޏެވެ.

ފަރު މަސް ވެރިކަމަށް ބޭނުން ކުރާ އެ ޑިންގީ މިހާރު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފަ އެވެ. ގައްސާން ބުނީ އެކަމުގެ ސަބަބުން އޭނާއަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

ރޭ ދިއްފުށީގައި ބަޔަކު ނުކުމެ، ގެއްލުނު ތިޖޫރީ ވަނީ ހޯދާފަ އެވެ. ތިޖޫރީ ފެނުނީ އެ ރަށު ތުނޑީ ކޮޅުންނެވެ. އަދި އެ ވައްކަމުގައި ތުހުމަތުވާ މީހުންނަށް ދެ ރޭގެ މަތިން ހަމަލާ ވެސް ރަށުގެ ބަޔަކު ދިނެވެ. ހާލު ސީރިއަސްވެގެން އެއް ބަޔަކަށް މާލެ ގެނެސް ފަރުވާ ވެސް ދޭން ޖެހުނެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށަށް ފުލުހުން ގޮސް، ރަށު ތެރޭގައި ވަނީ ހަރަކާތްތެރިވެފަ އެވެ.